ވެރިކަން ފައްޓަވަނީ ވެސް އިސްރާފުން
ހުވާ ކުރެއްވުމަށް މިލިއަން ރުފިޔާގެ ދެ ދަރުބާރު
ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ވިއްކެވި އެކައްޗަކީ ސަރުކާރުން އިސްރާފު ކުރާ ވާހަކައެވެ. ބޭނުމެއް ނެތް ހަރަދުތައް ކުރާވަހަކައެވެ. އެކަށީގެން ނުވާ ކުދި އާބާދީތަކަށް ބޮޑެތި ހޭދަކޮށް އިސްރާފު ކުރާތީ ދަރަނިވެރި ވެފައިވާ ވާހަކައެވެ.
އިސްރާފު ކުޑަ ކުރައްވަން ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާ ފުރަތަމަ ވެރިކަން ފައްޓަވަނީ ވެސް އިސްރާފުންނެވެ. ރައީސް ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަތުމަށް ހުވާ ކުރެއްވުމަށް ބޮޑުވެގެންވާ އިސްރާފެއް ނުކޮށް މަގާމާ ހަވާލުވެ ވަޑައިގެންނެވޭ ކަމަކަށް ނުވެއެވެ.
ގާނޫނު އަސާސީގައިވާ ގޮތަށް ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި މަޖިލިސް މެންބަރުން ކުރިމަތީގައި ފަޑިޔާރު ލާދެއްވާ ގާނޫނީ ހުވާކޮށްލުމުން މަގާމާ ހަވާލުވެ ވަޑައިގެންނެވޭނެއެވެ. ކޮންމެހެން މިލިއަން މިލިއަނުން ރުފިޔާ ހަރަދުކޮށްގެން ޖުމްހޫރީ މައިދާނުގައި ހުވާގެ ދަރުބާރު ނުބާއްވާ ހުވާ ކުރެއްވޭ ކަމަކަށް ނުވެއެވެ.
ޖުމްހޫރީ މައިދާނުގައި ހުވާގެ ދަރުބާރު އަޅައިގެން އެކަނި ފުދޭކަމަކަށް ނުވެއެވެ. މޫސުން ގޯސްވެ ޖުމްހޫރީ މައިދާނުގައި ހުވާގެ ދަރުބާރު ނުބޭއްވި ދާނެކަމަށާޓަކާ ބެކަޕް ހޯލެއްގެ ގޮތުގައި ސޯސަލް ސެންޓަރ ހުވާގެ ދަރުބާރުގެ ގޮތުގައި ތައްޔާރު ކުރެވެއެވެ. މިލިޔަނުން ރުފިޔާ ހޭދަކޮށްގެނެވެ.
މަޖިލިސް ކުރާގޭގައި ހުވާ ކޮށްލައްވައިގެން ކުޑަކުޑަ ހަރަދަކުން ވެސް އެކަންވާން އެބައޮތެވެ. އެހެންނަމަވެސް ހުވާކުރެއްވުމުގައި ވެސް އެތައް ސަތޭކަ މިލިޔަން ދައުލަތުން ހޭދަކުރަން ނުޖެހޭ ގޮތަށް ހުވާކުރެއްވޭ ކަމަކަށް ނުވެއެވެ.