އިގްތިސާދު ފުޅާވަމުން އަންނަ ވަރަށް އިންސާނީ ވަސީލަތެއް ނެތް

ޖޮބް ސެންޓަރު ވަކި އޮފީހެއްގެ ގޮތަށް ބަދަލުކުރުމަކީ އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް

އިގްތިސާދު ފުޅާވަމުން އަންނަ ވަރަށް އިންސާނީ ވަސީލަތެއް ނެތް

އިގްތިސާދު އަހަރުން އަހަރަށް ފުޅާވަމުން އަންނަ ވަރަށް ރާއްޖެއިން އިންސާނީ ވަސީލަތް ލިބެން ނެތުމުން ހުރިހާ އިންޑަސްޓްރީތައް ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ މީހުން އުފައްދާ ވަޒީފާގެ ބާޒާރު ކުރިއެރުވުމަށް މަސައްކަތް ކުރުމަށް  އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ގޮވާލައްވައިފިއެވެ.

އެކޮނޮމިކް މިނިސްޓަރ މިކަމަށް ގޮވާލެއްވީ މޯލްޑިވްސް ޓްރޭޑް ޔުނިއަންގެ "މަސައްކަތެރިންގެ ކޮންގްރެސް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އެރަސްމިއްޔާތުގައި މިނިސްޓަރ ފައްޔާޒް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އަހަރުން އަހަރަށް ފުޅާވަމުން އަންނަ ވަރަށް ރާއްޖެއިން އިންސާނީ ވަސީލަތް ނުލިބުމަކީ ވިސްނަންޖެހިފައިވާ ކަމެއްކަމަށެވެ. އެކޮނޮމިކް މިނިސްޓްރީން ހިންގަމުން އައި ޖޮބް ސެންޓަރު ވަކި އޮފީހެއްގެ ގޮތަށް ބަދަލުކޮށް ހިންގަން ފެށި ފެށުމަކީ އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް މިނިސްްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިން މަދުވުމުގެ ކަންބޮޑުވުން ވެސް އިގްތިސާދީ ވަޒީރު ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ވަޒީފާގެ ބާޒާރު ކުރިއެރުވުމަށް، ހުރިހާ އިންޑަސްޓްރީތައް ގުޅިގެން މަސައްކަތް ކުރަންޖެހެނީ އެހެންވެގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ސަރުކާރުން ވަޒިފާއާއި ގުޅުންހުރި ކަންކަމުގައި ކުރު މުއްދަތެއްގެ ތެރޭގައި މުހިންމު ބަދަލުތަކެއް ހޯދައިދެވިފައިވާކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެެވެ. މި ސަރުކާރުގެ އެންމެ ފުރަތަމަ ކެބިނެޓް ބައްދަލުވުމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑަށް ބާރުއެޅުއްވި އެއްކަމަކީ މަސައްކަތްތެރިންނާއި ރާއްޖޭގެ ވަޒީފާގެ ބާޒާރާއި އިގްތިސާދީ މައްސަލަތަކަށް ހައްލު ހޯދުންކަމަށް ވަޒީރު ވިދާޅުވިއެވެ.