އިގިރޭސީން ދެކެ ބިރުން ތިބި ޒަމާން ހިގައްޖެ!
އެއްވެސް އިރަކު ޗާގޯސްއަކީ ރާއްޖޭގެ ބައެއްނޫން
ސާބަހެވެ. ވާއެއް ނުވާއެއް ނޭނގި ތިބެ ސިޔާސީ ހަސަދަ ފިލުވަން ހާދަ ފޯރިއެއް އެބަހުއްޓެވެ. ރާއްޖެއާ މޮރިޝަސްގެ ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ގެ ފުށު އެރުން ހައްލުކުރުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ގައި ހުށަހަޅައިގެން އުޅޭ މައްސަލާގައި ރާއްޖޭގެ ވިސްނުން ބަދަލު ކުރީ ކޮން އިރަކު ހެއްޔެވެ.
އދ. ގައި ރާއްޖޭން މޮރިޝަސްއާއި އެއްކޮޅަށް ވޯޓު ދޭން ނިންމީ ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީގެ މައްސަލައަކު ނޫނެވެ. އިމުގެ މައްސަލާގައި ހިލާފު އުފެދިފައިވާ ސަރަހައްދު މޮރިޝަސްއަށް ދޭން ނިންމީ ކަމަށް ބުނެ ސަރުކާރާ ދެކޮޅަށް ޒާތްޒާތުގެ ގޭސް އަނބުރަނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ.
ފިތުނަވެރި ވިޔަސް ފުކެއް ބޮޑުވަރެވެ. ރާއްޖޭގެ ވިސްނުން ބަދަލު ކުރީ ކޮންކަމެއްގައި ކީއްވެކަން ނުބަލާ ހޭކުޑައިވިޔަސް ކަމަކު ނުދާނެއެވެ. ޗާގޯސް ޑީކޮލޮނައިޒޭޝަންގެ މައްސަލައާ ގުޅިގެން 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އެޑްވައިޒަރީ އޮޕީނިއަން ދުށް މީހަކު ތިޔަ ވާހަކަ މާ ބޮޑު ކަމަކަށް ވެގެން ނުދައްކާނެއެވެ. ޗާގޯސްއަކީ މޮރިޝަސްގެ ތަނެެއްކަމާއި، އިނގިރޭސިވިލާތުގެ ތަނެއް ނޫންކަން އައިސީޖީގެ އޮޕީނިއަނުގައި ސާފުކޮށް ބުނެފައި އެބައޮތެވެ. އެތަން މޮރިޝަސްއާ ހަވާލު ކުރަންޖެހޭކަމަށް އައސީޖީގެ އެ އޮޕީނިއަންގައި ނިންމާފައި އެބައޮތެވެ. ދިވެހި ރާއްޖޭން ތާއީދު ކުރަން ނިންމީ އެ ނިންމުމަށެވެ.
ޗާގޯސްއަކީ އެއްވެސް އިރެއްގައި ރާއްޖޭގެ ބައެއް ކަމަށް ދިވެހިން ވެސް ގަބޫލެއް ނުކުރެއެވެ. އެކަން މޭރުންވާ ފުލޯކު ވާހަކައެއް ހާ ހިސާބުވެސް ނެތެވެ. ދުނިޔޭގެ އެއްވެސް ރެކޯޑަކުން ވެސް ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ފެންނާކަށް ނެތެވެ.
އެއްވެސް އިރަކު ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ދެކިގެން އެއްވެސް އިރަކު އެތާނގެ މިލްކުވެރިކަމާ މެދު ރާއްޖެއިން ސުވާލު އުފައްދާ ޝަކުވާއެއް އުފުލާފައެއް ނެތެވެ. އެހެން ކަމުން އެތަނަކީ އިނގިރޭސީންގެ ތަނެއް ނޫންކަމާއި މޮރިޝަސްގެ ތަނެއް ކަމަށް ބުނުމުގައި އޮތީ ކޮންގޯހެއް ހެއްޔެވެ.
ރާއްޖެެއަކީ އިސްތިއުމާރު ކުރުންތައް ނިންމުމަކަށް ގެނައުމަށް އަބަދުވެސް ވަކާލާތުކުރާ ގައުމެކެވެ. އިނގިރޭސީން ދެކެ ބިރުން ހައްގުބަސް ބުނަން ބިރުން ތިބި ޒަމާން މާޒީވެއްޖެއެވެ. 2019 ވަނަ އަހަރު ވެސް ދުނިޔޭގެ 116 ގައުމަކުން ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ވޯޓު ދީފައިވެއެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން ދެކޭ ގޮތާ ދެކޮޅުވެ ރާއްޖެއިން އެއްބަސް ނުވާނީ ޗާގޯސްއަކީ ރާއްޖޭގެ ތަނެއްކަމަށް ބުނާ އެންމެ ގައުމެއް ވެސް އޮތް ނަމަތާއެވެ. ރާއްޖޭގެ ޕޮޒިޝަނަކީ އިންޓަނޭޝަނަލް ކޮމިއުނިޓީގެ ވިސްނުމާ އެއްގޮތް ޕޮޒިޝަނެވެ.