ޕޮލިޓެކްނިކަށް އެކަނި ކުރިއަކަށް ނުދެވޭނެ: ހާޝިމް

ރާއްޖޭން އެންމެ ގިނައިން ރިކުއެސްޓްތައް ލިބެނީ އިލެކްޓްރިކަލް އިންސްޓޮލޭޝަންގެ ދާއިރާއިން

ޕޮލިޓެކްނިކަށް އެކަނި ކުރިއަކަށް ނުދެވޭނެ: ހާޝިމް

ވަޒީފާ ދޭ ފަރާތްތަކާ ނުލައި ޕޮލިޓެކްނިކް އެކަނި ކުރިއަށް ނުދެވޭނެ ކަމަށް މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ މުހައްމަދު ހާޝިމް ވިދާޅުވެއްޖެއެވެ. ޕޮލިޓިކްނެކް އިތުރަށް ކުރިއެރުވޭނީ ސަރުކާރުގެ ކުންފުނިތަކުގެ އެހީތެރިކަން ލިބިގެން ކަމަށް ވެސް ހާޝިމް ވިދާޅުވިއެވެ.

ސްޓެލްކޯގައި މި ވަގުތު ކޮލިފިކޭޝަނެއް ނެތި ފަންނީ ވަޒީފާތަކުގައި ތިބ މީހުންނަށް އިލެކްޓްރިކަލް އިންސްޓޮލޭޝަން ދާއިރާއިންނާއި އަދިވެސް ތަމްރީނަށް ބޭނުންވާ ކޮންމެ ދާއިރާއަކުން ޕޮލިޓެކްނިކުން ފުރުސަތު ދޭނެކަމަށް ހާޝިމް ވިދާޅުވި އެވެ.

ޕޮލިޓެކްނިކްގެ ސީއީއޯ މުހައްމަދު ހާޝިމް މި މޭރުމުން ވާހަކަ ދެއްކެވީ ސްޓެލްކޯ އާއި މޯލްޑިވްސް ޕޮލިޓެކްނިކްއާ ގުޅިގެން މަސައްކަތުގެ ދާއިރާއަށް މީހުން ތަމްރީންކުރަން ނިންމައި އެކަމަށް އެއްބަސްވި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައެވެ. 

އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. ޕޮލިޓެކްނިކްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ މުހައްމަދު ހާޝިމެވެ. އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހެދުނު ސްޓެލްކޯގައެވެ. 

ވެވުނު އެއްބަސްވުމަކީ ސްޓެލްކޯގައި ހިންގާ އެކި އެކި ފަންނީ ދާއިރާތަކާއި މަސައްކަތްތެރިކަމުގެ ދާއިރާތަކަަށް މީހުން ތަމްރީން ކުރުމަށާއި ޕޮލިޓެކްނިކްގެ އެކި އެކި ކޯސްތަކުގެ އަމަލީ ތަޖުރިބާ ސްޓެލްކޯގެ މުއައްޒަފުންނަށް ހޯދައިދިނުމުގެ މަގްސަދުގައި އެއްބަސްވި އެއްބަސްވުމެކެވެ.

ސިއީއޯ ހާޝިމް ވިދާޅުވާ ގޮތުން ރާއްޖޭގެ އެކި ސަރަހައްދު ތަކުން އެންމެ ގިނައިން ރިކުއެސްޓްތައް ލިބެނީ އިލެކްޓްރިކަލް އިންސްޓޮލޭޝަންގެ ދާއިރާއިންނެވެ.  އެހެންކަމުން ވަސީލަތްތައް ހުރި މިންވަރަކުން އެފަދަ ރިކުއެސްޓްތަކަށް އިސްކަން ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕޮލިޓެކްނިކުން ސްޓެލްކޯ އާއި މަޝްވަރާކޮށްގެން ތަމްރީނު ބޭނުންވަނީ ކޮންކޮން ދާއިރާ ތަކަކުންކަން ދެނެގަންނާނެއެވެ. ސްޓެލްކޯއިން ބޭނުންވާ ރޮގުތަކުން ދާއިރާތަކުން ތަމްރީނުތައް ކުރިއަރުވާ ހިންގާދޭން ޕޮލިޓެކްނިކް ތައްޔާރެވެ. މޯލްޑިވްސް ޕޮލިޓެކްނިކަަށް ބޭނުންވަނީ ފުރިހަމަ ސަޕޯޓެވެ.