އެމްޑީޕީގެ ވިސްނުން ދެކަފި | ޒިންމާދާރު އިދިކޮޅެއް ނެތް: މުއިއްޒު

ޕާލަމެންޓްރީ ގުރޫޕުން ހުއްޓުވަންއުޅޭ ޕާލް ރެސިޑެންސީ ޕްރޮގްރާމާ ޗެއަރޕާސަން އެއްކޮޅު

އެމްޑީޕީގެ ވިސްނުން ދެކަފި | ޒިންމާދާރު އިދިކޮޅެއް ނެތް: މުއިއްޒު

ޕާލް ރެސިޑެންސީ ވިސާ މައްސަލައިގައި އެމްޑީޕީގެ ވިސްނުން ދެކަފިވުމަކީ ރައީސް މުއިއްޒަށް ސިޔާސީ ގޮތުން ލިބޭ މޮޅެކެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އިދިކޮޅު މައިޕާޓީއަށް ކުރާ އިތުބާރާއި އުންމީދަށް ލޮޅުންއަރާނެ ކަމެކެވެ. 

ޕާލް ރެސިޑެންސް ޕްރޮގްރާމަކީ ރާއްޖޭގައި ބޮޑެތި އިންވެސްޓްކޮށްގެން ދިގު މުއްދަތަކަށް ރާއްޖޭގައި ބޭރު މީހުންް ދިރިއުޅެން ފުރުސަތުދޭ ވިސާ ޕްރޮގްރާމެކެވެ. ބޮޑެތި ތުހުމަތުތަކަކާއެކު ޕާލް ރެސިޑެންސީ ވިސާ ދިނުން ހުއްޓުވަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހަށް ގަރާރެއް ވަނީ ހުށަހަޅާފައެވެ. ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ހުށަހެޅުއްވި ގަރާރުގެ ބަހުސް ވެސް މަޖިލީހުގައި ވަނީ ފަށާފައެވެ. 

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ޕާލް ރެސިޑެންސީ ޕްރޮގްރާމާ ދެކޮޅަށް ހުށަހެޅި ގަރާރު ބުނާގޮތުން ރެސިޑެންސީ ޕްރޮގްރާމުން ދިވެހި ދައުލަތަށް ލިބޭނެ މާލީ މަންފާއެއް އެނގޭކަށް ނެތެވެ. ގައުމީ ސަލާމަތާއި ދައުލަތުގެ މާލީ ސިޔާދަތަށް ނުރައްކާވާނެ ފަދަ ސީރިއަސް ކަންތަކެއް ފާހަގަކުރެއެވެ. ޕާލް ރެސިޑެންސީ ޕްރޮގްރާމް ވަގުތުން މެދުކަނޑާލާ އެކަމާ ގުޅޭ އެއްބަސްވުން ހާމަކުރުމަށް ގަރާރުގައި ގޮވާލާފައިވެއެވެ. 

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ގަރާރުގައި ބުނަނީ ޕާލް ރެސިޑެންސީ ފަދަ މަޝްރޫއުތަކުން ދައުލަތުގެ ތެރޭގައި އިދާރީ އަދި ގާނޫނީ ބާރުތަކެއް ލިބިގެންވާ "ވަކި ދައުލަތެއް" އުފެދި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ސިޔާދަތީ ބާރުތަކަށް އުނިކަން އަތުވެދާނެކަމުގެ ބިރު އޮތްކަމަށެވެ.

"ރާއްޖޭގެ ފަޅުތަކާއި ރަށްތަކެއްގެ މައްޗަށް ބޭރުގެ އަމިއްލަ ކުންފުންޏަކަށް ޖީލަކަށް ވުރެ ދިގު މުއްދަތުގެ ބާރުވެރިކަން ދީ އެ ތަންތަނުގެ ދިރިއުޅުމުގެ ހައްގު ބައިނަލްއަގްވާމީ ބާޒާރުގައި ވިއްކުމަކީ ރައްޔިތުންގެ ނިންމުމާ ސީދާ ފުށުއަރާ ކަމެއް،" ކަމަށް ބުނެ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރަމުންދާއިރު އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ ރެސިޑެންސީ ޕްރޮގާރްމަކީ ރާއްޖެ އަށް ނުހަނު ފައިދާވާނެ ޕްރޮގްރާމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އެއީ އެހެން ބާވަތެއްގެ ޓޫރިޒަމް ވިޔަފާރީގެ ފުރުސަތެއް ކަމަށް ނަޝީދު ވިދާޅުވެއެވެ. 

އެއްކަމެއްގައި މުޅިން ތަފާތުކޮށް އެމްޑީޕީގެ ތެރޭގައި ވިސްނުން ހުރުމަކީ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ހިތްވަރު ލިބޭނެ ކަމެކެވެ. އެމްޑީޕީގެ ޗެއަރޕާސަނާއި ޕީޖީ ގްރޫޕްގެ ވިސްނުން އުޑާ ބިމާހާ ތަފާތުވުމަކީ އެމްޑީޕީން ބައިކޮޅަށް ގޯލުޖެހުންނޫން ކަމަކަށް ނުވާނެއެވެ. ގައުމީ ބޮޑެތި މައްސަލަތަކުގައި އެމްޑީޕީގެ ހިޔާލު އެއްގޮތް ނުވުމަކީ ޒިންމާދާރު އިދިކޮޅެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވާ ވިދާޅުވުމަށް ލިބޭ ބާރެކެވެ.