ހެޔޮވެރިކަން: ސްޓެލްކޯ ޗައިލްޑް ކެއަރގެ ނަމޫނާ

ޗައިލްޑް ކެއަރ ސްޕޭސް: ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ އެއްބައި

ހެޔޮވެރިކަން: ސްޓެލްކޯ ޗައިލްޑް ކެއަރގެ ނަމޫނާ

މުވައްޒަފުންނަށް ހާއްސަކޮށްގެން ސްޓެލްކޯ އިން ޗައިލްޑް ކެއަރ ސެންޓަރެއް ގާއިމް ކުރަމުން އެބަ ގެންދެއެވެ. ވަޒީފާ އަށް ނުކުންނަ މައިބަފައިންނަށް އެ މީހުންގެ ކުދިން ބެލެހެއްޓުމަށް ޗައިލްޑް ކެއަރ ސްޕޭސް ގާއިމުކުރާ ފުރަތަމަ މުއައްސަސާ އަކަށް ސްޓެލްކޯ ހެދުމަށް ސްޓެލްކޯގެ މެނޭޖްމަންޓުން ކާމިޔާބު މަސައްކަތްތަކެއް މިހާރު ވަނީ ކޮށްފައެވެ.

ދައުލަތުގެ މުއައްސަސާ ތަކުގައި "ޗައިލްޑް ކެއަރ ސްޕޭސް" ގާއިމު ކުރުމަކީ ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ އެއްބައެވެ. ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަމުގެ ތެރޭގައި އަތްފޯރާފަށުގައި  ޑޭކެއާގެ ހިދުމަތް ފޯރުކޮށްދޭނެ ތަންތަން ވުޖޫދު ކުރުން ހިމެނިފައި އޮތީ އެހެން ވެގެނެވެ.

ޑޭކެއަރގެ ހިދުމަތް ދިނުމަށް ބޭނުންވާ ޖާގަ ކަށަވަރު ކުރުމަށް އެކި އިދާރާތަކާ އެކުގައި ގިނަ މަޝްވަރާތަކެއް ޖެންޑަރ މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއެކު ބޭއްވުނު ބައްދަލުވުންތަކު ނަތީޖާ މިހާރު މި ދަނީ ފެންނަމުންނެވެ.  

ސްޓެލްކޯ އެ ކަމުގައި މި ވަނީ އިސް ނަގާފައެވެ. ސްޓެލްކޯއިން މި އަހަރު މިސާލު ދައްކާނެކަން ވަނީ ކަށަވަރުކޮށް ދީފައެވެ. ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރެވޭ އޮފީސްތަކުގައި ޗައިލްޑް ކެއަރ ސްޕޭސް ގާއިމު ކުރުމުގެ ކޮންސެޕްޓްގެ ދަށުން ސްޓެލްކޯގައި މުއައްޒަފުން ވަޒީފާ އަދާކުރާ ގަޑީގައި މުއައްޒަފުންގެ ކުދިން ބެލުމުގެ އިންތިޒާމް ސްޓެލްކޯގައި ހަމަ ޖެހިގެން ދިޔުމަކީ ބޮޑު ކާމިޔާބެކެވެ. ސްޓެލްކޯގެ މުއައްޒަފުންގެ މަސައްކަތުގެ ރޭޓް އެތައް ގުނައަކަށް މައްޗަށް ދާނެކަމެކެވެ. ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިވެ އަވަސް ވެގެން ދިއުމުގެ ސަބަބެކެވެ. ސްޓެލްކޯ ޗައިލްޑް ކެއަރގެ ހިދުމަތަކީ މުޅި ރާއްޖެއަށް ނަމޫނާ ހިދުމަތަކަށް ވެގެން ދާނެއެވެ.

 

ސްޓެލްކޯއަކީ މިހާރު ވެސް ވަޒީފާގައި މުއައްޒަފުން ދެމެތިބުމުގެ ރެކޯޑް އޮތް ވަރަށް ކާމިޔާބު ކުންފުންޏެކެވެ. މުއައްޒަފުން ވަޒީފާ ދެމިތިބުމުގެ ސިއްރަކީ މުއައްޒަފުންނަށް ފަހި މާހައުލެއް ސްޓެލްކޯގައި އޮތުމެވެ. މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފުގެ ލީޑަރޝިޕްގެ ދަށުން ރައީސް ސޯލިހުގެ ހެޔޮވެރިކަމުގެ ނަމުނާ އިތުބާރާ ޔަގީންކަމާއެކު ދެއްކުމުގައި ސްޓެލްކޯގެ މުއައްޒަފުން ތިބީ އަތުކުރި އޮޅާލައިގެންނެވެ.