ދައުލަތް ލޫޓުވާ ވަސީލަތަކަށް މީޑިއާ ހެދުމުން ޒިންމާދާރު ނޫސްވެރިން ތިބޭނީ ޖަލުގަ!
ވަކި ނޫސްވެރިންތަކަކާއި ވަކި މީޑިއާތަކަކަށް ހަރުކަށި ފިޔަވަޅު ނާޅައިގެން ބައެއް ނޫސްވެރިންނާއި ބައެއް މީޑިއާތަކުން އަޑުއުފުލާ ޝަކުވާކޮށް ހަދާތީ އެބަފެނެއެވެ. ނޫސްވެރި މުޖުތަމައުގައި ވަކި ބަޔަކު ނައްތާލުމުގެ ރޫހެއް ފެށިގެން އުޅޭތީ ނިހާޔަތަށް ކަންބޮޑުވެއެވެ. އެއް މީޑިއާއަކުން އަނެއް މީޑިއާއެއް ކުށްވެރިކޮށް ބައެއް މީޑިއާތަކުން ކުރަނީ ނޫސްވެރިކަން ނޫންކަމަށް ވެސް އެބަބުނެއެވެ.
މީޑިއާއަކީ ކޮބައިކަން ރަނގަޅަށް އެނގޭ އެއްވެސް މީޑިއާއަކުން، އަނެއް މީޑިއަކުން ގެނެސްދޭ ކޮންޓެންޓާ ގުޅުވައިގެން މީޑިއާއެއް ކުށްވެރިކޮށެއް ނުހަދާނެއެވެ. ކޮންމެ މީޑިއާއަކީ އެބައެއްގެ އެޑިޓޯރިއަލް ޕޮލިސީއަށް މަސައްކަތް ކުރާބައެއްކަން ވެސް ރަނގަޅަށް އެނގޭނެއެވެ. ނޫސްވެރިކަމުގެ މިނިވަންކަން ލިބިދޭ ދާއިރާގެ ތެރޭގައި އެ މީޑިއާއެއްގެ ޕޮލިސީ ތަންފީޒު ކުރުމަކީ ކޮންމެ މީޑިއާއަކަށް އޮތް ހައްގެއްކަން ވެސް އެނގޭނެއެވެ.
އަބުރާއި ފިތުނައާއި ގައުމީ ސަލާމާތަށް ނުރައްކާ ކުރުން ފަދަ ފުޅާ ދޭހަތައް ގޮތްގޮތަށް މާނަކޮށްގެން ބާރާއި ނުފޫޒުހުރި މީހުން އެ ހިނދަކަށް ބޭނުންވާ ގޮތަކަށް ދޭހަކޮށްގެން ހިތާނުވާ މީޑިއާތައް ވުޖޫދުން ފުހެލަން އުޅުމަކީ އައުކަމެއް ނޫނެވެ. ރާއްޖޭން މިއަދުވެސް ފެންނަނީ އެ މަންޒަރެވެ.
ތަހުގީގީ ނޫސްވެރިކަންކޮށް ސަރުކާރާއި މުޖުތަމައުގައި ހިންގާ ނޭއްގާނި ކަންކަން ހޯދާ ބަލާ އެކަންކަމުގެ ވާހަކަ ދައްކާ ނޫސްތަކާއި ނޫސްވެރިންނަށް ދުއްތުރާ ޖެއްސުމަކީ ބާރުވެރިންގެ ކިބައިގާ އަބަދުވެސް އޮންނަކަމެކެވެ. އެބަޔަކު ބޭނުންވާ ކަމެއް ބޭނުންވާ ގޮތަށް ފަތުރަންވީމާ ނޫސްވެރިން ވަރެއް ނޯވެއެވެ. އެކަމަކު ދެރަކަމަކީ މީޑިޢަތަކުން މީޑިއާތަކާ ދިމާކުރުމެވެ.
ބައެއް މީޑިއާތަކުން ވަކިވަކި މީޑިއާތަކާ ދިމާކުރަނީ ކީއްވެގެންތޯ ބަލާލުމުން ފެންނަ މަންޒަރު ވަރަށް ތަފާތެވެ. ދައުލަތުގެ ބަޖެޓުންނާއި ދައުލަތުގެ އެސްއޯއީތަކުން މަހުން މަހަށް އަތްގުޅިނުކާ ވަރަށް އެކި ނަންމުގައި ފައިސާ ހޯދާ މީޑިއާތަކުން ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރާ މީޑިއާތަކާއި ނޫސްވެރިންނާ ޖައްސާލައިގެން އެއްވާނަކަށް އުޅޭކަމީ އަދުގެ ހަގީގަތެވެ.
ރާއްޖޭގެ މީޑިއާއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ވަޒީރު ބޭފުޅުންނާއި މަޖިލިސް މެންބަރުންނާއި އެސްއޯއީތަކުގެ ވެރިންނާއި ސިޔާސީ އައްޔަނީންގެ ތެރެއިން އެތައް ބަޔަކު ދައުލަތުން ނަހަމަ ގޮތުގައި ފައިސާ ހޯދަން މީޑިއާ ބޭނުން ކުރުމެވެ. އެކި ނަންނަމުގައި އެ މީހުން ގިނަ އަދަދަކަށް މީޑިއާތައް ރަޖިސްޓްރީކުރުވައިގެން ދައުލަތް ލޫޓުވަން ބޭނުން ކުރާ ވަސީލަތަކަށް މީޑިއާ ހެދުމުން ޒިންމާދާރު ނޫސްވެރިން ތިބޭނީ ޖަލުގައެވެ.




