ޕާޓީ ޓިކެޓް އޮންނާނީ މެންބަރުން ބޭނުންވާ މީހާ އަތުގައި

ގިނަ ބަޔަކު ބޭނުންނުވާ ގޮތަކަށް ޕާޓީއަކަށް ހަރަކާތްތެރި އެއް ނުވެވޭނެ

ޕާޓީ ޓިކެޓް އޮންނާނީ މެންބަރުން ބޭނުންވާ މީހާ އަތުގައި

ވަކި އެކެއްގެ މައްޗަށް އެތައްހާސް މީހުން ހިމެނޭ ބޮޑު ޕާޓީއެއް ހުއްޓިއޮތުމަކީ ރައީސުލްޖުމްހޫރިއްޔާ ޒިންމާވެ ވަޑައިގަންނަވަން ޖެހޭނެ ކަމެއްނޫނެވެ. ކޮންމެ ޕާޓީއެއްގެ ވެސް ކަންކަން އޮންނަނީ އެޕާޓީއެއްގެ ކަންކަން އިންތިޒާމުވެފައި އޮންނަ ގޮތެއްގެ މައްޗަށެވެ. އެކަން އެމްޑީޕީން ވަރަށް ސާފުކޮށް ދައްކާދީފިއެވެ. ސިޔާސީ ޕާޓީއެއްގެ އެންމެ ބޮދު ބާރަކީ އެ ޕާޓީގެ އާއްމު މެންބަރުންނެވެ. 

އާއްމު މެންބަރުންގެ ގިނަ ބަޔަކު ބޭނުންނުވާ ގޮތަކަށް ޕާޓީއަކަށް ހަރަކާތްތެރި އެއް ނުވެވޭނެއެވެ. ހީލަތްތެރިކަމާ ޝަހުސު އޮޅުވާލައިގެން އެއްވެސް ލީޑަރަކަށް ކަންކަން ކުރެވޭނީ ވަކި ވަރަކަށެވެ. ނަޝީދަކަސް ޔާމީނަކަސް ގާސިމަކަސް އިބޫއަކަސް އެކަމެއް ނުވާނެއެވެ. މައުމޫނަކަށްވެސް އެކަމެއް ނުވިއެވެ. 

އެމްޑީޕީގެ މެންބަރުގެ ގިނަ ބަޔަކަށް ނަޝީދުގެ ލީޑަރޝިޕް ކަމުނުދިޔައިމާ އޭގެ މަތީގައި ގައިމުވެ ނަޝީދަކަށް ނުހުރެވުނެވެ. މައުމޫނު މަތިން ޕީޕީއެމް މެންބަރުން ފޫހިވީމާ މައުމޫނަށް ވެސް ޖެހުނީ އެއްފަރާތްވާށެވެ. ނަޝީދުގެ މުށުތެރޭގައި އޮތް އެމްޑީޕީ ނަޝީދަށް ގެއްލި އެހުރީ ބާކީކޮށްލާފައެވެ. އެކަމުގެ ހަސަދައިގައި އެމްޑީޕީ ރޫޅާލަން ނަޝީދު އެހުރީ ފޫގަޅައިގެންނެވެ. 

ހަމައެހެން މިއަދު ޔާމީނު ބޭނުންވާ ގޮތަކަށް ޕީޕީއެމްގެ އުޑި އެނބުރިޔަސް މެންބަރުން ބޭނުންވީމާ އެކަންވެސް ނިމުމަކަށް އަންނާނެއެވެ. ރިޔާސީ އިންތިހާބަށް ނުނިކުމެވުނަސް ޔާމީނު ނޫން މީހަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭކަށް ޕީޕީއެމް އަދި ބޭނުމެއް ނުވެއެވެ. ޔާމީނު ނޫން މީހަކަށް ޓިކެޓް ދިނުމަށްވުރެ އިންތިހާބުގައި ބައިވެރި ނުވެ ތިބުންވެސް ޕީޕީއެމަށް މިވަގުތައް ރަނގަޅީތާއެވެ. 

އެނގި ޔަގީންވާ ކަމަކީ ޔާމީނުގެ އިސްތިއުނާފް ކޮންމެ ގޮތަކަށް ނިމުނުކަމަށް ވިޔަސް މޫސުން ފަސްވަމުންދާ ދިޔުމެވެ. އިސްތިއުނާފް ލަސްވުމުގެ ޒިންމާ ރައީސްގެ އިސްތަށިފުޅުގައި އެޅުވުމަކީ ޕީޕީއެމަށް ލިބޭ ތަސައްލީއަކަށް ވެދާނެއެވެ. ގައްސާނުމެން އެވާހަކަ އެހެން އެދައްކަނީ އާއްމު މެންބަރުންގެ ހިތްހަމަ ޖެއްސުމަށެވެ. ޔަމީނުގެ ކޮންމެ ނިންމުމެއް ޕީޕީއެމް މިވަގުތު ގަބޫލުކުރާނެއެވެ. 

ވަދަކުރަން ފުރުސަތި ޔާމީނަށް ނުލިބެންޏާ އެހެން މީހަކަށް އެފުރުސަތު ދިނުމަކީ ޔާމީނަށް މިހާރުން މިހާރަށް ކުރެވޭނެ ކަމެކެވެ. އެކަން އެހެން ނުކުރައްވާ އަދިވެސް ޔަމީނު އެހިފަހައްޓަނީ މެންބަރުން އެގޮތަށް ބޭނުންވާތީއެވެ. އެހެން އެކަން އެވަނީ ގައްސާނުމެނަށް އެވަރުގެ އިތުބާރެއް އަދި ނުހޯދޭތީއެވެ. އެހެން ނޫންނަމަ ޔާމީނަށް ބެލުމެއްނެތި ގައްސާނަށް ނަމަވެސް ޓިކެޓް ދިނީހެވެ.