20އަހަރުގެ ޕްލޭން: މުއިއްޒު ވައުދުނުފުއްދާ ޗައްކަރު!

ރައްޔިތުންނަށް ކަމެއް ކޮށްނުދީ ދައުލަތް ދަވާލުމުގައި 2026 ނިމެންދެން ހުރެވޭނެ

20އަހަރުގެ ޕްލޭން: މުއިއްޒު ވައުދުނުފުއްދާ ޗައްކަރު!

ރައީސް މުއިއްޒު ވެރިކަމަށްޓަކައިވީ ވައުދުތައް ގިނަވެފައި ބޮޑެއްޗެވެ. ވެރިކަން ލިބުމުން ވެސް އެތައް އައު ވައުދުތަކެއްވިއެވެ. އެތައް މިލިޔަން ޑޮލަރެއް ހޭދަކުރަން ނުޖެހޭ އެއްވެސް ވައުދެއް އޭގެތެރެއަކު ނެތެވެ.

މުއިއްޒު ވައުދުތައް ވަމުން ދިޔައިރު އެތައް މިލިޔަން ޑޮލަރުގެ އެތައް މަޝްރޫއެއް ކުރީން އޮތް ސަރުކާރުން ފަށައިގެން ހިނގަމުން އައިސްފައިވެއެވެ. އެތައް މަޝްރޫއެއް އޮތީ ނިމުމާ ގާތުގައެވެ. ރެބަން ކަނޑާލަން ޖެހޭ ވަރަށް ނިމިފައެވެ. އެތައް މަޝްރޫއެއް ހުއްޓާނުލެވޭ ވަރަށް މަސައްކަތުގެ ބޮޑުބައެއް ހުރީ ނިމިފައެވެ. އަލަށް ފަށާފައިވާ އެތައް މަޝްރޫއެއް އޮތެވެ. އެވޯޑްކޮށް އެގްރިމަންޓްގައި ސޮއިކޮށް ފަށަން ތައްޔާރުވެފައި އޮތް އެތައް މަޝްރޫއެއް ވެސް އޮތެވެ. ހައްތަހާވެސް ސީދާ ރައްޔިތުންގެ އަސާސީ ހައްގުތަކާއި ދިރިތިބުމާ ގުޅުން ހުރި މަޝްރޫއުތަކެވެ. 

ކުރީ ސަރުކާރުން ހިންގަމުން އައިހާކަންކަމާއި ރައީސް މުއިއްޒުގެ ބޮޑެތި ވައުދުތައް ފުއްދާ ދެވޭވަރުގެ އުރައްޕަތެއް ދައުލަތުގެ މާލިއްޔަތަކު ނެތެވެ. ކާޑާއި ތެލާއި ބޭހާ އެތެރެކޮށް ރައްޔިތުންނަށް ފޯރުކޮށްދެވިދާނެ ކަމުގެ ޔަގީންކަން ނެތް ވަރަށް ދައުލަތުގެ މާލިއްޔާ އޮތީ އަޑިއަޅާ ދަރަނިވެރިވެ، ދަރަނި އަދާ ނުކުރެވޭ ވަރަށް ކަފާސް ވެފައެވެ. ދައުލަތުގެ މުއައްޒަފުންނަށް މަހު މުސާރަ ދެވިދާނެ ކަމާމެދުވެސް ޝައްކެވެ.     

ކަންކަން ކޮށްދިނުމަށް ރައީސް މުއިއްޒަށް އޮތް ބޮޑު ގޮންޖެހުމަކީ މާލީ ނުތަނަވަސްކަމެވެ. އެހެންކަމުން ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާއި މުއިއްޒު ވީވައުދުތައް ފުއްދާނުދީ ވާނެ މޮޅު މޮޅު ޗައްކަރެއް ޖެހުމަށް މުއިއްޒު ވިސްނިއެވެ. ކަންކަން ނުކޮށްދީ ދައުލަތް ފުޅިއްސާލުމުގައި އެންމެ ގިނަ ދުވަހު ހުރެވޭނީ ކިހިނެތްތޯ ބެލިއެވެ. އެންމެ ފަހުން ވަރަށް މޮޅު ޗައްކަރެއް އަތްމަތިވެއްޖެއެވެ. 

މުއިއްޒު ހީލަތްތެރި ޗައްކަރުގެ ނަމަކީ "20 އަހަރު ދުވަހުގެ ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭން" އެވެ. ޕްލޭންގެ ފޮރުވިފައިވާ ހަގީގަތަކީ ރައްޔިތުންގެ ބައިވެރިވުމާ، ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާ ހޯދައިގެން ޕްލޭން ހެދުމުގެ ނަމުގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިންގާ އެއް އަހަރު ދުއްވާލުމެވެ. ގާނޫނީ ސިފަ ގެންނަން އަނެއް އެއް އަހަރެވެ. ގައުމީ ތަރައްގީގެ ޕްލޭންގެ މަސައްކަތް ކުރިއަށްދާތީ ޕްލޭން ނިމުމުން ނޫނީ ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދިޔުން މަޑު ޖައްސާލާނީއެވެ. ތަރައްގީގެ ޕްލޭން ނުނިމެނީސް އެއްވެސް މަޝްރޫއެއް ހިންގައިފިނަ ތަރައްގީގެ ޕްލޭނާ ފުށުއަރައި އެކަމެއް ބޭކާރު ވެދާނެ ކަމަށްޓަކައެވެ.

ކަންކަން ނުކޮށްދޭން ކިހާ މޮޅު ހުއްޖަތެއް ހެއްޔެވެ. އޭރުން ރަށްރަށުގެ ފެނާ ނަރުދަމާއާއި މަގުހެދުމާ އެނޫންވެސް އެއްވެސް މަޝްރޫއެއް ހިންގާކަށް ނުޖެހޭނެއެވެ. ވެރިކަމަށް ވީވައުދުތައް ވެސް ފުއްދަންނޫޅެ މަޑުކޮށްލެވޭނެއެވެ. ގައުމީ ތަރައްގީގެ ޕްލޭން އޭ ކިޔާލަ ކިޔާލާ ރައްޔިތުންނަށް ކަމެއް ކޮށްނުދީ ދައުލަތް ދަވާލުމުގައި 2026 ނިމެންދެން މުއިއްޒަށް ހުރެވޭނެއެވެ.