ފެލާލައިގެން ހުރެ ފެލާހިތުން ނުނިދިގެން ފެލުން
ރިޝްވަތު ހިފޭނީ ރިޝްވަތު ދިން ބަޔަކު ތިބެގެން
ފެލައިލަންގެ ވެރިކަމުން ފައްސާ ނަގާލި ބައިގަނޑު ފެލައިލާ ވާހަކަ ދައްކާނީ ގޮތެއް ފޮތެއް ނެތިގެންނެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔަނާތް ހިންގި ހިޔާނާތްތެރިން އަނގަ ދިޔާ ކޮށްފައި އެމްއެމްޕީއާރު ސީގެ ހިޔާނާތޭ ކިޔަން ލަދެއް ހަޔާތެއް ނެތެވެ. އޮތީއްޔާ އޮތް ފަޅުރަށަކާ ފަޅަކާ ގިރިއަކަށް ދަންދެން ފެލާލީ ކޮންބައެއްކަން ރައްޔިތުންނަށް އެނގެއެވެ.
ދޮންކެޔޮ ދަޅިއަކުން ދިޔަ ފެލައިލާހެން ގައުމު ފެލައިލީ 2013 އިން 2018 އަށް ވެރިކަމުގައި ހުރި ޔާމީނު ނޫން ދެވަނަ މީހެއް ނޫނެވެ. ގައުމު ފެލައިލައިގެން މީހަކަށް އުގޫބާތް ދެންޏާ ފުރަތަމަ ދޭންޖެހޭ މީހަކީ ޔާމީނެވެ. ޔާމީނު ފެލައިލި ފެލައިލުން އަދީބާއި ޒިޔަތުގެ ބޮލަށް ކަނޑާލައިގެން ޔާމީނަކަށް ބޯދަމައެއް ނުގަނެވޭނެއެވެ. ދޫމަޅި ގާނޫނުލް އުގޫބާތެއްގެ ތެރެއިން ދެ އަކުރުގެ އޮޅުމަކުން ކޮންމެ ފަހަރަކު ޔާމީނަށް މިންޖެއް ނުވެވޭނެއެވެ. ބުރިޖާއި ދަރުމަވަންތަ ހިސްޕިޓަލާއި ހިޔާފުލެޓު ދައްކައިގެން ދައުލަތް ފެލާ ނުލާ ކަމަކަށް ޔާމީނަކަށް ނުވެވޭނެއެވެ.
ޔާމީނުގެ އައުވާނުން ނެގިނެގިފައި ޖެހުނަސް ޔާމީނަކީ ވަގެއް ކަމަށް މީހުން ގަބޫލު ކުރާ ކުރުމަކަށް ބަދަލެއް ނުގެނެވޭނެއެވެ. އެމްއެމް ޕީއަރުސީގެ ހިޔާނާތުގެ މުލުވަގަކީ ޔާމީނު ކަމަށް ދެކޭ ދުށުން ބަދަލު ކުރަން ކިތަންމެ ބާރަށް ފެލައިލައިފިއޭ ގޮވިޔަސް ފެލައިލީ ޔާމީނު ނޫން ކަމަކަށް ނުވާނެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުން މަޖިލިސް މެންބަރުން ތަކަކަށް ރިޝްވަތު ދިން ވާހަކަ އަޑު ގަދަކޮށް ދައްކާ އެމްޑީޕީއަށް އެ ހިޔާނާތް ފޫޅު ކަނޑާލަން ލައްކަ ފޯރި އެބަހުއްޓެވެ. މަޖިލިސް މެންބަރުން ތަކަކަށް ރިޝްވަތު ހިފޭނީ ރިޝްވަތު ދިން ބަޔަކު ތިބެގެންނެވެ. އެ ރިޝްވަތެއް ދިނިއްޔާ ދިނީ ޔާމީނުގެ ވެރިކަމުގައި ޔާމީނުގެ ބޭނުމަށެވެ. ޔާމީނެވެ.
ސްޕްރީމްކޯޓުގެ ބެންޗް ކުޑަ ކުރުން ކަމަށް ވިޔަސް، އަދީބު ނައިބު ރައީސް ކަމަށް ގެންނަން ކަމަށް ވިޔަސް، ފ. އަތޮޅު ވިއްކާލަން ކަމަށް ވިޔަސް ރިޝްވަތު ދިނީ ޔާމީނުގެ ބޭނުމަށް ޔާމީނެވެ. ރިޝްވަތުގެ ފައިސާ ރައްދުކޮށް ދިން މީހަކީ އަދީބަށް ނޫނީ އެހެން މީހަކަށް ވެދާނެއެވެ. އެހެނެއް ކަމަކު ރިޝްވަތެއް ދިނިއްޔާ ދިން އަސްލު މީހަކީ ޔާމީނެވެ. ރިޝްވަތު ދީގެން ލިބުނު މޮޅެއް ލިބުނީ ޔާމީނަށެވެ.
އެފައިސާ މިފައިސާ އެތާހުރި މަގޭ ފައިސާއޭ ނޫނީ ޔާމީނަށް ނުކިޔެނީ އެހެން ވެގެނެވެ. އަދީބު ގެންގޮސްދޭ ފައިސާ މަދުވެ ބޮޑާ ހަދާ ފުއްވީ ވެސް ޔާމީނެވެ. ވޮޑަމުލާއިން އާރަށުން ފުށްގިރީ ޔާމީނެވެ. އަދިވެސް ހައްސަ ވައްކަމެވެ. އެސްއޯއެފޭ އެސްކްރޯއެކައުންޓޭ ފާސިގު ހެކިބަހޭ ޑޮލަރު ގަތުމޭ ކިޔައިގެން އުޅުނަސް ފެލައިލިކަން ނޭނގޭ މީހަކު ނޫޅެއެވެ. އަދީބު ލައްވާ ކުރުވިޔަސް ޒިޔަތު ލައްވާ ކުރުވިޔަސް އެއިން ކޮންމެ ކަމެއްގެ އާހިރު މަންފާ ލިބުނީ ޔާމީނަށް ކަމާއި މެދަކު ޝައްކެއް ނެތެވެ. ހަމަ ތެދެކެވެ. ޔާމީނެއް ކަމަކު ފެލާލައިގެން ހުރެ ފެލާހިތުން ނުނިދިގެން ފެލުމަކީ ބައްޔެކެވެ.