ފުރަތަމަވެސް ވިދާޅުވީ އެއްވެސްކަމެއް ނުކޮށްދެއްވޭނެ ކަމަށް
ގެންގުޅުއްވަނީ ބައިއަޅާލައިގެން ދައުލަތް ދަވާލެއްވުމުގެ ވިސްނުންފުޅު
ނޮވެންބަރު 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު ރައީސް މުއިއްޒު ދިވެހި ރައްޔިތުންނާ މުހާތަބު ކުރައްވާ ވިދާޅުވީ ނިކަން ހުތޫރަރްތެރި ވަޅުގަނޑެއްގެ ތުންފަތް މަތީގައި ހުންނެވި ކަމަށެވެ. އެ ވަޅުގަނޑަކީ ރައްޔިތުންގެ އުންމީދުތަކާ ރައީސް މުއިއްޒު އެކުލަވާލައްވާ ސަރުކާރުގެ ވާޖިބުތައް އަދާކުރުމާ ދެމެދު އޮތް ވަޅުގަނޑެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ރައްޔިތުން ގާތުގައި އެ ވިދާޅުވީ ރައްޔިތުންގެ އުންމީދުތައް ކިތަންމެ ފޮންޏަސް މުއިއްޒު ސަރުކާރުން ރައްޔިތުންގެ އެދުންތައް ހާސިލުކޮށް ދެއްވެންނެތް ވާހަކައެވެ. ރައްޔިތުންގެ އުންމީދުތައް ސަރުކާރަށް ފުއްދާ ދެވޭނީ އެ ވިދާޅުވާ ފުންވަޅުގަނޑަކަށް ފަސްއަޅާ ފޮރުވުނު ދުވަހަކުން ކަމަށެވެ.
ވަރަށް ސާފުކޮށް ރައީސް މުއިއްޒު އެ ވިދާޅުވީ ދިވެހި ރާއްޖޭގެ އިގްތިސާދު އޮތް ގޮތުން އެއްވެސް ކަމެއް ކޮށްދެއްވެން ނެތް ވާހަކައެވެ. ސަރުކާރުގެ ކަމަކަށް ވާނީ ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްނުދީ މުސާރަ ނަގައިގެން ކާލަކަލާ ތިބުމުން ކަމަށެވެ. ބަހަނާއަކަށް ހެއްދެވީ ދައުލަތުގެ ދަރަންޏެވެ.
ތާރީހު ދުށް އެންމެ ގިނަ މިނިސްޓަރުންނާއި މިނިސްޓަރު ފެންވަރުގެ ބޭފުޅުން ހިމެނޭ ބިޔަ ސަރުކާރެއް އެކުލަވާލެއްވުމުން އިފްތިތާހީ ތަގުރީރުގައި އެދެއްކެވި ވާހަކަފުޅުގެ މަތުލަބު ވަރަށް ސާފެވެ. އެއް އާއިލާއަކުން ތިން ހަތަރު ވަޒީރުންނާއި ވަޒީރުން ފެންވަރުގެ ބޭފުޅުންނާއި ސްޓޭޓް މިނިސްޓަރުންނާއި ނައިބުން އައްޔަނު ކުރެއްވީމާ ބައިއަޅާލައިގެން ދައުލަތް ދަވާލެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ނޭނގިއެއް ނުދާނެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރު ކުންފުނިތައް ހިންގުމަށް ގަވާރނިންގ ބޯޑަކާއި މެނޭޖިން ޑިރެކްޓަރަކު ހުންނައިރު ރައީސް އޮފީހުގައި މިނިސްޓަރު ފެންވަރުގައި އިގްތިސާދީ ކަންކަމަށް ހާއްސަ އެޑްވައިޒަރެއް ހުންނަވައެވެ. ބުނެވި ދިޔަ އެންމެން ތިއްބާ ކުންފުނިތައް ހިންގުން ރަގަޅުކުރުމަށޭ ކިޔައިގެން މާލީ ވުޒާރާއަށް ކޮންޓްރެކްޓް އުސޫލުން ކޮންސަލްޓެންޓަކު އެބަ ހޯދައެވެ. އަދިވެސް ބަޔަކަށް ރަނގަޅު އަދަދެއްގެ ފައިސާ ކޮޅެއް ދޭންވެފައި އޮތީތާއެވެ.
ހުވާކުރެއްވުމަށް ދައުލަތުން އެތައް މިލިޔަން ރުފިޔާއެއް ހަރަދު ކުރުވާ ރައީސް ހުންނަވާ ގެއަށް ކުރަންޖެހޭ ހަރަދު ދައުލަތުން އަމިއްލަފުޅު ގެއަށް ކުރައްވަމުން މުލިއާގޭގެ މަރާމާތަށް އެތައް މިލިޔަނެއް އެބަ ހަރަދުކުރައްވައެވެ.
ހުޅުމާލެއާއި މާލެ ގުޅުވާދޭ މަގުގެ އަރިމަތީގައި ޖަހާނިމި ހިދުމަތް ފަށަން ތައްޔާރުވެފައިވާ ސޯލަރ ހަރުތައް އެތަނުން ނަގާ އެހެން ރަށަކަށް ބަދަލުކޮށް ހެދުމަށް ސަތޭކަ އެތައް މިލިޔަން ރުފިޔާއެއް ހަރަދުކުރަން ކަނޑައަޅުއްވައިފިއެވެ. ފަށައިގެން ހިނގަހިނގާ ނުނިމިހުރި އަސާސީ ހިދުމަތުގެ އެތައް މަޝްރޫއެއް ހުއްޓާލާ ކުރެވިފައިވާ ވާކަންކަން ފަނާވާން ދޫކޮށް ލެއްވުމަށްފަހު 400 މިލިޔަން ހަރަދުކޮށްގެން ފުށިދިއްގަރުފަޅު ހިއްކަން ނިންމަވައިފިއެވެ.
އިފްތިތާހީ ތަގްރީރުގައި އެވިދާޅުވި ހުތޫރަތްތެރި ވަޅުގަނޑުގެ ތުންފަތް މަތީ ހުންނަވައިގެން ވަޅުގަނޑަށް ފަސްލެއްވުމުގެ ބަދަލުގައި ވަޅުގަނޑު ކުރައްވަނީ ފުނެވެ. ވެރިކަމަށް ހެޔޮވަރުގެ ފަނަރަ ދުވަސް ނުވަނީސް ވެސް ތުންފަތްމަތީ ގުދަށް އޮންނަވައިގެން ތިޔަ ކުރައްވާ ކަމަކުން ވެއްޓިވަޑައިގަތުން ގާތީ ވަޅުގަނޑަށް އެކަންޏެއް ނޫނެވެ. ވެއްޓިވަޑައި ގަންނަވާނީ އަމިއްލަފުޅު އަގުވެސް މެއެވެ.