ދިޔަރެސް ޔާމީނަށް ވިކިފަ! ހީރަސް ސަރުކާރަށް ގަނެފަ! އަންނި ގޮތް ހުސްވެފަ!

ނޫސްތައް މިންކޮށް ރިޕޯޓް ނެރެން " އޯޝަން ވީކުލީ " އަކީ ވަކި ކޮންބައެއް!

ދިޔަރެސް ޔާމީނަށް ވިކިފަ! ހީރަސް ސަރުކާރަށް ގަނެފަ! އަންނި ގޮތް ހުސްވެފަ!

އޯޝަންވީކްލީ އަކީ ރައީސް ނަޝީދުގެ މަސްލަހަތު އޮންނަ ހަފްތާ މަޖައްލާއެކޭ ބުނާ އަޑު އަހަމެވެ. އޭގެ އެންމެ ފަހުގެ ކަވަރ ސްޓޯރީގައި ބުނަނީ ނޫސްތައް އޮތީ ސަރުކާރުން އަގުދީ ގަނެފައި ކަމަށެވެ. 

ދެން ސަރުކާރާ ދެކޮޅަށް މިއޮއް ލިޔާހާ ލިއުމާއި ، ހަދާހާ ދޮގާއި ބެހޭހާ އަބުރާ ފިތުނަ ފަސާދަ އަކީ ކޮންބަޔަކު އަގުދީ ގަނެގެން ލިޔާހާ ލިއުންތަކާ ހަދާހާ  ދޮގު ވާހަކަ ތަކެއް ހެއްޔެވެ؟ 

މައިދަރިން ލޯދިއްކޮށްލަން ނުކެރޭ ވަރުގެ ވާހަކަތައް ސަރުކާރާ ދެކޮޅަށް އެބަ ދައްކައެވެ. ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ އާއިލާ އަށް ނިސްބަތް ވަންޏާ އަބުރެއް ގަދަރެއް، އަހުލާގެއް ތަމީސެއް ދޮގެއް ތެދެއްނެތި ހިތުހުރި އެއްޗެއް ގޮވާ ލިޔެ ނެގުމަކީ ޑިމޮކްރަސީއާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އިސްލާމް ދީނާ ވަތަނާ ގައުމާ ލައިގެންތިބި އަންނައުނުގެ ވަތުބަތާނު ކައްގަނޑަށް އެބަވެއެވެ. 

ބަލަ ނޫސްވެރިކަން ކުރަންޖެހެނީ ވަކި ބައެއް ހެއްޔެވެ. ނޫސްވެރިކަމަކީ ވަކި ދެތިން މީހެއްގެ މައިފުށު ތަރިކައެއް ނޫނެވެ. ބަޔަކަށް ނޫހެއް ކަމުދަނީ ބަލަނީ ނެރޭތާ ދުވަސް ވެގެނެއް ވެސް ނޫނެވެ. ނޫހެއްގެ ކޮންޓެންޓް ކަމުދާ ބަޔަކު އެނޫހަކީ އުމުރުން ކިހާ ދުވަހެއްވީ ނޫހެއްތޯ ނުބަލާނެއެވެ. 

ބަޔަކު ނުބަލާ ލޯނުދެކޭ ނޫސްތަކަށް ސަރުކާރުން ފައިސާ ދީގެން ގަނެގެން އުޅޭ ކަމުގެ ތުހުމަތުކޮށް އޯޝަންވީކްލީ ކިޔާ މަޖައްލާއަކާ ހަވާލަދީ ފައިނު ވައްޑޭ ނޫސްތައް ކުށްވެރި ކުރާއިރު އެހެން ނޫސްތައް މިންކޮށް ވަޒަންކޮށް ރިޕޯޓް ނެރެން "އޯޝަން ވީކުލީ" އަކީ ކިހާ ދުވަހެއްވީ ކޮންބަޔަކު ބަލާ މަޖައްލާއެއް ހެއްޔެވެ. ފައިނު ވައްޑޭއާއި ފައިނު އާދަން ޝަރީފާ ފޯއްމުލަކު ޖަމީލު ނޫސްތައް މެދުވެރިކޮށް ކުރަން މިއުޅެނީ ކީއްހެއްޔެވެ. 

ރަންކޮޅާއެވެ. ގާނޫނީ ގޮތުން ރަޖިސްޓްރީ ކޮށްގެން ނޫހެއް ހިންގާނީ ހިންގޭ ވަރުގެ ބައެކެވެ. އެ ނޫހެއްގެ އެޑިޓޯރިއަލް ޕޮލިސީ އަކީ އެ ބައެއްގެ އަމިއްލަ އެއްޗެކެވެ. އެކި ނޫހުގެ ކޮންޓެންޓް ހުންނާނީ އެކި ގޮތަށެވެ. ސިޔާސީ ގޮތުން އޭރަކު އޮންނަ ސަރުކާރަކަށް ތާއީދުކޮށް އެ ސަރުކާރެއްގެ ސިޔާސަތުތައް ޕްރަމޯޓްކޮށް އިދިކޮޅު ފަރާތް ތަކަށް ފާޑު ކިޔާ ނޫސްތައް ހުންނާނެއެވެ. ސަރުކާރަށް ފާޑުކިޔާ ސަރުކާރުގެ މަގްބޫލުކަން ކުޑަ ކުރަން މަސައްކަތްކޮށް އިދިކޮޅު ލީޑަރުން ޕްރަމޯޓްކުރާ ނޫސްތައް ވެސް ހުންނާނެއެވެ. ކޮންމެ ނޫހެއްގައި ހުރިހާ އެއްޗެއް ނުހުންނާނެއެވެ. އެ ނޫހަކުން ފަތުރާނީ އެ ނޫހަކުން ފަތުރަން ބޭނުންވާ ކޮންޓެންޓެކެވެ. އެކަން މިރާއްޖޭގައި މި ކުރެވޭ ވަރަށްވުރެ ފުޅާކޮށް ކުރާ އެހެން ތަނެއް އޮވެދާނެއެކޭ ހީއެއް ނުވެއެވެ.

ދީން ފަތުރާ މީހުން ކުރާނީ އެކަމެވެ. މުނިފޫހި ފިލުވުމާއި ފިލްމީ މައުލޫމާތު ފަތުރާ ނޫސްތަކުން ކުރާނީ އެ މަސައްކަތެވެ. ކުޅިވަރަށް ހާއްސަ ނޫސްތަކުން ދައްކާނީ ކުޅިވަރުގެ ވާހަކައެވެ. ކަރަންޓް އެފެއަރޒް ގެނެސްދޭ މީހުން ކުރަނީ އެކަމެވެ. ސިޔާސީ ގޮތުން މައުލޫމާތު ފަތުރާ ވަކި ފިކުރެއް ކުރިއެރުވުމަށް މަސައްކަތްކުރާ މީހުން ކުރަނީ އެ މަސައްކަތެވެ. އެތައް ކަމެއް ޝާމިލުވާ ގޮތަށް ނޫސްވެރިކަން ކުރުމަކީވެސް އެކަން ކުރާ ގޮތެކެވެ. ގާނޫނީ އިމުން ބޭރު ނުވެ ކޮންމެ ބަޔަކަށް ވެސް ކޮންމެ ފިކުރެއްގައި ވެސް ނޫސްވެރިކަން ކުރެވޭނެއެވެ. އެއީ ބަޔަކާ ބެހޭ ކަމެއް ނޫނެވެ. މިނިވަން ނޫސްވެރި ކަމަކީ އެއީއެވެ. 

މިހެން ބުނާ މީހާ އާއި ނޫސް އެއޮތީ ގަނެފަ!

ސަރުކާރުން ކުރާ ރަނގަޅު ކަމެއްގެ ވާހަކަ ހަމަ ބުނާ އިރަށް އެހެން ބުނި މީހާ އާއި އެ ވާހަކަ ލިއުނު ނޫހާ ރޭޑިއޯއާއި ޓީވީ އެ އޮތީ ސަރުކާރަށް ވިކި ހުސްވެފައި ކަމަށް ފަލަ ސުރުހީގައި ލިޔެ އެބަ ޗާޕް ކުރެއެވެ. އަޖައިބެއް ކަހަލަ ބަލާވެރި ކަމެއް ތާއެވެ.؟! 

ނޫސް ތަކަށް ސްޕޮންސަރ ދިނުމާ އިސްތިހާރު ދިނުމަކީ ސަރުކާރު ކުންފުނިތަކުން އެކަނި ކުރާ ކަމެއް ނޫނެވެ. އެއީ ވަކި ބަޔަކަށް އެކަނި އޮތް ހައްގެއް ވެސް ނޫނެވެ. އެ ތަނެއްގެ މަރކެޓިންގއާއި ތަސައްވަރު ރަގަޅު ކުރުމަށް ދެފަރާތް އެއްބަސްވެވޭ ގޮތަކަށް އިސްތިހާރާއި ސްޕޮންސަރ ދިނުމަކީ އައުކަމެއް ނޫނެވެ. އެކަމުގައި ސަރުކާރެއް އަމިއްލަ ފަރާތެއް ތަފާތެއް ނެތެވެ. ސްޕޮންސަރ ހޯދުމާ އިސްތިހާރު ހޯދުމަކީ ވަކި ބަޔަކަށް އެކަނި އޮތް ހައްގެއް ވެސް ނޫނެވެ.

ގައުމަށް ފައިދާ ކުރަނިވި ދާއިރާތައް ކުރިއެރުވުމަށް އިޖުތިމާ ޒިންމާއެއްގެ ގޮތުގައި ބޮޑެތި ކުންފުނިތަކުން ގިނަ ކަންތައް ތަކެއް އަބަދުވެސް ކުރެއެވެ. މެޗްތަކާއި މުބަރާތްތަކާއި އިވެންޓްތައް ސްޕޮންސަރ ކުރެއެވެ. ދާއިރާއަކަށް އަލަށް ނިކުންނަ ފަރާތް ތަކުން ރަނގަޅު ތަސައްވުރަކާ އެކު ހުށައަޅާ ހުށަހެޅުން ތަކަށް އެހީތެރި ކަމެއް ފޯރުކޮށްލާ ދިނުމަކީ ވެސް އިޖުތިމާއީ ޒިންމާގެ ދަށުން ކުންފުނިތަކުން ކޮށްއުޅޭ ކަންކަމެވެ. އެއްޔަކީ ގަތުމެއް ވިކުމެއް ނޫނެވެ. އެހެން ނޫނަސް އެއްވެސް ކުންފުންޏަކުން އެ ކުންފުންޏެއްގެ ތަސައްވަރު ކިލަނބުކޮށް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރާކަށް ހަރަދެއް ނުކުރާނެއެވެ. އެގެން ޖެހޭކަމަކީ އަމިއްލަ ގައިގާ ރޯކުރަން އެއްވެސް މީހަކު ޕެޓްރޯލު ނުދޭނެކަމެވެ.  

ތެދެކެވެ. އެއްވެ އުޅުމުގެ މިނިވަންކަމެއް ނެތޭ ގޮވާ ނަގަނީ  ބަޔަކު އެއްކޮށް އެތާ މެދަށް "ފާވެ" ހުރެގެން ނެވެ. މީޑިއާގެ މިނިވަން ކަމެއް ނެތްކަމަށް ބުނެ ތިބެ ވީދެނީ މީޑިއާ މެދުވެރިކޮށެވެ.

ތިމާމެން ކޮށްފިއްޔާ ހުރިހާ ކަމެއް ބަރާބަރެވެ. އަނެކާ ކުރަންވީމާ އެ އޮތީ ވިކިފައެވެ ނޫނީ ގަނެފައެވެ. 

ތިމާ އަށް ދުނިޔެ ފެންނާނީ އަމިއްލަ  އައިނުގައި ހުރި ކުލަ އަކުންނެވެ. ވަގުންނަށް އެހެން އެންމެން ފެންނާނީ ވަގުންގެ ގޮތުގައެވެ. ތިމާ ވިކި ހުސްވެފައި ހުރީމާ ހީވާނީ އެހެން މީހުން ވެސް އެތިބީ އަގުދީ ގަނެފައި ހެންނެވެ. 

ހަސަނު ފުޅަށް ބުޑުން ދަނީ ގޭގޭގެ ކެޔޮގަނޑު ކަނޑާށެވެ. ވީމާ އެހެން މީހަކު ފުޅަށް ބުޑުން ދަންޏާ ހަސަނަށް ހީވާނީ އޭނާވެސް އެ ދަނީ ވަގަށް ކެޔޮގަނޑު ކަނޑަން ކަމަށެވެ. 

ތިޔަ ކިޔާ ގޮތުން ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ބޭނުން ހިފުމުގައި ދިޔަރެސް އޮތީ ޔާމީނަށް ވިކިފައެވެ. ހީރަސް އޮތީ ސަރުކާރަށް ގަނެފައެވެ. އަންނި ހުރީ އެކަމާ ގޮތް ހުސްވެފައެވެ. ރުހޭ މީހުން މަދުވުމަކީ ނޫސްވެރިންގެ މައްސަލައެއް ނޫނެވެ. އުޅެވޭ ގޮތަކުން ވާކަމެކެވެ.