ޑރ.ޝަހީމަށް: ގެއްލިގެން ތިޔަ އުޅެނީ ކޮން އިސްތިގުލާލެއް

މުއިއްޒަށް ވެރިކަން ހޯދާދީގެން ރާއްޖެއަށް ހޯދަދޭން ތިޔަ އުޅެނީ ކޮން އިސްތިގުލާލެއް

ޑރ.ޝަހީމަށް: ގެއްލިގެން ތިޔަ އުޅެނީ ކޮން އިސްތިގުލާލެއް

ދައްކާނެ ވާހަކައެއް ނެތިއްޔާ އެއްޗެއް ނުބުނެ ހުރިއްޔާ މާތާހިރުވާނެއެވެ. ނަމުގެ ކުރިޔަށް ޑރ ޖެހުނީމާ މިތިބެ މަވެތި ވާވަރެކެވެ. އަޅެ ޑރ. ޝަހީމު ނިކަން ބުނެ ބަލާށެވެ. ރާއްޖޭން ގެއްލިގެން ތިޔަ އުޅެނީ ކޮން މިނިވަން ކަމެއް ހެއްޔެވެ. މިނިވަން ދައުލަތެއްގެ ގޮތުގައި ރާއްޖެ ޒަމާނުއްސުރެ އޮތް އޮތުމަށް މިހާރު ލިބިގެން ތިޔަ އުޅޭ ގެއްލުމަކީ ކޮބައި ހެއްޔެވެ. މުއިއްޒު ވެރިކަމަށް ގެނެސްގެން ނެގެހެއްޓޭނީ މިހާރު ނެތް ކޮން މިނިވަން ކަމެއް ހެއްޔެވެ. ކޮން ސިޔާދަތެއް ހެއްޔެވެ. 

މިހާރަށް ވުރެ ދިވެހި ދައުލަތް، ދައުލަތެއްގެ ގޮތުގައި މިނިވަން ކަމާއެކު މުއިއްޒަށް ހިންގޭނެ އެއްކަމެއް ބުނެދީ ބަލާށެވެ. މި ރާއްޖޭގައި މިހާރުވެސް ވެރިކަން ކުރަނީ ދިވެހިންނެވެ. ބޭރު ބައެއްނޫނެވެ. ރައީސް ކަމުގައި ހުންނެވީ ރައްޔިތުން އިންތިހާބު ކޮށްފައިވާ ސުންނަތް ޖަމާއަތުގެ މުސްލިމެކެވެ. ރާއްޖޭގެ އެއްވެސް ތަނެއް ބޭރު ބައެއްގެ އަޅުވެތި ކަމެއްގައި ނެތެވެ. ރާއްޖެއާ ހަގުރާމަ ކުރާ ދެކޮޅުވެރި ބަޔަކު ނެތެވެ. ރާއްޖޭގެ ބޯޑަރު ރައްކާތެރި ކަމާއެކު ބެލެހެއްޓެއެވެ. 

ރާއްޖެއަކީ މިނިވަން ގައުމެއް ނޫންކަމަށް ގަބޫލުކުރާ އެއްވެސް ގައުމެއް ދުނިޔެއަކު ނެތެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު ތަކެކޭ އެއްފަދައިން ކަންކަމުގައި ބަސްބުނެ ގޮތް ނިންމުމުގެ ފުރިހަމަ މިނިވަންކަން ރާއްޖެއަށް ބައިނަލްއަގުވާމީ ހުރިހާ ކަމެއްގައި ލިބިގެން ވެއެވެ. ދުނިޔޭގެ ކަންކޮޅު ތަކުގައި ދިވެހި މިޝަންތައް އެހުރީ ހުޅުވާފައެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ އެމްބަސީތައް ރާއްޖޭގައި އެބަހުއްޓެވެ. އެމެރިކާއާއި ޗައިނައާއި އިންޑިއާ ފަދަ އެތައް ގައުމެއްގެއެވެ.

ދޭދޭ ގައުމު ތަކާއެކު އޮންނަންޖެހޭ ގުޅުންތައް ބަރާބަރަށް އެބައޮތެވެ. ރަހުމަތްތެރި ގައުމު ތަކުން ނިހާޔަތަށް އެހީތެރިކަން ލިބެއެވެ. މީހުން ބިނާ ކުރުމާއި ފަންނީ އެހީތެރިކަމާއި އެކި ރޮނގުރޮގުން އެކިފެން ވަރުގެ އެހީތައް އެކި ގައުމުތަކުން ލިބެމުން ދެއެވެ. ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ޖެހިޖެހިގެން ތިން އަހަރު ދުނިޔެ ބަލައިގަތީވެސް މިހިނގާ ދައުރުގައެވެ. މިއޮއްފަދަ ޒަމާނުގައި ރާއްޖޭގެ ޕާސްޕޯޓަކީ ދުނިޔެއިން ގަދަރުކުރާ ވިސާނެތި ދުނިޔޭގެ އެތައް ގައުމަކަށް ދަތުރު ކުރެވޭ މުޅި ދުނިޔޭގެ އިތުބާރު ލިބިފައިވާ ގައުމަކަށް ވަނީ ވެފައެވެ. 

ދުނިޔޭގެ މަޖިލީހުގެ ރިޔާސަތު ވެސް މިވެރިކަމުގައި މި ރާއްޖެއަށް ވަނީ ލިބިފައެވެ. ރާއްޖޭގެ ދިގުމާޒީގައި ނުލިބޭވަރުގެ އިއްޒަތާ ބާރުވެރިކަން ލިބި ދުނިޔޭގައި ނަން ހިގާ މަޝްހޫރު ގައުމަކަށް މި ދައުރުގައި ރާއްޖެ ވަނީ ވެފައެވެ. ބަވަނަ ވެފައިވާ ދުނިޔޭގައި ދިވެހި ރާއްޖެއަކީ މުޅި ދުނިޔެ ބަލައިގަންނަ މިނިވަން މުސްތަގިއްލު ގައުމެކެވެ. ރާއްޖޭގެ ސިޔާދަތާ މެދު ނުނިޔަތް ލައިގެން އުޅޭ ބަޔަކު ނޫޅެއެވެ. ރާއްޖެ އަތްދަށުލާ ރާއްޖޭގެ މައްޗަށް އަތްގަދަ ކުރާން އުޅޭ ބަޔަކު ވެސް ނޫޅެއެވެ.

އަނެއްކޮޅުން ރާއްޖޭގައި ދާހިލީ ހަމަ ނުޖެހުމެއް ނެތެވެ. ދިވެހި ދައުލަތުގެ ބާރު ނުފޯރާ އެއްވެސް ކަމެއް ރާއްޖޭގެ ބިމާ ކަނޑާ ވައިގައި ނުހިނގައެވެ. އަސްކަރީ ގޮތުންވެސް ރާއްޖޭގައި ވަކި ގައުމެއްގެ ވަކި ހާއްސަ ބާރެއް އަތްގަދަކޮށްފައެއް ނެތެވެ. އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމުގައި އިންޑިއާ އާއި ސްރީލަންކާއާއި ދިވެހިރާއްޖެ ފަދަ އިންޑިއާ ކަނޑު ހިއްސާކުރާ ގައުމުތަކުން ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އެއްބަސްވެ ތަންފީޒު ކުރެވޭ ރައްކާތެރިކަމުގެ ޓްރެޓީތަކަށް އިހުތިރާމްކޮށް އެއްގައުމު އަނެއް ގައުމަށްދޭ އެއްބާރުލުން ދިނުން ނޫން ކަމެއް ހިނގަނީއެއް ނޫނެވެ. ނާޖާއިޒު އެއްވެސް ކަމެއް ނުހިގަައެވެ. ޒަމާނުއްސުރެ އަވަޢްޓެރި އެއްވެސް ގައުމަކާއެކު ހިންގާ ގާތްގުޅުމެއްގެ ސަބަބުން ގައުމުގެ އަކަ އިންޗިއެއްވެސް ރާއްޖޭގެ ބާރު ނުފޯރާ ގޮތަށް އޮތީއެއް ނޫނެވެ. 

ޑރ. ޝަހީމުމެން މުއިއްޒަށް ވެރިކަން ހޯދާދީގެން ރާއްޖެއަށް ދެން ހޯދަދޭން ތިޔަ އުޅެނީ ކޮން މިނިވަންކަމެއް ކޮން އިސްތިގުލާލެއް ހެއްޔެވެ. ދައުލަތް ހިންގުމުގެ ބާރު ތިމާމެނަށް ނުލިބިގެން އުޅުނެއް ކަމަކު ތިޔައީ ފުކެއް ބޮޑުވަރެވެ. ރާއްޖޭގެ ވެރިކަމުގައި މިހާރު ތިބީވެސް ދިވެހިންނެވެ. އިއްޒަތާ ވެރިކަން ދެއްވާ ފަރާތުގެ ޒާތުފުޅަށް ގޮންޖަހާ ރައްޔިތުނަށް އޮޅުވާލަން މިނިވަންކަމޭ ސިޔާދަތޭ ނުކިޔާ މައިން މަގަށް ލައްގަޅޭ ކިޔަން ވެލިރާޅުފަށުގައި އިނަސް މަތާހިރުވާނެއެވެ. ތިޔައިއްޔަކީ އިލްމުވެރިންނޭ ކިޔާ މީހުން އުޅެންވާވަރުގެ ގޮތްގޮތެއް ނޫނެވެ.