މި ސަރުކާރަކީ ވަގުންގެ ސަރުކާރެއް: ރައީސް ޔާމީން
މޭޒުގައި ތިބިކޮޅު ނޫން އަނެއްކޮޅަށް ބަދަލު ވެދާނެކަމަކަށް އެ މީހުނެއް ނުވިސްނާ
ރައީސް މުއިއްޒުގެ ސަރުކާރަކީ ވަގުންގެ ސަރުކާރެއް ކަމަށްް ކުރީގެ ރައީސް އަބްދުއްލާ ޔާމީނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީނު އެހެން ވިދާޅުވީ އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕީއެންއެފް އިން ސިލްސިލާކޮށް ބާއްވަމުންގެންދަވާ ފްރޮންޓް އޮފީހު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަގުންގެ ސަރުކާރުގެ ހުރިހާތަނެއްގައިވެސް ކުރަނީ ވައްކަން ކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. "ފޮޓޯތަކުން ދައްކާ މީހުންގެ އާމްދަނީއާ ނުބައްދަލު މުއްސަދި ކަމަކީ އެންމެން ދަންނަ ކަންކަން" ކަމަށްވެސް ރައީސް ޔާމީނު ވިދާޅުވިއެވެ. ރައީސް ޔާމީނު އިޝާރާތް އެކުރައްވަނީ ޕީއެންސީއަށް ނިސްބަތް އިސްމީހުން ކަމަށް ގަބޫލުކުރެވެއެވެ.
މިއަދު ސަރުކާރުގެ ނުފޫޒުގަދަ މަގާމުތަކުގައި ތިބެގެން ވައްކަން ކުރާމީހުނަށް، އެމީހުން މިއަދު މޭޒުގައި ތިބިކޮޅު ނޫން އަނެއްކޮޅަށް ބަދަލު ވެދާނެކަން އެ މީހުނަށް ނުވިސްނެނީކަމަށް ވެދާނެކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. އެންމެ ވަރުގަދަ އަނިޔާވެރިން ކަންކަން ދެކޭ ގޮތަކީ އެއީކަމަށް ވެސް ރައީސް ޔާމީނު ވިދާޅުވިއެވެ.
ރައީސް މުއިއްޒަކީ ރައީސް ޔާމީނުގެ ހިޔަނީގައި ވެރިކަން ހޯއްދެވުމަށްފަހު ރައީސް ޔާމީނަށާއި ދިވެހި ރައްޔިތުންނަށް ހިޔާނާތްތެރި ވަމުންދާ ވެރިއެއްގެ ގޮތުގައި މަޝްހޫރު ވެރިއެކެވެ، ރައީސް މުއިއްޒަކީ ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމާއި ކޮރަޕްޝަން ހިންގުމުގައި ދެވަނައެއް ނެތް ފަދަ ވެރިއެއްކަމަށް ގިނަ މީހުން ގަބޫލު ކުރެއެވެ.
ރައީސް މުއިއްޒަކީ ކުރީ ސަރުކާރުތަކުގައި ދައުލަތަށް ގެއްލިފައިވާ މުދަލާ ފައިސާ އަނބުރާ ހޯދާދާދިނުމުގެ ވައުދު ތަކުރާރު ކުރައްވަމުން ވެރިކަމަށް ވަޑައިގެން ބޭފުޅެކެވެ. ހައްދެއްނެތް މިންވަރަށް ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމާއި އިސްރާފު ކުރެއްވުމުގައި ވެރިކަމުގެ ދައުރެއް ނިންމަމުންދާ ރައީސެއްކަމަށް ރައްޔިތުން ގަބޫލުކުރާ ބޭފުޅެކެވެ. ރައީސް މުއިއްޒުގެ ސަރުކާރަކީ ވަގުންގެ ސަރުކާރެއް ކަމަށް ވިދާޅުވަނީ ހަމައެކަނި ރައީސް ޔާމީނެއް ނޫނެވެ.


