ބޭއިންސާފު އާންމުވެފައި އޮތްއޮތުން ނިމުމަކަށް ގެނެވިއްޖެ!

މީގެ 4 އަހަރު ކުރިން ގައުމުގައި އޮތީ ހާސްކަމާ ކަންބޮޑުވުމާ ނުތަނަވަސްކަމާ ބިރުވެރިކަން!

ބޭއިންސާފު އާންމުވެފައި އޮތްއޮތުން ނިމުމަކަށް ގެނެވިއްޖެ!

އިންސާފަކީ އެންމެ ބޮޑު ބޭއިންސާފު ކަމުގައި އޮތް އޮތުން ނިމުމަކަށް ގެންނަވައިފިއެވެ. އިންސާފަށް އެދުމުގެ ކުރިން، އިންސާފު ލިބިދާނެކަން އުންމީދު ނުކުރެވޭ ހިސާބަށް ބޭއިންސާފު އާންމުވެފައި އޮތްއޮތުން ނިމުމަކަށް ގެނެވިއްޖެއެވެ. އެއްބަސްނުވާ ކޮންމެ މީހަކީ، ވެރިކަމުގެ ހަތުރަކަށްވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވައިފިއެވެ.

އެއްބަހެވެ. މީގެ 4 އަހަރު ކުރިން ގައުމުގައި އޮތީ ހާސްކަމާއި ކަންބޮޑުވުމާއި، ނުތަނަވަސްކަމާ ބިރުވެރިކަމެވެ. އެވާހަކަ ތަކުގެ ހަނދާން އައުވުމުން އަސަރުކުރެއެވެ. އަދިވެސް ހާސްވެއެވެ. ރައީސް އެވިދާޅުވާހެން މީގެ ހަތަރު އަހަރުކުރިން ގައުމު އޮތް ހާލަތު ހިތައް ގެންނަވާށެވެ. އޭގެން ކުޑަ މިންވަރެއް ހަނދާނަށް ގެނެސް ބަލާށެވެ. މިހާރު ގައުމުގައި ކަންއޮތީ އެހެން ނޫންކަން ތެދަށް ހުރެ ވިސްނާލާ މީހަކަށް އެނގޭނެއެވެ. 

ޔާމީނު ވެރިކަމަށް އެރިގޮތަށް އަރާ ފެށީ ގައުމު ގައުމުގެ ހަޒާނާއިން ވައްކަން ކުރާށެވެ. ކެންޕޭނު ހަރަދުތައް ފޫބެއްދުމަށް އޭނާ ހިޔާރުކުރި މަގަކީ ދައުލަތުގެ މިލްކިއްޔާތުން ވައްކަން ކުރުމެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ނޫނީ ދައުލަތަށް ލިބޭ އެއްވެސް ފައިސާއެއް ބަލައި ނުގަންނަން އޮތް އޮތުން ފުރަތަ ބަދަލު ކޮށްލީއެވެ. ޓޫރިޒަމަށް ދޫކުރާ ރަށްތަކާއި ބިންތަކާއި ފަޅުތަކާއި ފަރުތަކުން ދައުލަތަށް ލިބެން ޖެހޭ ހުރިހާ ފައިސާއެއް އެމްއެމްޕީއާރުސީއަށް ބަލައިގަންނަ ގޮތަށް ހަމަޖެއްސި ޖެއްސުމަކީ އޭގެފެށުމެވެ. އިކުއިޒިޝަން ފީއެއް އެހެން އެއްޗެއް ކިޔާނެކަމެއް ނެތެވެ. މީރާއަށް ހިޔަނިވެސް އަންގާނުލާ ޖީބުތަކަށް އަޅާ ފުރަންފެށިއެވެ. ރަނގަޅަށް ކެންޕޭނު ހަރަދުތައް ފޫބެއްދޭނީ އޭރުންތާއެވެ. ތިޔަވަރުކޮށްލާކަށް ނުވާނޭބުނެ ހެޔޮ ނަސޭހަތް ދިން ޒަމާންވީ އެކުވެރިޔާ ނަމިރާ ނާޒިމަށް ޖެހުނީ 25 އަހަރުގެ ޖަލުހުކުމެއް ލިބިގަންނާށެވެ.

2014،15،16 ތިން އަހަރު ދުއްވާލީ ދައުލަތް ދަވާލުމުގެ މަސައްކަތުގައެވެ. މީހަކަށް ދޮންކަޅު އަންގަނުލައެވެ. ދަބަސްދަބަހާއި ފޮށިފޮއްޓާއި ކޮންޓޭނަރު ތަކުގައި ނަގުދު ފައިސާ ގެއަށް އުފުލީ ތިޔަހެނަކުން ނޫނެވެ. މަދުމަދުން ބޭންކް ޓްރާންސް ސެކްޝަންތައް ފައިސާ ދޮވުމުގެ މަސައްކަތުގައި ހެދިކަމުން ބޭންކްގައި މަސައްކަތް ކުރާ މެނޭޖަރަކަށް ހިލަންވެ އެކަން ފަޅާ އަރުވާލިއެވެ. ބުޅަލު ބުޑުގައި އުނބުން ޖެހުން ދުއްވައިގަންނަހާ ބާރަށް ދުވެގޮސް މެނޭޖަރ ގާސިމް އަބްދުލްކަރީމު ޖަލުގޮޅިއަކަށް ފައްތާ ޗޭނު ޖެއްސެވެ.  އެކަން ހިލަންވެ ދައުލަތުގެ އޮޑިޓަރޖެނެރަލް ނިޔާޒު އިބްރާހީމް މަތިމަތިން ބަލައިލި ކަމަށްޓަކާ ގާނޫނަށް ގެނައި ބަދަލަކުން ފޮނުވާލީ ގެއަށެވެ. ނަސީބަކުން ޖަލުގެ ތޭރިތަކުގެ ފަހަތަކަށް ދާކަށް ނުޖެހުނެވެ.

ބޭއިންސާފު ވުމުގައި ޔާމީނަށް ވަކިކަމެއް ނެތެވެ. ވެރިކަމަށް ފާޑުކީ ނޫސްވެރިންނާ ނޫސްތައް މިލިޔަނުން ކުރީ ޖުރުމަނާއެވެ. ރާއްޖެޓީވީ އެތައް ފަހަރަކު މިލިޔަނުން ޖުރުމަނާކޮށް ބްރޮޑްކާސްޓިންގ މެދުކަނޑާލަން މަޖުބޫރު ކުރުވިއެވެ.

އެއްވެ އުޅުމުގެ ހައްގުގެ ބޭނުން ހިފައިގެން އިހުތިޖާޖަށް ނިކުތްހާ ބަޔަކު ތަޅާ ރޯނާ ގެންނެވީއެވެ. މޭޑޭ މުޒާހަރާއަށް ނިކުތްހާ މީހުންގެ ލޭ ކޮށާލާ އަބްދުﷲ ރަޝީދުގެ ފުރާނަ ދުއްވާލިއެވެ. މޭޑޭގެ ބައިވެރިން ތެރެއިން އަމިއްލައަށް އަރުވާލެވުނު ބަޔަކު ފިޔަވާ ޝައިޚް އިމްރާނު ފަދަ އެތައްބަޔަކު ޖަލުގައި ވޭންދެނިވި އަނިޔާތައް ތަހައްމަކު ކުރަން ޖެއްސިއެވެ.

ގޮށްމުށުގެ ވެރިޔާ ޔާމީނަށް ހެޔޮގޮތެއް ނޯވެއެވެ. ތިމާގެ ވެރިކަމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ މާލޭން ފެންކެނޑުމުގެ ހާދިސާގައި އެކަން ހައްލުކުރުމުގައި އުޅުއްވި ހީވާގި ދިފާއީ ވަޒީރު ކާނަލް ނާޒިމުގެ ޒަމާން ދުއްވާލިގޮތް ހަނދާން ކޮށްބަލާށެވެ. ރައްޔިތުންގެ ރުހުމާ ލޯބި ލިބޭހެން ހީވެގެން ގެއަށް ފިސްތޯލައެއް ވައްދުވައިގެން ފްރޭމްކޮށް ދިގު މުއްދަތުގެ ހުކުމެއް ޖެހީ ވެރިކަން ބީވެދާނެ ކަމަށް ގަތް ބިރަކުންނެވެ. 

އޭގެ އަނެއް މިސާލެވެ. ފައިސާއަށް ބޫތުކައިފައި ހުރިވަރުން ރަށްތައް ވިއްކަމުގެ އަމަލީ މަސައްކަތުގައި ބައިދީގެން ގެންގުޅުނު  އިތުބާރު ކުރި އަދީބަށް ރައްކާތެރިކަން ދިނުމުގެ ނަމުގައި ޖެއްސީ މުޅި އުމުރު ޖަލުގައި ހޭދަކުރާށެވެ. ކުރިހާ ވައްކަމާ ހިންގިހާ ހިޔާނަތަކީ އަދީބު ކުރިކަމަކަށް ހަދާ ފިނިފެންމާ ލޯންޗް ގޮއްވާލުމަށް ޖެއްސި ގޭމުވެސް އަދީބުގެ ބޮލަށް ކަނޑާލީއެވެ.

ރައީސް ވިދާޅުވީ ހައްގުތެދެކެވެ. ރައްޔިތުންގެ މަޖިލީހަށް ސިފައިން ވައްދާ އިއްޒަތްތެރި މެންބަރުން ފާރުމަތިން އުކާލީ ބަރަޖާ ގަނޑަކުން ހިރަފުސް ފޮޅާލާ ގޮތަށެވެ. ދުވަސް ގަނޑަކަށް މަޖިލީހުގައި ބޮޑުތަޅުލާ ހާލަތުއްޒުރޫރާގެ ދަށަށް މަޖިލިސް ވައްޓާލި އިރު މި ފުޑާލެވެނީ ދައުލަތުގެ އެއްބާރުކަން ވެސް އިހުސާސެއް ނުވެއެވެ.