ޔާމީނަކީ ޝަރުއީ ނިޒާމަށް ޖެހުނު ކެންސަރެއް

* ޔާމީނަށް ކަނޑައެޅޭ ނިޔާއަކީ ހަރާން ހުކުމެއް * ކުރާ ކޮންމެ ދައުވާއަކީ ސިޔާސީ ދައުވާއެއް

ޔާމީނަކީ ޝަރުއީ ނިޒާމަށް ޖެހުނު ކެންސަރެއް

އިއްތިފާގުގެ ވާހަކަ ދައްކަން އެނގޭނީ ޑރ. ޖަމީލަށެވެ. ޖަމީލަކީ ހުރިގޮތަށް ހުރި އިއްތިފާގެވެ. ރައީސް ޔާމީނަށް އެންމެ ބާރަށް އެންމެ ގިނައިން ވަގަށް ގޮވާ ރައީސް ޔާމީނަކީ ވަގެއް ނޫންކަމަށް ހަދަން އުޅުމަށް ވުރެ ވަކީން ބޮޑު އިއްތިފާގެއް ނެތެވެ. އާނއެކެވެ. ރައީސް ޔާމިނުގެ ޝަރީއަތް ތަކަކީ ރާއްޖޭގެ ޝަރުއީ ނިޒާމްގައި ޖެހުނު ލައްގަޑެއް އެކަންޏެއް ނޫނެވެ. ޝަރުއީ ނިޒާމަށް ޖެހުނު ކެންސަރެކެވެ.

ރައީސް ޔާމީނާ ދެކޮޅަށް ނިޔާއެއް ކަނޑައަޅައިފި ފަނޑިޔާރަކީ ހައްގުވާ މަގާމުގެ ކުރިއެރުމެއްވެސް ލިބިގެން ވާންވާނެ މީހެއް ކަމަށް ނުވެއެވެ. ރައީސް ޔާމީނަށް ކުށެއް ސާބިތުވާ ކަމަށް ނިޔާ ކަނޑައަޅާ ކޮންމެ ފަނޑިޔާރަކީ މުޖރިމަކަށް ހަދައެވެ. ކަނޑައަޅާ ނިޔާއަކީ ހަރާން ހުކުމަކަށް ހަދައެވެ. ރައީސް ޔާމީނަށް ކުރާ ކޮންމެ ދައުވާއަކީ ސިޔާސީ ދައުވާއަކަށް ވެއެވެ. ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުރެ ދައުލަތް ދަވާލައިގެން ނިކުމެ ހުއްޓަސް ވަރިހަމަތާއެވެ. ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުމަށް ﷲ ގަންދީ ހުވާކޮށްގެން ހުއްޓަސް ހެޔޮތާއެވެ. ސަރުކާރުން ލީސްކުރި ކޮންމެ ރަށެއް ލީސްކުރި ކޮންމެ ބައެއްގެ އަތުން މިލިޔަން ޑޮލަރު ރައީސް ޔާމީނުގެ އަމިއްލަ އެކައުންޓަށް ޖަމާވެފައި ހުއްޓަސް ހެޔޮތާއެވެ.  

މަނީލޯންޑަރިންގއާއި ހިޔާނާތާއި ރިޝްވަތުގެ ކުށްތަކަށް ތުހުމަތު ކުރެވި ތަހުގީގު ކުރެވި ދައުވާ ކުރަން ފެށުމުން ރެއެއްގެ ރޭވެފައި އަލިވިލުނު އިރު ކުއްލިޔަކަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށް ރައީސް ޔާމީނު ވެއްޖެއެވެ. ކުރިހާ ވައްކަމުގައި ބައިވެރިކޮށްގެން ގެންގުޅުނު މީހުން ފާސިގުންނަށްވެ ހެކިބަސް ޝަރީއަތަށް ގަބޫލު ކުރުމަކީ ބޭއިންސާފަށް ވެއްޖެއެވެ. ދިފާއީ ހެކިވެރިން ދިންހާ ދޮގު ހެއްކަކީ ހައްގު ތެދަށް ހަދަން ވެއްޖެއެވެ. އަންނަ މަރޗް މަހު ރައީސް ޔާމިނު މިނިވަންވެ ހުދު ބޯކިރު ކޮޅަކަށް އެބަ ވެޔޯލައެވެ. އެމްއެމްޕީއާރުސީ މައްސަލައަކި އުފެދުމުގައި ވެސް ބާތިލު މައްސަލައަކަށްވެ ޑރ. ޖަމީލު ކުރިން ކީހާޅެން ފަރިއްސަށްވެ ކޮރަޕްޝަނާއި ވައްކަމާއި ހިޔާނާތަކީ ރައީސް ޔާމީނާ ހަމަވުމުން ހުއްދަ ހަލާލު އެއްޗަކަށްވެ ނިމުމަކީ ޑރ. ޖަމީލުމެންގެ އިންސާފެވެ.