ދިޔާނާ ލައްވާ ހާމިދު އަންނި ބަރަހަނާ ކުރުވަނީ

ޔާމީނުގެ ފާހަގަ ވެއްޓުމެކޭ މިކަމެކޭ ތަފާތެއް ނެތް

ދިޔާނާ ލައްވާ ހާމިދު އަންނި ބަރަހަނާ ކުރުވަނީ

އެމްޑީޕީ ރިޔާސީ ޕްރައިމަރީ ސައްހަނޫން ކަމަށް ބުނެ ކޯޓަށް ދިޔުމަކީ ބަޔަކު އިތުރަށް ފަލީހަތްވުމެވެ. ބަރަހަނާ ވުމެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ރިޔާސީ ޓިކެޓް ހޯދަން ރައީސް ނަޝީދު ގައިވީދާތީ ދެރަވެއެވެ. ރައިސް ނަޝީދު ވެރިކަމަށް ފެންބޮވާފައި ހުރިވަރު ހާމަވުން ނޫން ކަމެއްް އެކަމަކުން ނުވެއެވެ.  

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ސައްހަނޫން ކަމަށް ބުނެ ކޯޓަށް ދާން އެންމެ ރަނގަޅު މީހަކީ ހަމަ ހާމިދު އަބްދުލްގަފޫރެވެ. އެމްޑީޕީ އެތެރޭގެ އިންތިހާބުތައް އެންމެ ބޮޑަށް އޮޅުވާލާ ގަޑުބަޑުކުރި މީހަކީ ހާމިދެވެ. ޕްރައިމަރީ ގަޑުބަޑު ކުުރާނެ ގޮތް ހާމިދަށް އެނގޭނެއެވެ. އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލުކަމުގައި ހުރެ 2008 ގެ ރިޔާސީ ޕްރައިމަރީގައި ވޯޓުއޮޅުވާލި ގޮތް ރަނގަޅަށް ހަނދާން ހުންނާނެއެވެ. އޭރުގެ ޕާޓީ ރައީސް ޑރ. މުނައްވަރުގެ މައްޗަށް ރައީސް ނަޝީދަށް ކުރި ހޯދާދިން ގޮތަށް އެހެން މީހުން ވެސް ކަންތައް ކުރާނެއޭ ހީވާނެ ތާއެވެ. ޕާޓީގެ ދަފުތަރުން މުނައްވަރުގެ ސަޕޯޓަރުން ކަނޑާ ބޭރުކޮށް އިންތިހާބު ފެލާލިހެން އެންމެނަކު ކަންތަކެއް ނުކުރާނެއެވެ.

39000 މީހުނަށް ވޯޓު ދިނުމުގެ ހައްގު ގެއްލުވާލި ކަމަށް ބުނާއިރު އެބުނާ ބަޔަކު ތިއްބާ އެންމެ ފަހުން ނެގި ވޯޓުތަކުގައި ފިކުރުގެ ދިރުމުގެ ކަލްޓް ބޮޑު ބައްޔަކުން ބަލިވިކަން ދިޔާނާއަށް ނޭގިދާނެއެވެ. އެންމެ ފަހުން އޮތް ދާއިރާ އިންތިހާބުގައި އެބުނާ 39000 މީހުން ދަފްތަރުގައި އޮތެވެ. އެ އިންތިހާބުގައިވެސް ރައީސް ނަޝީދު ތާއީދުކުރި 80 ޕަސެންޓް މީހުން ވީ ބައްޔެވެ. ދެން އޮތް ޗެއަރޕާސަން އިންތިހާބުގައި އެކިޔާ 39000 މީހުން ތިއްބާ ރައީސް ނަޝީދާއި ޕާޓީގެ ލީޑަރޝިޕް އެއްކޮށް އިމްތިޔާޒް ފަހުމީއަށް ތާއީދުކޮށްގެން ހެސްކިޔާފައި ކުރި މަސައްކަތުން ރައީސް ނަޝީދުގެ ކޮޅުވީ ބައްޔެވެ. އެއްކަލަ 39000 މީހުން އޭރުވެސް ދަފުތަރުގައި އޮތެވެ.

ރައްޔިތުންގެ މަޖިލިސް ޕްރައިމަރީގެ ދުވަސްވަރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެންމެ ބާރަށް ދެއްކެވީ އެހެން ޕާޓީތަކުން މީހުން ވަދެ އެމްޑީޕީ ޕްރައިމަރީތައް ގަޑުބަޑުކުރާ ވާހަކައެވެ. ޕީޕީއެމުން އެއިންތިހާބާ ދިމާކޮށް އެތައް ހާސްބަޔަކު ޕްރައިމަރީ ވަކި މީހަކަށް ހޯދާދިނުމަށް އެމްޑީޕީއަށް ވަދެ ވޯޓުދޭކަމަށް ތަކުރާރުކޮށް ނަޝީދު ވިދާޅުވިއެވެ.

އިލެކްޝަންސްގެ ދަފުތަރުގައި އެހެން ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ތިބި މީީހުންނަކީ އެމްޑީޕީ މެންބަރުންނަކަށް ނުވާނެއެވެ. އެހެން ޕާޓީތަކުން އެމްޑީޕީއަށް ހިޖުރަކުރި މީހުން ނަމަ އެމީހުން އެމްޑީޕީގެ މެންބަރުންގެ ގޮތުގައި އިލެކްޝަންގައި ރަޖީސްޓްރީ ކުރުވާ ދަފްތަރު ސައްހަކުރުމަކީ އެމްޑީޕީގެ ސެކެރެޓެރިއޭޓްގެ މަސްއޫލިއްޔަތެކެވެ. އެތައް އަހަރެއް ވަންދެން ޕާޓީގެ ރައީސް ކަމުގައި ނަޝީދު ހުންނަވާ، ނައިބު ރައީސް ކަމުގައި ޝިފާޒް (ސިއްޕެ) ހުންނަވާ، ޗެއަރޕާސަން ކަމުގައި ހަސަން ލަތީފް ހުންނަވާ، ރަޖިސްޓްރާ ކަމުގައި ޝާހިދު (ސާބެ) ހުންނަވާ، ސްޕޯކްސް ޕާސަންއަކަށް އިމްތިޔާޒް ފަހުމީ ހުންނަވައިގެން ދަފްތަރު ސައްހަ ނުކުރައްވާ 39000 މީހުން އުނިކުރިއްޔޭ ނުކިޔާށެވެ.

އެހެން ޕާޓީތަކުގެ ރަޖިސްޓްރީގައި އޮންނަ މީހުނަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބު ތަކުގައި ވޯޓުނުލެވިގެން ކޯޓަށް ދިޔުމަކީ ލޮނު ހަކުރަށް ހަދަން އުޅުން ކަހަލަ ކަމެކެވެ. ޔާމީނުގެ ފާހަގަ ވެއްޓުމެކޭ މިކަމެކޭ ތަފާތެއް ނެތެވެ. ވެރިކަމައިގެން ބޫތު ކައިފާ ތިއްބަސް ބޮޑުވަރެވެ. ހަމަތެދެކެވެ. އެމްޑީޕީގެ ގިނަ މެންބަރުންނާއި ދިވެހި ގިނަ ރައްޔިތުން މިހާރު ތިބީ ރައީސް ނަޝީދަށް ވެރިކަން ދޭގޮތަކަށް ނޫނެވެ.

އެމްޑީޕީގެ އިދާރީ ލީޑަރޝިޕް ބަދަލުވެ ޒަމާނުއްސުރެ އޮޅުން ބޮޅުން ބޮޑު ޕާޓީގެ ދަފްތަރު ގާނޫނީ ހަމަތަކުގެ މަތިން ގައުމީ މަޖިލީގުގެ ނިންމުމާ އެއްގޮތަށް އިސްލާހު ކުރުން ގޯސްވެގެން ހާމިދު ކޯޓަށް މިދިޔައީ ބޮޑު ބަރަހަނާ އަކުން ބަރަހަނާ ވާށެވެ.