ގިނަބަޔަކަށް ވަޒީފާ ލިބެން ނައިފަރު ޝިޔާމް ދެކޮޅު!
އިބޫ އެންމެ އިންޗިއެއް ވެސް ފަހަތަކަށް ނުޖެއްސޭނެ.
ރަށްރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ވަޒީފާ ލިބި އެމީހުން ބާރުވެރިވާތީ ނައިފަރު ދާއިރާގެ މެންބަރ ޝިޔާމު ހާދަ ރުޅިއެއް އެބަ އާދެއެވެ. ރަށްރަށު މީހުންނަކީ ނައިފަރު ޝިޔާމުމެންގެ ތުނބުން ވެއްޓޭ ބަތްފުށް ކާން ތިބޭ ބަޔަކަށް ނުވާ ގޮތްވާތީ މޭކަރާނެއެވެ. ގިނަ ރައްޔިތުންނަށް ވަޒީފާތައް ލިބި ކޮންމެ މީހަކީ ފުދުންތެރި އަކަށް ވާތަން ދެކެން ނައިފަރު ޝިޔާމުމެން ނޭދޭނެއެވެ.
އެކަމަކު ބުނަން ހެއްޔެވެ. އެންޓިކޮރަޕްޝަން ކަމިޝަނަކީ ނައިފަރު ޝިޔާމުގެ ބޮލިރަވައެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހަކީ ނައިފަރު ޝިޔާމުގެ އައްޑާއެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހު ރިސެސް ނިމި އަލުން މަޖިލިސް ހުޅުވޭތީ ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީން ބިރުން ތުރުތުރު އަޅާނީ އެހެން ނަމަތާއެވެ.
ރައީސް ސާލިހު ވެރިކަމަށް އައީވެސް ރައްޔިތުން ފުދުންތެރި ކުރުވުމަށެވެ. ތަފާތު ނައްތާލުމަށެވެ. ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ހޯދާދޭށެވެ. ވަޒީފާނެތި އާމްދަނީ ލިބޭނެގޮތް ނެތިފައި ތިބި އެތައް އާއިލާއެއް ރައީސް ސޯލިހުގެ ހެޔޮވެރިކަމުގައި ހެއްވާލައިފިއެވެ. އެތައްހާސް ރައްޔިތުންނަށް ރަށުގައި ތިބެ ވަޒީފާ އަދާކުރެވޭނެ ފުރުސަތު ހޯދައިދީފިއެވެ.
ކޮންމެ ރަށެއްގައި ކަރަންޓާއި ފެނާއި ނަރުދަމާ ޒަމާނީ ފެންވަރަށް ގާއިމުކޮށް އެހިދުމަތްތައް ދިނުމަށްޓަކައި ބޭނުންވާ އިންސާނީ ވަސީލަތް ނުހޯދާ ހިދުމަތްދޭނެ އެހެން މޮޅު ގޮތެއް ނައިފަރު ޝިޔާމަށް އެނގެންޏާ އެކަން ކުރަން ވެރިކަމަށް އާދެވެންދެން މަޑު ކޮށްލާށެވެ. ރައްޔިތަކަށް ހޯދާދިން ވަޒީފައެއް ނެތޭ ކިޔާ އަނގަ ދިޔާކުރެވެން މިހާރު ނެތީމާ އިންތިހާބަށް ސަރުކާރުން ވަޒީފާ ބަހާކަމަށް ވެއްޖެއެވެ.
ބޮޑުގެރި ބޭރަށް ހިންގާހެން ކެނޑޭ ގޮތަށް ރަށްރަށުގައި ކަރަންޓް ދިން އިރު މީހަކު ދެމީހަކު ލައިގެން އިންޖީނުގެ ހިންގި ޒަމާން ހިނގައްޖެއެވެ. ފެނުގެ ހިދުމަތް ގާއިމު ކުރެވޭ ހުރިހާ ރަށެއްގައި އެ ހިދުމަތް ދަމަހައްޓާ ބަލަހައްޓާ ނަގަހައްޓަން މުއައްޒަފުން ހޯދާނެއެވެ. ނަރުދަމާގެ ހިދުމަތާ ގުޅޭކަންކަމަށް ވެސް މުއައްޒަފުން ބޭނުންވާނެއެވެ. ކަރަންޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތުގެ ވިއުގަ ފުޅާވާ ވަރަކަށް އެ ހިދުމަތް ދެމެހެއްޓުމަށް އެކަށީގެންވާ އަދަދަށް މީހުން ބޭނުންވާނެއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި އެރަށެއްގެ ނިސްބަތުން ހިދުމަތް ގާއިމުކޮށް ދަހައްޓަން މުއައްޒަފުން ހޯދާނެއެވެ.
އާނއެކެވެ. ރާއްޖޭގެ ކަންކޮޅުތަކުން އެތައް ސަތޭކަ ބަޔަކަށް ސަރުކާރު ކުންފުނިތަކުން ވަޒީފާ ދީފިއެވެ. އަދިވެސް ދޭނެއެވެ. ރައްޔިތުންނަށް ބޭނުންވާ ހިދުމަތް ފޯރުކޮށް ދިނުމަށް ވަޒީފާ ދޭންޖެހޭ ބަޔަކަށް ވަޒީފާ ނުދިއެއް ނުއޮންނާނެއެވެ. އެކަމުން އެތައް ކަމެއް ހާސިލުވެއެވެ.
ރައްޔިތުންގެ ތެރެއިން ގިނަ އައިލާތަކަކަށް އާމްދަނީ ކަށަވަރުވެ ފޯރުންތެރި ކަން އިތުރުވެއެވެ. ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބެއެވެ. އަނެއްކޮޅުން ރައްޔިތުންނަށް ތަފާތެއް ނެތި އަސާސީ ހިދުމަތް ލިބި ކޮންމެ ރަށަކީ އިގްތިސާދީ ގޮތުން ކޮންމެވެސް މަސައްކަތްތަކެއް ހިންގޭ ފުދުންތެރި ރަށަކަށް ވެގެން ދެއެވެ. ފެނަކައާއި ސްޓެލްކޯއާއި އެމްޓީސީސީއާއި އެސްޓީއޯ ފަދަ ކުންފުނިތަކުން އެ ކުރަނީ އެ މަސައްކަތެވެ. ހެޔޮވެރިކަމެއްގެ ހެޔޮކަން މުޅި ރައްޔިތައް ފޯރުކޮށްދެނީއެވެ.
ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭ ވެރިއަކަށް ގިނަ ބަޔަކު ތާއީދު ކުރާނެއެވެ. ގޮތް ހުސްވެ ވަޒީފާ ނެތި އަސާސީ ހިދުމަތުން މަހުރޫމު ވެފައި ތިބި ބަޔަކަށް އެ ހާލަތުން އަރައިގަނެވޭނެ ގޮތްވުމަކީ ތާއީދާ ލޯބި ލިބޭނެ ކަމެކެވެ. ހެޔޮވެރިކަމެއް ކޮށްދޭ ހެޔޮވެރިއަކު ވެރިކަމުގައި ބަހައްޓަން ތާއީދުކޮށް ރައްޔިތުން ވޯޓު ދެނީ އެހެން ވެގެނެވެ. ވޯޓަށްޓަކައި ވަޒީފާ ދެނީއެއް ނޫނެވެ. ރަށުގައި ތިބެ ފުދިންތެރިކަން އައިލާ ތަކަށް ލިބުމުގައި ވަޒީފާ މުހިންމެވެ. އެފުރުސަތު ރައްޔިތުންނަށް ހޯދައިދޭ ވެރިއަކަށް ހިތު ލޯބިން ވޯޓުދީ އެވެރިކަން ދަމަހައްޓަން އިހުލާސްތެރި ކޮންމެ މީހަކު މަސައްކަތް ކުރާނެއެވެ. މީސް މީހުނަށް ވޯޓުދީގެން މީސްމީހުން ވެރިކަމަށް ރައްޔިތުން ގެންނަނީ އެމީހުނަށް ހެވާ ލާބަ ހޯދުމަށެވެ.
އިންތިހާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ ވަޒީފާ ސަރުކާރުން ކުންފުނިތައް މެދުވެރިކޮށް ބަހަނީއޭ ބުނެ ފިތުނަވެރި ވާހަކަ ދެއްކިދާނެއެވެ. ރައްޔިތުން ބަޔަކު ވެރިކަމަށް ގެންނަނީ އެމީހުނަށް ފަހި ރަނގަޅު ގޮތް ހޯދުމުގެ ބޭނުމުގައެވެ. ރައީސް ސާލިހުގެ ވެރިކަމުގައި ކުރެވޭ ކޮންމެ ކަމެއް ކުރެވެނީ ރައްޔިތުންގެ ހެވާލާބައަށެވެ. ރައްޔިތުންގެ ހެވާލާބަޔަށް ރައިސް ސާލިހުގެ ހެޔޮވެރިކަމުގައި ކުރެވޭ ކަންކަން ހުއްޓުވާ ސަރުކާރު ޕެރަލައިޒްކޮށްލަން ލައްކަ މަސައްކަތް ވާދަވެރިން އެބަކުރެއެވެ. އެހެނެއް ކަމަކު ރައްޔިތުންގެ ހިދުމަތުން ރައީސް ސާލިހު އެންމެ އިންޗިއެއް ވެސް ފަހަތަކަށް ނުޖެއްސޭނެއެވެ.