މުއިއްޒުގެ އެންމެ ދަތުރަކުން ޗައިނާގެ އުނގަށް ރާއްޖެ
މުއިއްޒު ޓޫރިސްޓުންނާއި ސިފައިން ގެންނާނީ ޗައިނާއިން
އެއްފަހަރާ އެތައް ސަތޭކަ ބިސް ވެލާ އަޅަނީ ކުކުރާވެސް ނުލައެވެ. ކުކުޅަކަށް އެންމެ ބިހެއް އެޅުނަސް ކަމާ ޖެހުނީއެވެ. ލާހަޅޭކުން ތިބީންނަށް އުޅެން އުނދަގޫ ވާވަރު ކޮށްލައެވެ. ކަމެއް ނުކުރެވޭ މީހަކަށް ހާލަކުން އެންމެ ކަމެއް ކޮށްލެވުނަސް ހީވާނީ އައު ކުކުޅަކަށް ގައުބިހެއް އެޅުގެން އުޅޭހެންނެވެ.
ޑރ. މުއިއްޒާއި މުއިއްޒު ސަރުކާރަށް ޖެހިގެން އުޅެނީވެސް އެ ދަތުރެވެ. މުއިއްޒަށް ވެރިކަން ލިބުމެކޭ ބޮކަށް ރަންފުއް މައްޗަށް އެރުމެކޭ ތަފާތެއް ނެތެވެ. އަމްދުން މުއިއްޒު ސަރުކާރުގެ ސިޔާސީ މަގާމުތައް ލިބިގެން އުޅޭ ގިނަ މީހުން އުޅޭ ފާޑުން ހީވަނީ ގުއި ނުދެކޭ ކާޅަށް ގުއިފެނިގެން އުޅޭ ހެންނެވެ.
މުއިއްޒު ވެރިކަމަށް އިންތިހާބު ވުމާއެކު އިންތިހާބީ ރައީސް އޮފީހުން ހިނގަ ހިނގާ އޮތް ސަރުކާރަށް އަމުރުތައް އަންނަންފެށީ ތިޔަހެންނަކުން ނޫނެވެ. އިންތިހާބުވެ ހުވާ ނުކުރަނީސް ޔޫއޭއީ މަހުޖަނަކު ޖެޓެއް ފޮނުވައިގެން ޔޫއޭއީއަށް މުއިއްޒު ގެންގޮސް ރިޝްވަތު ދީގެން ވެރިކަމުގެ ފެށުން ހަރާބު ކޮށްލުމަކީ ވެސް އެވަރެއް ނެތް މޮޅުކަމެއް ކަމަށް ދެއްކިއެވެ. ހުޅުލޭ އެއަރޕޯޓް އަޕްގްރޭޑް ކުރުމަށް ޔޫއޭއީން ސިލްސިލާކޮށް ރާއްޖެއަށް ދެމުން އައި އެހީން ބައެއް އެ މުއްދަތުގެ ތެރޭގައި ދޫކުރި ދޫކުރުމަކީ ވެސް މުއިއްޒުގެ މޮޅުކަމުން ކުރިކަމަކަށް ހަދައިގެން އަޑު އެރުވިއެވެ.
އެނދުން ވައްޓާތީ އޮބިނޯވެގެން ތުރުކީ ޑްރާމާ ސީރީޒެއްގެ ސްޓާރުންނާ ބައްދަލު ކުރަން ސަރުކާރުގެ ހަރަދުގައި ތުރުކީއަށް ކުރި ދަތުރަކީ އުރުދުގާނަށް ރޭނިދި ނުނިދިގެން ދެފައިތަޅާ ރޯވަރުން ކުރި ދަތުރަކަށް ހަދައިގެން އުޅުނެވެ. ފުރަމާނަ ދަތުރެއް ރާއްޖޭގެ ރައީސަކު ކުރިން ކޮށްފައިވެސް ނެތް ކަހަލައެވެ.
ކޮޕް ސަމިޓްގެ ހަވާސާއިން އިގިރޭސި ރަސްގެފާނު ކިންގް ޗާލްސްއާއި ދިމާކޮށް ސަލާން ކޮށްލެވުނީތީ ކިންގް ޗާލްސް މުއިއްޒަށް ބޭނުންވާ ހުރިހާ ކަމެއް ބޮލުން ނަގުލަށް ކޮށްދޭން އެއްބަސްވާން ނެގީ އެންމެ ތިރީސް ސިކުންތެވެ. އެ ދުވަހު އެވެރިންގެ ވާހަކަ ހުރީ އެހެންނެވެ.
ކެރެލާއަށް ބޭހަށްދާ މީހުންގެ އަތުން ލިބޭ ފައިސާއާއި ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ މުސާރަ ނުލިބޭ ނަމަ އިންޑިއާ ބަނޑަށްޖެހި ސަލާންޖަހަން ޖެހޭނެތީ ކޮޕްސަމިޓްގެ ހަވާސާގައި ފަހަތުން ހިނގާ އާދޭސްކޮށްގެން މުއިއްޒު ފައިބުޑަށް ވެއްޓި މޯދީ ސަލާންޖެހިއެވެ. ރާއްޖެއަށް އިންޑިއާގެ މުހިންމު ކަމެއް ނެތަސް ރާއްޖެއާ ވަކިން އިންޑިއާއަށް އެންމެ ދުވަހަކު ވެސް ކެތެއް ނުވާނެއެވެ. އިންޑިއާ ބަޔަކު ރާއްޖެއާ ދެކޮޅަށް ބޮއިކޮޓް ޖެއްސިއްޔާ މުއިއްޒަށް ވާނީ ކޮން ދެރައެއް ހެއްޔެވެ. މުއިއްޒު ސަރުކާރުގެ ސިޔާސީވެރިން ފާޅުގައި އިންޑިއާގެ އިސްވެރިންނަށާއި މޯދީއަށް ފުރައްސާރަ ކުރަނީ ކުރެވެން އޮވެގެންނެވެ.
ސަތޭކައެއްހާ މީހުން ގޮވައިގެން ޗައިނާއަށް ރަސްމީ ދަތުރެއް ކޮށްލެވުނީމާ ވެރިކަމުގެ ހުރި ފޮނި މީރުކަން މުއިއްޒަށާއި އޭނާގެ އަޅުންގެ އަޅުންނަށް އިހުސާސް ވެއްޖެއެވެ. ޗައިނާ ދަތުރާ ޖެހުމުން ތުރުކީ ދަތުރު ފުރަމާނައެއް ނުވިއެވެ. ގެންދިޔަހާ މީހުން ކާޅު ބައެއްހެން ފަހަތުން ބޯޓުން ފޭބިޔަސް ހެޔޮތާއެވެ. ސިޑިތަކުގެ ރޭލިންގގެ އޮފު ކެނޑެންދެން އަތް ކާއްތަމުން ތަނބު ތަކުގައި ބޮސްދެމުން ކާޅު ހިނގާހެން ފުމެމުން ފަސްޓް ލޭޑީ ސިޑިން ފޭބިޔަސް ހެޔޮތާއެވެ. ޓޫރިޒަމް މިނިސްޓަރު އާނގަމަވެ ހީގަނެގެން ދިމަދިމާލަށް އެނބުރި ކޮސްވެ ދެމިޔަކަނުން ސޮނިވެއްޓެފައި އިނަސް ވަރިހަމަތާއެވެ. ބޮޑުފާރުގެ ހަނދާނީ ފޮތުގައި ރޯނުބައިކޮށް ލިޔުނަސް ހެޔޮތާއެވެ.
ޗައިނާއިން ނިކަން ރަނގަޅަށް ކޯޑި ހައްދާލައިގެން މުއިއްޒު ގެންގުޅެލައިފިއެވެ. ކޮށްދޭން ނުބުނާ ކަމެއް، ދޭން ނުބުނާ އެއްޗެއް ނެތެވެ. އެއްބަސްވެ ސޮއި ނުކުރާ އެގްރިމެންޓެއް ނެތެވެ. އެއްބަސްވެ ދޭން ބުނާހާ އެއްޗެއް އެއްވެސް އިރަކު އެއްވެސް ގައުމަކަށް ދެވިފައި ނުއޮންނަކަން ކިނދު ނުފިލާ ވިހޭގެތެރޭ ތުއްތު ކުދިންނަށް ފަހަރުގައި ނޭނގިދާނެއެވެ.
މުއިއްޒުގެ އެންމެ ދަތުރަކުން ނިކަން ރަގަޅަށް ޗައިނާގެ އުނގަށް ރާއްޖެ ވައްޓާލައިފިއެވެ. ދަތުރު ނިންމާފައި އައިގޮތަށް ވަށިވަށިން ދިނީ އިންޑިއާއަށެވެ. އިންޑިއާ ނޫން ގޮތަކީ ޗައިނާ ކަމަށް ހަދާ އިންޑިއާ އާއި ވަތްކަނޑާލަނީއެވެ. ޗައިނާގެ އުނގަށް ވަދެ އާސަންދައިން ދިވެހިން ދެން ބޭސްކުރާނީ ބެންކޮކާއި ދުބާއީންނެވެ. ކާބޯތަކެތި ގެންނަނީ ތުރުކީންނެވެ. ޓޫރިސްޓުންނާއި ސިފައިން ގެންނާނީ ޗައިނާއިންނެވެ. ހަނގުރާމަ ކުރަންވިޔަސް މުއިއްޒު ރެޑީއެވެ.