ބަރުލަމާނީތޯ ނުވަތަ ރިޔާސީތޯ އަހާލުމަކުން ނުފުދޭނެ
ނިޒާމް ތަރުތީބުކުރެވިފައި އޮންނާނެ ގޮތުގެ މޮޑެލްއެއް ތަފުސީލްކޮށް ރައްޔިތުންނަށް އެނގެން ޖެހޭ
ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަދަލު ކުރުމުގެ ވާހަކައިގެ އަޑު އަނެއްކާ ވެސް ގަދަވެއްޖެއެވެ. ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް އާއްމު ވޯޓެއް ނެގުމާ ދިމާލަށް މިހާރު އޮތީ މިސްރާބު ޖަހާފައެވެ. ރައްޔިތުންގެ ވޯޓަކުން ބުނެދޭން ޖައްސަނީ އޮންނަންވީ ރިޔާސީ ނިޒާމެއް ކަން ނުވަތަ ބަރުލަމާނީ ނިޒާމެއް ކަމެވެ.
ވެރިކަން ކުރުމުގެ ނިޒާމުގެ ވާހަކަ ރައްޔިތުން ކުރެން އަހާއިރު ނިޒާމް އޮންނާނެ ގޮތެއް ބުނެއެއް ނުދެވެއެވެ. ރިޔާސީ ނިޒާމްގެ އެތައް މޮޑެލެއް ދުނިޔޭގައި އެބަ އޮތެވެ. ބަރުލަމަނީ ނިޒާމުގެ ވެސް އެތައް މޮޑެލެއް އެބައޮތެވެ. ރާއްޖެގައި ބޭއްވުމަށް ފެންނަ ރިޔާސީ ނިޒާމްއަކީ މިހާރު މިއޮތް ރިޔާސީ ނިޒާމް ކަމެއް އެހެން މޮޑެލަކަށް އޮންނަ ރިޔާސީ ނިޒާމެއް ކަމެއް ނިޒާމުގެ ވާހަކަ އަހާއިރު ރައްޔިތުންނަކަށް ނޭގެއެވެ. ރައްޔިތުން ރުހުން ދޭންވީ ކޮންގޮތަކަށް ތަރުތީބު ކުރެވިފައިވާ އޮންނަ ބަރުލަމާނީ ނިޒާމަކަށް ކަމެއް ސާފެއް ނޫނެވެ.
ރާއްޖޭގައި އަމަލު ކުރަމުންދާ ރިޔާސީ ނިޒާމަކީ އިންތިހާ ދަރަޖައަށް ބަރުލަމާނީ ސިފަތައް އެކުލެވިފައިވާ ނިޒާމެކެވެ. ރިޔާސީ ނިޒާމެކޭ ނުބުނެވޭ ވަރަށް ބަރުލަމާނީ ގޮތްގަނޑު ބޮޑު ނިޒާމެކެވެ. މިހާރު އޮތް ރިޔާސީ ނިޒާމުގައި ބަރުލަމާނުންގެ ބާރާ ނުފޫޒު ވަރަށް ބޮޑެވެ. އޭގެތެރެއިން ފާހަގަ ކޮށްލެވޭ ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ.
- ރައްޔިތުންގެ ފަންސާސް އިންސައްތައަށް ވުރެ ގިނަ ވޯޓުލިބިގެން އިންތިހާބުކުރާ ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައްޔިތުން މަޖިލީހުން ބޭނުން ވެއްޖެނަމަ އަޒުލް ކުރެވެއެވެ.
- ރައިސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ވަޒީރުންނަށް ވަޒީރުކަން ކުރެވެނީ މަޖިލީހުގެ ރުހުން ލިބިގެންނެވެ.
- ވަޒީރުން ރައީސްގެ އިތުރަށް މަޖިލީހަށް ޖަވާބު ދާރީ ވާން ޖެހެއެވެ.
- މަޖިލީހުން ބޭނުންވުމުން ރައީސް ބޭނުން ނުވިޔަސް ވަޒީރުން މަގާމުން ދުރު ކުރެވެއެވެ.
- ސަރުކާރު ހިންގުމުގައި ދުވަހުން ދުވަހަށް ހިންގާ ކަންކަމަށް މަޖިލީހުން ވަދެ ކަންކަން ހުއްޓުވުން ނުވަތަ ވަކިގޮތަކަށް ކަމެއް ކުރުވުން ނުވަތަ ނުކުރުވުމަށް މަޖިލީހަށް ބާރު އޮވެއެވެ.
- ސަރުކާރު ދެމިއޮތުމަށްޓަކާ ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތުގެ ސަރުކާރަށް ތާއީދު ހޯދުމަށް މެންބަރުން ރުއްސަން ސަރުކާރަށް ޖެހެއެވެ.
- މިނިވަން މުއައްސަސާ ތަކަށް މީހުން އައްޔަނުކޮށް ވަކިކުރުމުގެ ހިފެހެއްޓުމެއްނެތް ބާރު މަޖިލީހުގައި އޮވެއެވެ.
- ޖުޑިޝަރީއަށް މީހުން އައްޔަނު ކުރުމާ ވަކިކުރުމާ ފިޔަވަޅު އެޅުމުގެ ހުރިހާ ބާރެއް އޮންނަނީ މަޖިލީހަށެވެ.
- ޖުޑިޝަލް ސަރވިސް ކޮމިޝަން އޮންނަނީ މަޖިލީހުގެ ކޮންޓްރޯލުގައެވެ.
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުގެ ޒިންމާ އަދާނުކުރިޔަސް ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނޯވެއެވެ.
- މަޖިލީހުން ފާސްކުރާ ގާނޫނުތައް ރައީސް ތަސްދީގު ނުކުރިޔަސް މަޖިލީހުން ބޭނުން ނަމަ ތަސްދީގު ކުރެވެއެވެ.
އިސްވެ ބަޔާން މި ކުރެވުނީ މިހާރު މިއޮތް ރިޔާސީ ނިޒާމުގާ މަޖިލީހުގެ ބާރުވެރިކަން ހުރި ވަރުގެ ކުޑަ މިންވަރެވެ. ނަމުގައި ރިޔާސީ ނިޒާމެކެވެ. ގިނަ ކަންކަން ހިނގަނީ ބަރުލަމާނީ ސިފައިގައެވެ.
އެހެން ކަމުން ރާއްޖޭގައި ނިޒާމީ ވޯޓަކަށް ދިޔުމުގެ ކުރިން ރާއްޖޭގައި ބާއްވަން ބޭނުންވާ ވެރިކަން ހިންގުމުގެ ނިޒާމް ތަރުތީބު ކުރެވިފައި އޮންނާނެ ގޮތުގެ މޮޑެލްއެއް ތަފުސީލްކޮށް ރައްޔިތުންނަށް އެނގެން ޖެހެއެވެ. ރިޔާސީ ނިޒާމް އޮންނާނެ ގޮތާ ބަރުލަމާނީ ނިޒާމް އޮންނާނެ ގޮތް ތަފްސީލްކޮށް ރައްޔިތުންނަށް އެގެން ޖެހެއެވެ.
ބާރުތައް ތަރުތީބުވެފާ އޮންނާނެގޮތާއި އެއްބާރުން އަނެއް ބާރެއްގެ މައްޗަށް ބާރު ފޯރުވޭނެ ގޮތާ މިންވަރު ވަރަށް ސާފުވާން ޖެހެއެވެ. ރާއްޖޭގެ އިގްތިސާދަށް ނެގެހެއްޓޭވަރުގެ ވެރިކަން ހިންގުމުގެ ނިޒާމަކަށް ނިޒާމް ވާންޖެހެއެވެ.
ޗެކްއެން ބެލެންސް ކަށަވަރުވުމާ ސަލާމަތީ ބާރުތަކުގެ މުސްތަގިއްލުކަމާއި މާލީ އިދާރާތައް ނުފޫޒުން އެއްކިބާވާ މިންވަރު ކަށަވަރު ކުރެވެން ޖެހެއެވެ. ވެރިކަން ހިންގާ ބާރަށް މިނިވަންކަމާއެކު ރައްޔިތުންނަށް ހިދުމަތް ދެވޭނެ ގޮތަށް އަތްފައި ނުބަނދެވި އޮންނަ ނިޒާމެއް ކަށަވަރު ކުރެވެން ޖެހެއެވެ. ހަމަތިބެފައި ބަރުލަމާނީތޯ ނުވަތަ ރިޔާސީތޯ ރައްޔިތުން ކުރެން އަހާލުމަކުން ނުފުދެއެވެ. ނިޒާމީ ވޯޓުގައި ވޯޓްދޭން އެނގޭނީ އޭރުންނެވެ.