ރައީސް ހޮވަން ކުރަންޖެހޭ ކަމެއް ކުރާނަން: ފައްޔާޒު

ހިޔާލު ތަފާތަސް ޕާޓީގައި އޮތް ސިސްޓަމް ކުރިއަށް ދާނެ

ރައީސް ހޮވަން ކުރަންޖެހޭ ކަމެއް ކުރާނަން: ފައްޔާޒު

ރައީސުލްޖުމުހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެ އެމްޑީޕީގެ ސްޓޭންޑް ސާފުކޮށް ދެއްވައިފިއެވެ. އެކަން ކުރުމަށް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމުގެ ޔަގީންކަން ޗެއާޕާސަން ފައްޔާޒު ދެއްވިއެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުން ތަކެއް އެބަހުރި ކަމަށެވެ. ޑިމޮކްރެޓިކް ޕްރޮސެސްއެއްގެ ތެރެއިން ކަންކަން ނިމިގެންދާއިރު ހިޔާލު ތަފާތުވުންތައް ހުރުމަކީ ހިތާމަ ކުރައްވާ ކަމެކެވެ. ނަތީޖާއަށް އަންނަ ބަދަލަކާ ގުޅިގެން ހިތްހަމަނުޖެހުމަކީ އިންސާނީ ތޮބިއްޔަތެއްކަމަށް ފައްޔާޒު ދެކިވަޑައި ގަންނަވައެވެ. އެހެން އެކަން އޮތަސް ޕާޓީގައި އޮތް ސިސްޓަމް ކުރިއަށް ދާނެކަމަށް ޗެއަރޕާސަން ވިދާޅު ވިއެވެ. 

ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދެއްވުމަށް ކުރައްވަންޖެހޭ ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާނެކަމަށް ތަކުރާރުކޮށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީ ހަރުދަނާކޮށް، ވަރުގަދަ ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއްގައި އެންމެ އިސްކޮށް ހުންނަވާނެ ކަމަށާއި ޕާޓީގެ ގަވާއިދުތަކާއި އެއްގޮތަށް އަބަދުވެސް ކަންކަން ކުރިއަށް ގެންދަވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.