ރައީސް ނަޝީދު ހުންނެވީ އެކްސްޕަޔަރވެފަ!

އިބޫއަށް ޓިކެޓް ދިނީ ނަޝީދާ ހެދި އެމްޑީޕީއަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލޭތީ ކޮންގްރަސްއިން

ރައީސް ނަޝީދު ހުންނެވީ އެކްސްޕަޔަރވެފަ!
އުކުޅަސް ކޮންގްރަސް: 2018ގެ އެމްޑީޕީ ރިޔާސީ ޓިކެޓް ބަދަލުކުރުމުގެ ވޯޓް (ފޮޓޯ: އަވަސް)

އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅަކަށް ޖެހިގެން އަންނަ ދައުރުގެ ޓިކެޓް ޕްރައިމަރީ އަކާނުލާ ދިނުމަށް އެމްޑީޕީގެ އަސާސީގަވައިދުގައި އޮވެއެވެ. ޕާޓީ ޓިކެޓްގައި ހޮވި ވަޑައިގެންފައި ވަނިކޮށް ދެވަނަ ދައުރަކަށް ވާދަކުރެއް ވުމަށް ފްރީ ޓިކެޓް ލިބިވަޑައިގެން ވާދަ ކުރައްވާ ރިޔާސީ އިންތިހާބުން ބަލިވެ ވަޑައިގަންނަވާ ބޭފުޅަކަށް ރިޔާސީ އިންތިހާބުގައި އިތުރަށް ވާދަ ކުރެއްވުމުގެ ފުރުސަތެއް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގައި ނޯވެއެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ނަޝީދު ކާމިޔާބު ކުރައްވަފައި ވާތީ 2013 ގެ ރިޔާސީ ޓިކެޓް ރައީސް ނަޝީދަށް އެމްޑީޕީން އެރުވީ ޕްރައިމަރީއަކަ ނުލައެވެ. ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށެވެ. އެހެނަސް 2013 ގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވެވަޑައިގަތީ ބައްޔެވެ. އެހެން ދިމާވުމުން ޑިމޮކްރެޓިކް އުސޫލުން ކަން ހިނގާ ނަމަ ރައީސް ނަޝީދު އެ ހިސާބުން އެ ހުންނެވީ އެކްސްޕަޔަރ ވެފައެވެ. އެހެނަސް ނަމަވެސް ރައިސް ނަޝީދާ ޖެހުމުން އެމްޑީޕީގެ ޑިމޮކްރެޓިކް އުސޫލުތަކާއި ދުނިޔޭގެ ރީތި ހަމަތައް ނަޝީދަށްޓަކައި ފުނޑާލިއެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ހަމަ ނޫނަސް އެހެން މީހަކު ވާދަ ނުކުރާ ފެންނުހިފޭ ޕްރައިމަރީއެއް ބާއްވާ ޕާޓީގެ ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ހޯއްދެވިއެވެ. 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކޮށްކޮށް އޮއްވައެވެ.

ގާނޫނީ ގޮތުން ވާދަ ކުރެއްވޭން އޮތް މަގު ނަޝީދަށް ބަންދުވެ ރިޔާސީ އިންތިހަބުގެ ކުރީން މިނިވަންވެ ވަޑައި ނުގަންނަވާނެ ކަން ކަށަވަރުވެ އިންތިހާބުގެ ދުވަސް ކުޑަތަން ވުމުން އެމްޑީޕީއަށް މަޖުބޫރުވީ ރިޔާސީ ޓިކެޓް އެހެން ބޭފުޅަކަށް ފޮރޮޅާލާށެވެ. އެއީ ފަހަރެއްގައިވެސް ނަޝީދު ހެޔޮފުޅުކަމުން ކޮށްދެއްވި ކަމެއް ނޫނެވެ. އެމްޑީޕީއަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލޭތީ ކުރަން ޖެހުނު ކަމެކެވެ.

އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގައި ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވާ ބަލިވެ ވަޑައިގަންނަވާ ބޭފުޅުންނަކީ ދެވަނަ ފަހަރަށް ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ބޭފުޅުންނެއް ނޫނެވެ. އެހެނަސް ނަޝީދާ ޖެހުމުން ޑިމޮކްރެޓިކް ޕާޓީގެ ޑިމޮކްރެޓިކްކަމާއި އިންޓަނެޝަނަލް ބެސްޓް ޕްރެކްޓި ވެސް ޖެހުނީ އޮޅާލާށެވެ.

ވީގޮތެއްވެ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި ނިކުންނެވި ރައިސް ސޯލިހެވެ. އެމްޑީޕީގެ އަސާސީ ގަވައިދު ބުނާގޮތުން ސިޓިންގ ޕްރެޒިޑެންޓަށް ދެވަނަ ދައުރުގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ ދޭން ޖެހެއެވެ. އެހެން ނަމަވެސް ރައީސް ސާލިހު ތަބަކުން ޓިކެޓް ބޭނުންފުޅުވެ ވަޑައެއް ނުގަންނަވައެވެ. މިއަދު އެމްޑީޕީގެ ރޫހު ހުރިގޮތަށް ބަލާއިރު ރައީސް ސާލިހު ބޭނުންވެ ވަޑައިގެންނަމަ ޕްރައިމަރީއަކާ ނުލާ އެ މަނިކުފާނަށް ރިޔާސީ ޓިކެޓް ހޯއްދެވުނީހެވެ. ރައީސް ސާލިހު ހިޔާރު ކުރެއްވީ އެގޮތެއް ނޫނެވެ. އެންމެ ޑިމޮކްރެޓިކް ގޮތުގައި ރަނަގަޅު ވާދައެއް ކުރައްވައިގެން ދެވަނަ ދައުރަށް ޓިކެޓް ހޯއްދެވުމަކީ ރައީސް ސޯލިހަށް ވެސް އެމްޑީޕިއަށް ވެސް އެންމެ ރަނގަޅު ގޮތްކަމަށް އެ މަނިކުފާނު ގަބޫލުފުޅު ކުރައްވައެވެ. ހެދުނު އެއްޗެއް ހައްދަވައިގެން ޓިކެޓެއް ހޯއްދަވައިގެން އެމްޑީޕީއަށް ވެރިކަން ގެންލޭނެ ގޮތަކަށް މަސައްކަތް ޕުޅު ކުރެއްވުމަކަށް ރައީސް ސާލިހު ބޭނުންފުޅެއް ނޫނެވެ.