ފޯޅަވަހި ކަނޑު ގެއްލުމުގައި ނަޝީދާ ޔާމީނުގެ އިހުމާލު
ފޯޅަވަހި ކަނޑުން ތަންފުކެއް ވެސް ގެއްލޭނީ ނަޝީދާ ޔާމީނުގެ އިހުމާލުން
ވެރިކަމުގައި ތިބިއިރު ތިމާމެންގެ އިހުމާލުން ނުކޮށް ދުކޮށްލި ކަމެއް ފަހުން ވެރިކަމަށް އައިސް ތިބި ބަޔަކު ނުކޮށްގެން ކުރީ ވެރިކަން ކުރި މީހުން ނިކުމެ އެވާހަކަ ދެއްކުން ތާހިރެއް ނޫނެވެ. އެ ޒާތަށް އުޅުމަށް ދިވެހިން ކިޔާ އުޅެނީ މަހާނަ މައްޗަށް މަޑިއަށް ޖެހުމެވެ. ރައީސް ނަޝީދު ވެސް ޕީޕީއެމް ވެސް ޗާގޯސް މައްސަލައިގައި ތިޔަ ޖެހެވެނީ މަހާނަ މައްޗަށް މަޑިއަށެވެ. ކުރީ ސަރުކާރުގެ ވާހަކަ ދެކެވެނީ އެ މީހުން ނިކުމެ މަހާނަ މައްޗަށް މަޑިއަށް ޖެހޭތީއެވެ.
ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ކަމަށް ރައީސް ނަޝީދުމެން މިހާރު ވިދާޅު ވުމަކީ ދުލުގައި ހިފާދެމުމަށް ނުވެ ނުދާނެއެވެ. ދުލުގައި ހިފާ ދެމީމާ ނުބުނާން ހުންނަ އެއްޗެހި ވެސް ބުނެވޭނެއެވެ. ޗާގޯސް އަކީ ރާއްޖޭގެ ބައެއް ކަމަށް ރައީސް ނަޝީދު ގަބޫލު ކުރައްވާ ނަމަ އިގުތިސާދީ ސަރަހައްދު ބައިކުރަން 2010 ގައި އެއްބަސްވެ ވަަަަަަަަަަަޑައެއް ނުގަތީހެވެ. އޭގެ ބަދަލުގައި އުޅުއްވީހީ ޗާގޯސް އެކުގައި ރާއްޖޭގެ ސިޔާދަތުގެ ދަށަށް ގެންނަވާށެވެ. މޮރިޝަސް ގެ ސިޔާދަތުގެ ދަށަށް އެތަން ދާކަށް ދޫކޮށް ނުލެއްވީހެވެ. އެހެން ނަމަވެސް އުޅުއްވީ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތު އޮތް ތަނެއް ކަމުގައި ބައްލަވައިގެން ރާއްޖެއާއި ޗާގޯސް އާއި ދެމެދުގެ ކަނޑުގެ އިގްތިސާދީ ސަރަހައްދު މޮރިޝަސްއާއި އެކު ބައިކުރައްވާށެވެ. މިހާރުވެސް ހިނގަ ހިނގާ އެ އޮތީ އެމައްސަލައެވެ.
ހިޔާލު ތަފާތު ވެގެން އެކަމުގައި އުޅެނީ މޮރިޝަސްއިން މިންއަޅަން ފަށާނެ ނުކުތާއާއި މެދުގައެވެ. މޮރިޝަސް އިން މިންއަޅަން ފަށަން ބޭނުން ވަނީ ޗާގޯސްއާއި އައްޑުއާ ދޭތެރޭގައި އޮންނަ ތިލައަކުން ފެށިގެންނެވެ. މޮރިޝަސްއިން މިންއަޅަށް ފެށުމަށް ރާއްޖެއިން ބޭނުންވަނީ އައްޑޫއާއި އެންމެ ކައިރިއަށް ޗާގޯސްގައި އޮންނަ ހިކިފަސް ތަނުން ފެށިގެންނެވެ. އިގްތިސާދީ ސަރަހައްދު މިންކުރުން ނޫން ކަމެއްގައި ތަފާތު ސްޓޭންޑެއް ރާއްޖޭން ގެންގުޅެފައެއް ރައީސް ވެރިކަމުގައި ވެސް ނެތެވެ. އަމްދުން ޗާގޯސްގެ ސިޔާދަތީ ބާރު ކޮންމެ ބަޔަކަށް އޮތަސް ރާއްޖެއަށް ފަރުވާލެއް ނެތެވެ. އަނެއްކޮޅުން ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ރާއްޖޭން ގަބޫލު ކުރާނަމަ މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ބައިކުރަން އުޅޭނީ ޗާގޯސްއާއި މޮރިޝަސް އާއި ދޭތެރޭން ނޫން ހެއްޔެވެ. ރާއްޖެއާއި ޗާގޯސްއާ ދެތެރެއަކުން ނޫނެވެ. ކަންކަން އެ ގޮތަށް ކުރައްވާފައި މިހާރަކު ފޯޅަވައްސޭ ޗާގޯހޭ މަސްކަނޑޭ ރައީސް ނަޝީދެއް ކަމަކު ނުކިއުއްވާށެވެ.
ޕީޕީއެމުން ވެސް މިރާއްޖޭގައި 5 އަހަރު ވެރިކަން ކޮށްފިއެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސްއިން އެންމެ ބޮޑަށް މަސައްކަތްކުރީ އެ ދުވަސްވަރެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ގައި މޮރިޝަސް އިން އިގިރޭސީންނާ ދެކޮޅަށް ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން ދައުވާ ކޮށްގެން އެކޯޓުގެ އިސްތިޝާރީ ލަފައެއް މޮރިޝަސްއާއި އެއްކޮޅަށް ނެރޭވަރު ކޮށްލީ ރާއްޖޭގެ ވެރިކަމުގައި ޕީޕީއެމް އޮއްވައެވެ. ރާއްޖޭގެ ބައެއް ކަމަށް ފޯޅަވައްސާ މުޅި ޗާގޯސް ވާނަމަ އެތަނުގެ ސިޔާދަތީ ބާރު ރާއްޖެއަށް ހޯދަން ނޫޅުނީ ކީއްވެ ހެއްޔެވެ. ޗާގޯސްގެ ސިޔާދަތީ ހައްގު ހޯދަން ރާއްޖެއިން ދައުވާ ނުކުރިތާ މޮރިޝަސް މައްސަލައިގެ ތެރެއަށް ތަދައްހުލު ނުވީ ކީއްވެހެއްޔެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް އޭރު ހޯދިނަމަ އިގްތިސާދީ ސަރަހައްދު ބައިކުރުމުގެ މައްސަލައެއް ވެސް ނުއޮތީހެވެ. ފޯޅަވަހި ކަނޑު ހިތަކަށް ދިވެހި މަސްވެރިންނަށް އޮތީހެވެ.
ފުރުސަތު ލިބި އިހުމާލުން ނުކޮށް ދޫކޮށްލާފައި އޮތް ކަމެއް އިޔާދަ ނުކުރެވޭ ވަރަށް ކަމުގެ މުއާލާތް ކެނޑިގެން ދާފަހުން އިހުމާލުވީ މީހުން ނިކުމެ ގައުމިއްޔާތޭ ސިޔާދަތޭ އިގުތިސާދޭ ކިޔައިގެން ވާހަކަ ދައްކަންޏާ އެޅޭނީ ބޮލާފޮށައެވެ. ކިޔާ މީހުން ކުރީގެ ސަރުކާރޭ ކިޔަނީ ކިޔަން ޖެހޭތީއެވެ. ބާރުގައި ތިބިއިރު ލިބެން އޮތް ހުރިހާ ހައްގަކާ ބާރުތަކެއް ދޫކޮށްލާފައި ތިބި ބަޔަކު ނިކުމެ އެކަންކަމުގެ ވާހަކަ މިހާރު ދެއްކުމަކީ އަމިއްލަ ދުފާ އެއްޗިއްސަށް ފައިން އެރުން ކަހަލަ ކަމެކެވެ.