އަމްރުވެސް އަންނިގެ ޝިކާރަ އަކަށް!
ހުސައިން އަމްރުއަކީ ޕްރައިމަރީން ރައީސް ނަޝީދު ބަލިވިތަން ނުފެނުނު މީހެއް
އެމްޑީޕީގައި ސިޔާސީ ގޮތުން ތިމާ އަށްވުރެ އުޖާލާ ފަހި ކުރިމަގެއް ލިބިދާނެ ޒުވާނަކު ހުރިއްޔާ ކައިރިކޮށް ފިރުމަމުން ގެންގޮސް އެމީހާ ޗާޓުން ބޭރުކޮށްލުމަކީ އަންނިގެ އާދައެވެ. ޗެއަރޕާސަން އިންތިޚާބުގައި ޕާޓީ ބައިބައި ވެދާނެތީ އިންތި ހުރީ އެކަން ކުރާކަށް ނޫނެވެ. އަންނި ނަޞޭޙަތް ދިން ދިނީނުން އިންތި ނެރެ ބަލި ކޮށްލާ އަލުން އަތުނުވާ ހިސާބަށް އިންތި އެހުރީ ބޭކާރު، ބާކީ ބަލިމާނަކަށް ހަދާފައެވެ. ދެން ފެންނާން ހުރި އެކަކީ ހުސެން އަމްރެވެ. އަމްރަށް އަންނި ހަދަމުންދާ ގޮތް މިހިރަ ދަނީ ފެންނަމުންނެވެ. އެއީ ތިމާއަށް ވެރިކަން ނުލިބުނު ތަނުގައި އެމްޑީޕީ އާއި އެމްޑީޕީ ސަރުކާރާއި ޕާޓީގެ ކުރިމަގު ފުނޑާލަން ހީލަތްތެރި ކަމާއެކު އަންނި ހިންގާ ކަންކަމެވެ.
އެސްޓީއޯގެ އެމްޑީގެ މަގާމުގައި ހުންނެވި ހުސެން އަމްރަކީ އެމްޑީޕީ އުފެއްދި ގާބިލް ޒުވާނެކެވެ. ގދ ތިނަދޫ އާއި މާލެއަށް މައިފުނަ ނިސްބަތް ވުމަކުން ހެދި ހުރި ޝަޚްޞިއްޔަތެކެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފަހު ވަގުތު ރައީސް ޞޯލިޙް ދޫކުރައްވާ އަމްރު ނެންގެވީ ރައީސް ނަޝީދުގެ ފަޅިއެވެ. އެތެރޭގެ ޕްރައިމަރީގައި އެ ޕާރޓީގެ މެމްބަރުން ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރުމަކީ އެމްޑީޕީގައި އޮންނަ އުޞޫލެވެ. އޭގެ ފަހަތުން ދެން އޮންނަ އުޞޫލަކީ ޕްރައިމަރީގައި މޮޅުވާ ކެންޑިޑޭޓްގެ ފަހަތަށް ބަލިވާ ކެންޑިޑޭޓާއި ޓީމް އެރުމެވެ.
އައު ކަމަކަށްވީ ރައީސް ނަޝީދު ޕްރައިމަރީގައި ބަލިވުމުން އެ މަނިކުފާނަށް އެކަން ހަަޖަމު ނުވުމެވެ. އެއާއެކު އެ މަނިކުފާނުގެ ފަހަތުގައި ތިއްބެވި ބައެއް ބޭފުޅުން ގޮވައިގެން ނުކުންނަވާ އެމްޑީޕީ ފޮތިކޮށް ސަރުކާރު ބަލި ކޮށްލުމަށް ހަނގުރާމަ އިއުލާން ކުރައްވައިގެން އުޅުއްވާ އުޅުއްވުމެވެ. ފިކުރެއްގެ ދިރުމޭ ކިޔާ ފެއްޓެވި މި ހަރަކާތަށް ތާއީދު ލިބުނީ ހިހޫ ގޮތަކަށެވެ. އެމްޑީޕީގެ އުޞޫލް ތަކަށް ރުހިގެން ރައީސް ނަޝީދަށް ތާއީދު ކުރި ގިނަ ބަޔަަކަށް މިކަން ކަމަކު ނުދިޔައެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ދެއްކެވި ކޮންމެ މަގެއް އެއީ ތެދު މަގުކަމަށް ބަލާ އެގޮތަށް އީމާން ވެގެން ތިބި މަދު ބަޔަކަށް ވީ އެހެން ގޮތެވެ. އެމީހުން ދުނިޔެ ދެކެނީ ރައީސް ނަޟީދުގެ ލޮލުންނެވެ. އަޑު އަހާ ބަސް ބުނެ ހިނގަނީ އަމިއްލަ ހިއްސުތައް ދޫކޮށް ރައީސް ނަޝީދުގެ ހިއްސު ތަކުންނެވެ. އަމިއްލައަށް ފެންނަ ތަނެއް، އިވޭ އަޑެއް، ކުރެވޭ ބުއްދިއެއް ނެތެވެ. އިއްޔެއާ ދިމާ އިދިކޮޅަށް ރައީސް ނަޝީދު ހުންނެވިޔަސް އެއީ ހަމަ އެންމެ ރަނގަޅު ގޮތެވެ. ކަނު ބީރު މަންމަން މީހުންނަށް މީހުން ވަނީ ވަކި ދަފްތަރެއްގައި ނަން އޮތުމަކުން ނޫނެވެ.
ހުސެން އަމްރު މުޙަންމަދު ރަޝާދަކީ ޕްރައިމަރީން ރައީސް ނަޝީދު ބަލިވިތަން ނުފެނުނު އެކަކެވެ. ދައުަލަތުގެ އެންމެ ބޮޑު ކުންފުންޏާ ހަވާލުވެ ހުންނަވާ ކުރައްވަން ފެއްޓެވި ކަމަކީ ދައުލަތުގެ ވެރިޔާ ސިޔާސީ ގޮތުން ބަލި ކޮށްލުމުގެ މަސައްކަތެވެ. އެމްޑީޕީ އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ދޫކޮށް ރައީސް ނަޝީދު ވިދާޅު ވިޔަތީ ގާސިމާ މަޝްވަރާތައް ފެއްޓެވީ އަންނަ އިންތިޚާބްގައި އެމްޑީޕީ ބަލި ކުރުމަށެވެ.
ގާސިމަކީ އެންދެރިމާގޭގެ އުފެއްދުމެކެވެ. އަމްރުގެ ބައްޕަ ރަޝާދަކީ އެންދެރިމާގޭ އިލްޔާސް އިބްރާހީމާ ގާތް ގުޅުންތަކެއް އޮވެގެން ވިޔަފާރީގެ ތެރެއަށް ނުކުންނެވި ބޭފުޅެއް ކަމަށް ވެއެވެ. މައުމޫނު އެ ހުންނެވީ ހުރިހާ ހޮރަކަށް ފައިދީގެން އިން ބޯވައެއް ހެންނެވެ. ކޮންމެ ދިމާ އަކަށް މޮޅެއް ވިޔަސް މައުމޫނަށް މޮޅުވާ ގޮތް ހަދައިގެން ކަމަށެވެ. އަމްދުން ގާސިމާ އެކު އެންދެރިމާގެ ފަޅިއަށް ވެރިކަން އަތުވެއްެޖެ ނަމަ މޮޅުގައި މޮޅު އެޅީއެވެ.
ސުވާލަކީ ގާސިމްގެ ރަނިންމޭޓަކީ މައުމޫންގެ ފާރިސް ހެއްޔެވެ؟ ނޫނީ ތިނަދޫ ރަޝާދުގެ ހުސެން އަމްރު ހެއްޔެވެ؟ މިއިން ކޮންމެ މީހެއް ވިޔަސް އެ މީހާ ގާތީ އެންދެރިމާގެ އާއެވެ. އެމްޑީޕީއަކާ ނޫނެވެ.