އިބޫއަށް ޓިކެޓް ނުދިންނަމަ އަންނި އޮތީހީ އަދިވެސް ޖަލުގަ!
އުކުޅަހު ކޮންގްރެސް "އުކުޅަހު ބަގާވާތް" ގޮތުގައި ސިފަކުރެއްވީ ނަޝީދު
ރައީސް ނަޝީދަކީ މީސް މީހުން ވެރިކަމަށް އަރުވާ ބޭލުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫނެވެ. އެފަދަ ވަކި މީހަކު އަދި މި ރާއްޖެއަކު ނެތެވެ. މީހުން ވެރިކަމަށް އަރުވާ ބޭލުމުގެ ގާބިލުކަން ރައީސް ނަޝީދުގެ ކިބައިގައި ހުންނެވި ނަމަ 2013ގައި ވެރިކަމަށް އަރާވަޑައި ނުގަތީ ކީއްވެ ހެއްޔެވެ. އެއްބުރުން ނުވެގެން ދެވަނަ ބުރުންވެސް ރައީސްކަން ލިބި ވަޑައެއް ނުގަތެވެ. ވެރިކަން ހޯއްދެވީ ރައީސް ޔާމީނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ހޯދައިދެއްވީ ވެސް ރައީސް ނަޝީދެއް ނޫނެވެ. އެންމެ ފަހުވަގުތާ ޖެހެން ދެންވެސް އެމްޑީޕީގެ ޓިކެޓް ހިސޯރު ކުރައްވައިގެން ޖަލުން ފިއްލަވާ އަމިއްލަފުޅަށް އަރުވާ ލެއްވިގެން ހުންނެވީ ވެސް އެހެން މީހަކަށް ފުރުސަތު ލިބުނަ ނުދެއްވާށެވެ. ގިނިކަންޏާ ވާދަކުރައްވައިގެން ބާލިދީއާއި ސިމެންތިގަށާ މެޝިނުން ހޯއްދެވި ރިޔާސީ ޓިކެޓްގައި ބަގުޑިބައްދަވައިގެން އުޅުއްވީ އަމިއްލަފުޅަށް ކުރެއްވެންނެތް ވެރިކަމެއް ޕާޓީ އެހެން މީހަކު ކުރިޔަ ނުދެއްވާށެވެ. ރައީސް ނަޝީދު އުޅުއްވީ އެމްޑީޕީން ކެންޑިޑޭޓަކު ނެރުނަ ނުދެއްވާށެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހު އޭރު އޮތްގޮތުން އެމްޑީޕީން ކެންޑިޑޭޓަކު ނެރުމުގެ މުހިންމުކަން ބޮޑުވެ އުކުޅަހު ކޮންގްރެސްގައި ރައީސް ސާލިހަށް ޓިކެޓް ފުރޮޅާލީ ކޮންގްރަސްމަނުން ބޭނުން ވެގެންނެވެ. ފަހަރެއްގައިވެސް ރައީސް ނަޝީދު ބޭނުންފުޅުވެގެނެއް ނޫނެވެ. ރައީސް ނަޝީދު ބޭނުންފުޅު ވިޔަސް ނުވިޔަސް އެމްޑީޕީ 2018ގައި ރައީސް ނަޝީދު ނޫން އެހެން ފަރާތަކަށް ރިޔާސީޓިކެޓް ފުރޮޅާލީހެވެ. ރައީސް ނަޝީދު ޖަލުން މިންޖުވާން ވެސް އޮތް ހަމައެކަނި ގޮތަކީ އެމްޑީޕީ އިސްވެ އޮވެ ކުރާ ވެރިކަމެއް ރާއްޖޭގައި އޮތުމެވެ. އެކަމަށްޓަކާ ގޮތް ހުސްވެ ވަޑައިގެން ދޫދެއްވަން ރައީސް ނަޝީދަށް މަޖުބޫރުވެ ވަޑައިގަތީއެވެ. އެނޫން ގޮތަކަށް ވެރިކަން ފުރޮޅުނު ނަމަ އަދިވެސް ރައީސް ނަޝީދު އޮންނަވަން ޖެހިވަޑައިގަންނަވާނީ ޖަލުގައިކަން ރައީސް ނަޝީދު މިހާރަކު ހަނދުމަފުޅެއް ނެތެވެ.
ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގަތުމުން މިނިވަންވެ ވަޑައިގެން މާލެ ވަޑައިގެން ދިމާ ކުރެއްވީ ރައީސް ސާލިހާއެވެ. އެންމެ ފަހުން އުކުޅަހު ކޮންގްރެސް ވެސް އުކުޅަހު ބަގާވާތުގެ ގޮތުގައި ސިފަކުރެއްވީއެވެ. އެވަރު ބޭފުޅަކު ރައީސް ސާލިހު ވެރިކަމަށް އެރުވީ އެ މަނިކުފާނޭ ވިދާޅުވީމާ އަންނަނީ ހިންޏެވެ.