އިންތިއަށް އޮޅުނު ބެދޭމަޅި އާއި ބޮޑުވަޒީރު
އިބޫ ކޯނަރ ކުރަންއުޅެ އަންނި ކޯނަރވުން
ރައީސް ނަޝީދަށް ނެތް ވެރިކަމެއް އެމްޑީޕީގައި އޮތަނުދިނުމަށް މި ދައުރު ފެށުނީއްސުރެ ރައީސް ނަޝީދު އައީ މަސައްކަތް ކުރައްވަމުންނެވެ. ފުރަތަ ރައީސް ސާލިހަކީ ރައީސް ނަޝީދުގެ ގޮނޑިކޮއްކޮއަކަށް ވެވަޑައިގަންނަވާނެ ކަމަށް ހީކުރެއްވިއެވެ. މުޅި ސަރުކާރު ހިންގާނީ ނަޝީދު ވިދާޅުވާ ގޮތަށް ކަމަށް ހީކުރެއްވިއެވެ. ވެރިކަން ހޯދަން ކޯލިޝަނެއް ހެދިޔަސް ކޯލިޝަން ރޫޅާލާ ނަޝީދުގެ އަތްޕުޅު މައްޗަށް ގައުމު ހިންގުމުގެ ހުރިހާ ބާރެއް ކަހާލެއްވޭނެ ކަމަށް ނަޝީދު ހީކުރެއްވިއެވެ.
ނަޝީދު ހީކުރެއްވި ގޮތާ ހިލާފަށް ރައީސް ސާލިހު ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ފެއްޓެވީ ކޯލިޝަން ޕާޓްނަރުން ތަމްސީލުކުރާ ވަޒީރުންގެ މަޖިލީހުގެ ތެރެއިންނެވެ. ވަކި މީހެއްގެ މުށުތެރެއަށް ދައުލަތް ވައްޓާ ނުލައްވައެވެ. އެކަމަކީ ރައިސް ނަޝީދު ހިތްޕުޅާވި ކަމަކަށް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން އެމްޑީޕީގެ ތެރެއިން ސަރުކާރަށް ލިބެންޖެހޭ އެއްބާރުލުން ދިނުމަށް އެކި ގޮތްގޮތުން ރައީސް ނަޝީދު ހުރަސް އަޅުއްވަން ފެއްޓެވިއެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ވާދަކުރުމުގައި ކޯލިޝަން އެއްބަސްވުމާ ހިލާފަށް އެންމެ ދާއިރާއެއް ފިޔަވާ ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަ ކުރަން ނިންމި ނިންމުމަކީ ކޯލިޝަން ޕާޓްނަރުނަށް ނަޝީދު ދެއްވި ފުރަތަމަ ކެއްސެވެ. ރައީސް ސާލިހުގެ ވިސްނުންފުޅާ ދެކޮޅަށް އެމްޑީޕީން އެޅި ފުރަތަމަ ފިޔަވަޅެވެ. ވީގޮތެއްވެ މަޖިލީހުގެ 65 ގޮނޑި އެމްޑީޕީއަށް ލިބުމުން މަޖިލިސްގެ ރައީސް ކަމަށް ވާދަކުރަން ދެ ފެކްޝަން އުފަންކުރުވާ ދެ ފެކްޝަނުން ދެ މީހުން މެންބަރުންނަށް ދެއްކިއެވެ. ރައީސް ނަޝީދުގެ ތާއީދާއެކު މަޖިލީހުގެ ރައީސް ކަމަށް ވާދަކުރުވީ އައްޑޫ އަސްލަމެވެ. ރައީސް ސާލިހުގެ ތާއިދުގައި ނިކުތީ ހަސަން އަފީފެވެ. އެހެނަސް ހީލަތްތެރި ފިތުނައެއްގެ ތެރެއިން އެމްޑީޕީގެ ފަރާތުން މަޖިލިސްގެ ރައީސް ކަމަށް ވާދަކުރަން ނިންމުވީ ރައީސް ނަޝީދެވެ. ނަޝީދާ ވާދަކުރެއްވީ ޖުމްހޫރީ ލީޑަރ ގާސިމް އިބްރާހީމެވެ. ބިޔަ މެޖޯރިޓީ އޮތް އެމްޑީޕީގެ ވޯޓުން މަޖިލިހުގެ ރައީސް ކަމަށް ނަޝީދު ހޮވީ ގާސިމު ހުތުރު ބައްޔަކުން ބަލިކޮށްފައެވެ.
މަޖިލިސްގެ ރައީސްކަން ލިބިވަޑައިގަތުމުން ހީފުޅުވީ މުޅި ދައުލަތް ރައީސް ނަޝީދަށް ލިބިވަޑައިގެން ހެންނެވެ. ދަނޑިވަޅު ބައްލަވާ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރެއްވުމަށް ރައީސް ނަޝީދު ނިންމަވާ ލިބި އޮތް ސްޕަރ މެޖޯރިޓީ ބޭނުން ކުރައްވައިގެން ބޮޑު ވަޒީރުކަން ހޯއްދަވާ ވެރިކަން ހިންގުމުގެ ބާރު އަތްޕުޅަށް ފޮރޮޅާލެއްވުމުގެ ކެންޕެއިން ފެއްޓެވިއެވެ. ރައީސުލްޖުމްހޫރިއްޔައަކީ އާރެއް ބާރެއްނެތް ރަމްޒީ މީހަކަށް ހަދާ ރައީސް ސާލިހު ކޯނަރ ކުރެއްވުމަށް ނިންމަވާ އެކަން ތަންފީޒު ކޮށްދެއްވުމަށް ރައީސް ސާލިހުގެ އަރިހުގައި ދެންނެވިއެވެ.
ރައީސް ނަޝީދުގެ ހުށަހެޅުއްވުމަށް ރައީސް ސާލިހު ތަރުހީބު ނުދެއްވުމުން ރަނގަޅަށް ހުޅުފަޅައިގެން ދިޔައެވެ. ސަރުކާރަށް ޒާތްޒާތަށް ފިއްތުންތައް ފިއްތާ މަޖިލީހަކީ ސަރުކާރާ އިދިކޮޅު ބާރު ކަމުގައި ހައްދަވަން ނަޝީދު މަސައްކަތް ފެއްޓެވިއެވެ. ނަޝީދާއި އެއްބައިވެގެން ސަރުކާރަށް މަޖިލީހުން ފިއްތަލެވޭތޯ ނަޝީދު ކުރެއްވި މަސައްކަތް ނާކާމިޔާބު ކޮށްލެއްވީ މަޖިލީހުގައި ތިއްބެވި ހުޝިޔާރު މެންބަރުން ތަކެއްގެ އެއްބާރުލުން ސަރުކާރަށް ދީގެންނެވެ. ރައީސް ނަޝީދުގެ އަމިއްލަފުޅު އެޖެންޑާއަށްވުރެ ޕާޓީއާއި ގައުމީ މަސްލަހަތު އެ މެންބަރުންނަށް މާބޮޑު ވެގެންނެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން ރައީސް ނަޝީދު ޖައްސަވާ ހާބެރަކަށް ނައްޓަވަން ލިބި ވަޑައިގަތި 15 ވަރަކަށް މެންބަރުންނެވެ. އާހިރުގައި މަޖިލީހުގެ ކޮންޓްރޯލު ވެސް ރައީސް ނަޝީދަށް ގެއްލިވަޑައިގަތީއެވެ.
ޕާޓީގެ ގައުމީ މަޖިލިހާއި ސެކެރެޓެރިއޭޓްއާއި ކޮންގްރަސްގެ ތާއީދު ގެއްލި ރިޔާސީ ޕްރައިމަރީ ވެސް ރައީސް ނަޝީދަށް ގެއްލިވަޑައިގަތީއެވެ. ބެދޭމަޅި ނުފެންނަނީ ކާކަށް ކަން އިމްތިޔާޒް ފަހުމީއަށް އޮޅިވަޑައިގަތަސް ބޮޑުސޭޓާއި ބޮޑުކޯލިޝަނާއި ބޮޑުވަޒީރު ރައީސް ސާލިހަށް އޮޅިވަޑައިގެން ނޫޅުއްވައެވެ.