ގައުމީ ސަލާމަތަށް އެންމެ ބޮޑުނުރައްކަލަކީ ޖަމީލު!
ރާއްޖޭގެ ގާނޫނީ ތިން ރައީސުންނަށް ބިރު ދެއްކި
ބޮޑު ފަނޑިޔާރު ހުކުމް އިއްވައިފިއެވެ. މުޅި ދުނިޔޭން އެހުކުމް ތަންފީޒު ކުރަން ފޫގަޅައިފިއެވެ. ޖަމީލު ފަނޑިޔާރު މަނިކުފާނުގެ ހުކުމް ތަންފީޒު ކުރަން އެމެރިކާއާއި ރަޝިޔާއާއި ނޭޓޯ އެތިބީ އަތުގުޅައިގެން ރާއްޖޭގެ ރައީސް ވެރިކަމުން ބާލަން ކަނޑި ކަންފަތް މައްޗަށް ދަމައިގަނެވެ. ރާއްޖޭގެ ރައްޔިތުން އެ ތިބީ ޖަމީލު ފަނޑިޔާރު މަނިކުފާނު އިއްވި ހުކުމާ އެއްގޮތަށް ގުޅަކުޅޭ ފަސްގަޑަށް ހަވަރު އެއްވެއެވެ. ރައީސް ސޯލިހު އެ އޮންނެވީ ފަޅު އޮތް ބޮއްކުރައެއްގެ ވަތުތެރޭ އަމީން ދީދީ އޮންނެވި ހާލުކޮޅުގައެވެ. ޖަމީލަށް ހީވާގޮތް ދޯއެވެ.
ދިވެހި ޖުމްހޫރިއްޔާގެ ގާނޫނީ ރައީސުންނާ ދެކޮޅަށް ޖަމީލުގެ " އަނގަ.." ކޯޓުން ފިސާރި ގިނަ ހުކުމް ނެރުނީމު ނޫން ހެއްޔެވެ. ރައީސް ނަޝީދަށް ދިގު މުއްދަތުގެ ޖަލު ހުކުމެވެ. ރައީސް ޔާމީނަށް އުމުރު ދުވަހުގެ ޖަލު ހުކުމެވެ. ރައީސް ސާލިހު ހަވަރަށް ދިނުމެވެ. މިހާ ވަރަށް މީހެއްގެ ބުއްދި ފަސްވީމާ އެ މީހަކު މުޖުތަމައުން އެއްފަރާތް ކުރާކަށް ނުޖެހޭ ހެއްޔެވެ.
ޖަމީލު ތިޔަ އުޅެނީ ކީކޭ ހިތައް އަރައިގެން ހެއްޔެވެ. ޖަމީލު ވަރުގެ ގާނޫނު ދަންނަ މީހަކު ނެތިގެން ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގި އަމިއްލަ ނަފްސުގެ އިތުބާރު ތިޔަ ނަގާލަނީ ކޮން އެއްޗެއް ނުލިބިގެން ހެއްޔެވެ. ގާނޫނު އަސާސީގެ 115 ވަނަ މައްދައާއި 152 ވަނަ މާއްދާ އަކީ ޖަމީލު އެކަނި ދަންނަ އެއްޗަކީ ހެއްޔެވެ. މިއަދު ރައީސް ސާލިހު ހުވަޔާ ހިލާފު ވެގެންނޭ ކިޔައިގެން ކޮށިއަރައިގެން އުޅޭތަން އެބަ ފެނެއެވެ. މާދަމާ އެ ސާލިހު ވަރެއް ނެތިގެން ދިފާއުގައި ތެޅި ބާލާތަން ވެސް ދެކޭނަމެވެ.
ރަތް މަހަށް ނުގޮވާހާ ކުނި ފުޅަ ރައީސް ޔާމީނަށް ގޮވާފައި މިހާރު ތިޔަ ގައިވީދަނީ ޔާމީނު ދިފާއު ކުރާށެވެ. ރައީސް ނަޝީދު ވަރުގެ ވެރިކަމަށް ކުފޫ ހަމަނުވާ މީހަކު ނެތިގެން ދަށްބުޑު ފެންނަ ވަރަށް އަރުވާ ޖަހައިގެން ފުމުނީ ވެސް ތިޔަ ޖަމީލެވެ. އިރު ކޮޅަކުން ޔާމީނު ފަހާލީމާ ނިކުމެ ދީވަލްޕާ ހެދިގެން ރައީސް ނަޝީދު ކޮނޑަށް ސަވާރުވެ އެމްޑީޕީ ވެރިކަމަށް ގެންނަން ދެލިބޭލީ ވެސް ތިޔަ ޖަމީލެވެ.
ތިޔަ ޖަމީލަކު ނޫނަސް ގާނޫނު ދަންނަ މީހުން ރާއްޖޭގައި އެބަތިއްބެވެ. ރާއްޖޭގެ ގާނޫނީ ރައީސް ހަވަރަށް ދޭން ގޮވާލުމަށް ވުރެ ވަކިން ބޮޑު ޓެރެރިޒަމްގެ ކުށެއް ނުއޮންނާނެއެވެ. އެނގޭ ހެއްޔެވެ. ތިޔަ ކަނޑުވާލެވެނީ ރާއްޖޭގެ ތިން ބާރުން އެއްބާރު ކަމުގައިވާ ޖުޑިޝަރީގެ ގާނޫނީ ބާރެވެ. ބިރު ދައްކަން ތިޔަ މަސައްކަތް ކުރަނީ ވެރިކަން ހިންގާ ބާރަށެވެ. ތިޔަހަރިއްޔަކީ ސިޔާސީ ކަންކަމެއް ނޫނެވެ. ތިޔައީ ސީދާ ޓެރެރިޒަމެވެ.
ހަމަތެދެކެވެ. ގައުމީ ސަލާމަތަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ ޖަމީލަށް ވެއްޖެއެވެ. ޖަމީލު ހިންގާ ޓެރެރިޒަމާ ދެކޮޅަށް ގައުމީ ސަލާމަތީ ބާރުތަކުން ފިޔަޅުނާޅާ ތިބުމަކީ ވަރަށް ބޮޑު ގޯހެކެވެ. ރާއްޖޭގެ ގާނޫނީ ތިން ރައީސުންނަށް ބިރު ދެއްކުމަށް މަސައްކަތްކޮށް ބިރުދެއްކި ދެވަނަ މީހަކު ޖަމީލު ނޫނީ ނޫޅެއެވެ. ގައުމީ ސަލާމަތަށް ހުރި އެންމެ ބޮޑުއެއް ނުރައްކަލަކީ ހަގީގަތުގައި ވެސް ޖަމީލެވެ.