ޔާމީނަށް 10މިލިއަން ޑޮލަރުދޭ މީހަކަށް ޕީޕީއެމްގެ ރިޔާސީޓިކެޓް!

ޔާމީނު ކުރާ ކޮންމެ ކަމެއްގެ ފަހަތުގައި އޮންނަނީ ހޯދުނު ގޮތަކުން ފައިސާ ހޯދުން

ޔާމީނަށް 10މިލިއަން ޑޮލަރުދޭ މީހަކަށް ޕީޕީއެމްގެ ރިޔާސީޓިކެޓް!

ތިމާއަށް ނުވާ ނަމަ އެހެން އެކަކަށް ވެސް ވިޔަ ނުދިނުމަކީ އަނިޔާވެރި ޑިކްޓޭޓަރުންގެ ސިފައެކެވެ. ކޮށްފައިހުރި ކަންކަމާ، ހުރި ތުހުމަތު ތަކާއި އުފުލިފައިވާ ދައުވާތަކާއި ކުރެވޭ ތަހުގީގް ތަކާ ހުރެ ދެން ވެރިކަމަށް ނާދެވޭނެކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށެވެ. 

54 އާއި 45 ގެ އޮޅުމަކުން ސުޕްރީމް ކޯޓުން ބޯދަމައި ގަނެވުނު އިރުވެސް ކެންޑިޑޭޓަކަށް ވާން އޮންނަން ޖެހޭ ސާފު މުއްދަތު ފަހަނަ އަޅައިފި ކަމަށް ގާނޫނީ މީހުން އެބަ ބުނެއެވެ. ނުވިތާކަށް އެ ހުކުމަށް ވާޞިލުވި ގޮތް ސުޕްރީމް ކޯޓުން ބަޔާން ކުރި ނުގުތާ ތަކުގައި ޔާމީނު ކޮށްފައި ހުރީ ދައުލަތުގެ ވެރިޔާގެ މަގާމުގައި ހުރެ ކޮށްގެން ނުވާނެ ކަންކަން ކަމުގައި ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ. އެ ފަދަ މީހަކު އަލުން ވެރިކަމަށް ކުފޫ ހަމަވާނެ ގޮތެއް ނޭނގެއެވެ. ޝަރުތު ގެއްލުނީމާ ވާދައެއް ނުކުރެވޭނެއެވެ. ޖަމީލަށް ވެސް އެކަން އެނގޭނެއެވެ.

އަބްދުﷲ ޔާމީނު ކުރާ ކޮންމެ ކަމެއްގެ ފަހަތުގައި އޮންނަނީ ހޯދުނު ގޮތަކުން ފައިސާ ހޯދުންކަން ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އޭނާ ކުރީ ވެރިކަންތޯ ނުވަތަ ވައްކަންތޯ ބުނެދެނީ ހުސްއަތާ ހުވާ ކުރި މީހާ ވެރިކަމުން ބޭލިއިރު އަމިއްލަ އެކައުންޓްގައި އެހުރި ގޮތްނޭނގޭ 100 އަށް ވުރެ ގިނަ މިލިއަން ރުފިޔާއެވެ.  

ފައިސާ ހޯދަން ވެރިކަންކުރާ މީހަކަށް ވެރިކަން ނުލިބުނަސް ފައިސާ ލިބުނީމަ އޯކޭ ވާނެއެވެ. ސުޕްރީމް ކޯޓްގައި ކެމެރާ ހަރުކޮށްގެން ފަނޑިޔާރުންނަށް ފާރަލީ މީހާ ވެސް މިހާރު އެހުރީ މަގާމުން ބޭރުކޮށްފައެވެ.

ވެރިކަމަށް އާދެވިއްޖެނަމަ އެހެނޭ މިހެނޭ ކިޔާ އެދައްކާ ހުރިހާ ވާހަކައަކީ ވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓްގެ އަގު އެރުވުމަށް ދައްކާ ވާހަކައެވެ. އެކަކު ނެތުމުން ދެންހުރި މީހާއަށް ޓިކެޓް ލިބޭނީ ހަމައާއި އިންސާފުން ހިންގާ ސިޔާސީ ޕާޓީ ތަކުގައެވެ. ޔާމީނަށް ކޮން މުއިއްޒެއް ޖަމީލެއް ވަހީދެއް ހެއްޔެވެ؟ ބޯކޮށް ޓިސްޓިސް ނެގުނީމާ ޔާމީނަށް ނިމުނީއެވެ. އެކަމުގައި ޔާމީނަކީ މޮޅު ހުނަރުވެރި އެކެވެ.

މިހާރު އެކުރާ ގޮތަށް ޓިކެޓްގެ އަގު އެރުވުމަށްފަހު ، އެ ދުވަހަކުން ޕީޕީއެމް އޮންނާނީ މަނިކުފާނު ފަހަތުގައޭ ބުނެ 10 ވަރަކަށް މިލިއަން ޑޮލަރު  އަނެއްކާ ވެސް އެކައުންޓަށްލާން އޮތް ރަނުގެ ފުރްސަތަކީ މިއީ ކަން ޔާމީނަށް އެނގޭނެއެވެ. މި އަވާގައި ޖެހެން ތިބީ ގާސިމާ ނާޒިމާ ސަން  ސިޔާމް ފަދަ މީހުންނެވެ. ވަހީދު ވެސް ޕްރިންސް މުހައްމަދާ ޑީލް ކުރާކަމަށް ވެއެވެ. މަޅީގައި ޖެހި މިކެހި ލިބި އެބޮނޑި ބޯނީ މިތަނުން ކާކު ކަމެއް ނޭނގެއެވެ.