ހުކުމް ފެލައިލާ އެއްވުމުން ފަނޑިޔާރުންނަށް ބިރުދެއްކުން
ހިތް ނޭދޭ ހުކުމެއް އިއްވައިފި ނަމަ ފަނޑިޔާރުންނަށް ކުޅި ދައްކާލާނެ ކަމުގެ އިންޒާރެއް
ވ. އާރަށުގެ ވަގު ޑީލާ ގުޅިގެން ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގ އާއި ރިޝްވަތުގެ މައްސަލައިގެ ޝަރީއަތުގެ އަޑު އެހުންތައް މިހާރު އޮތީ ނިމިފައެވެ. ދެން އޮންނާނީ ހުކުމް ކުރުމުގެ މަޖިލިހެވެ. މި ހިނގާ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ.
އަންނަން އޮތް ހުކުމަށް ނުފޫޒު ފޯރުވާ ބިރު ދައްކައިގެން ފަނޑިޔާރުގެ ފެލައިލަން ޔާމީނު އުޅޭތީ އެބަ ފެނެއެވެ. ދައުވާ ލިބޭ މައްސަލައެއްގެ ހުކުމަށް ކުޑަތަން ވެފައި އޮއްވާ ފެލައިލުމުގެ ނަމުގައި ޕީޕީއެމުން އެއްވުމެއް ބޭއްވުމުގެ ބޭނުން ވަރަށް ސާފެވެ. ފަނޑިޔާރުން ފެލައިލައިގެން ބޭނުންވާ ހުކުމެއް ނެރުން ނޫން އެހެން ބޭނުމެއް އެ އެއްވުމުގައި ނެތެވެ. ހުކުމް ފެލައިލާ އެއްވުން އަންނަ ހުކުރަށް ތާވަލުކޮށްފައި އޮތީ ކީއްވެކަން ފަނޑިޔާރުގެ އަކަށް ނުއޮޅޭނެއެވެ.
ތިމަންނާއަކީ ދެން އަންނަ އޮތް ރައީސް ކަމާއި ހިތް ނޭދޭ ހުކުމެއް އިއްވައިފި ނަމަ ރައީސް ކަމަށް އައިސް ފަނޑިޔާރުންނަށް ކުޅި ދައްކާލާނެ ކަމުގެ އިންޒާރު ދިނުން ނޫން އެހެން އެއްވެސް މަގުސަދެއް އެ އެއްވުމުގައި ނެތެވެ. ޔާމީނާއި ޔާމީނުގެ އައުވާނުންގެ ބަސްމަގު މިހާތަނަށް ހުރި ގޮތުން އެ ނޫން މަގްސަދެއް ނޯންނާނެ ކަން ކިތައްމެ ރަނގަޅަށް ވެސް އެނގެއެވެ.
ކާނިވާ ސަރަހައްދަށް ބަޔަކު އެއްކޮށްގެން ފަނޑިޔާރުންގެ މޭ ބޮޑު ކުރެވި ދާނެ ކަމަށް ހީކުރެވެނީ ތޯއްޗެކެވެ. މުޅި ދައުލަތް ފެލައިލައިގެން ނިކުމެ ހުރެ ފައިސާ ބަހައިގެން ގައުމު އޮތް ގޮތްކަން ފަނޑިޔާރުންނަށް ދައްކަން ރުނބާ މުށިން ގައިވީދާނީ އަތުވެދާނެ ޖަލު ހުކުމަކުން ރެކޭށެވެ. ރިޝްވަތު ދީގެން ފަނޑިޔާރުން ހައްލައިލެވޭތޯ ކުރެވޭ މަސައްކަތް ވެސް ހުއްޓާނުލާ ބާރަށް އެބަ ހިނގައެވެ. ދެ އަކުރުގެ އޮޅުމަކުން ކުށްސާބިތު ނުވާ ކަހަލަ ރުގުޔާ ކުޅަ ބަތް ޕާރުސަލްތައް ވެސް އެބަ ހުރެ ކެކެއެވެ.
ގަރަގު ކުރައްވަންދެން ފިރުއައުނު ފަހަތުގައި ވެސް ބަޔަކު ތިއްބެވެ. އެކަމަކު އެއީ މުޅި ގައުމެއް ނޫނެވެ. ސިޔާސީ ޗަރުކޭހެއްގެ ގޮތުގައި ބާއްވާ ފެލައިލާ ޖަލްސާ ފެނިފާ ފަނޑިޔާރުންނަށް ދެކަމު ހާޖަތައް ދެވޭނެއޭ ޔާމީނަށް ހީވާ ކަހަލައެވެ. އިންޑިއާ އައުޓު ކުރުމުގެ އަނދިރި ކެންޕޭން ފާޑަށް ހުކުމް ފެލައިލަން ސީދާ ކޮންނާއި ނުސީދާކޮށް އުންޑަ ކައްކާ ތަވީދު ލިޔެ ނުކުރާ ކަމެއްނެތެވެ.
ރައީސްކަން ކުރީތީ ލައްކަ ލައްކައިން ދައުލަތުން އިނާޔަތް ނަގައިގެން ދައުލަތުގެ ކާރުކޮޅުގައި ވަށައިގެން ހަށިފާރަ ވެރިން ލައިގެން އެ އުޅެނީ ޔާމީނުމެންނެވެ. ވެރިކަމުގެ އަރާމާ އުފާ ޔާމީނުމެނަށް ހޯދައިދޭން ތިން އިރު ހަމަޔަށް ނުކައި ވޭނާ ހޫނުގައި ގަނަ ތެޅެނީ ނިކަމެތި ރައްޔިތު މީހާއެވެ. ވެރިކަމުގެ މަސްތުގައި ގުރުބާން ކުރާ ކަންބަޅި ތަކަށް ފަހުން ވެސް ވާމޮޅެއް ނޯވެއެވެ.
މި ފަހަރު ވެސް ޔާމީނުގެ ސިހުރުގައި ޖެހިފާ ތިބި މީސްކޮޅު ދޮންކޮށް ލޭ ކައްކުވައިގެން އެ މީހުންގެ އަތުން ފައިން ގޯސް ހައްދަން އެ އުޅެނީ އެހެން ބޭނުމަކު ނޫނެވެ. އަނިޔާ ލިބި ލޮލަށް މިރުސްއެޅި ޖަލުގެ ތޭރިތަކުގެ ފަހަތައް ދާނީ ނިކަމެތި ހަސް ނެތް ސަޕޯޓަރެވެ. ވަގު ހިންޏަކަުން ހީގަނެގެން މަޑު ތަންމަތީގައި އަނބިދަރިންނާއެކު އުފާކޮށް ދައުލަތުން އިނާޔަތް ނަގައިގެން ކާލަކާލާ އިންނާނީ ޔާމީނެވެ. ސަޕޯޓަރުން މޮޔަ ހައްދާ ރުޅި ގަދަކޮށް އަތްފައިން ގޯސް ހައްދަން ފަހަރަކު މީހަކު އަރާ ތިޔަ ޝަރީއަތެއްގެ ވާހަކަ ރާގު ރާގަށް އެ ތާނގާ ނުދެއްކިޔާ މަށަކު ލޮނުލައިގެން ބަތެއް ނުކާނަމެވެ.