ޕްރައިމަރީން އަންނި ބަލިވެއްޖެ ކަން އިއުލާން ކޮށްފި
ޕްރައިމަރީން ބަލިވާނެކަން ގަބޫލް ކުރައްވާ ކުރިމަތި ނުލައްވާނެ ކަމަށް އަންނި ވިދާޅުވި
އިންތިހާބެއްގައި ނަތީޖާ އިއުލާން ކުރުމުގެ ކުރިން ވޯޓުވެސް ނުލަނީސް ބަލި ގަބޫލު ކުރާ ގޮތަކީ ކުސަ ދެމުމާ ޝަކުވާ ކުރުމާ ޝައްކު އުފެއްދުމެވެ. މާދަމާ އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދު ބަލިވެއްޖެ ކަން މިދެންނެވި މޭރުމުން އިއުލާން ކުރެއްވީ ރައީސް ނަޝީދުގެ އިންތިހާބީ އޭޖެންޓް އަލްއުސްތާޒް ހަސަން ލަތީފެވެ.
ހުކުރު ދުވަހު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި މި އިންތިހާބްގެ ނަތީޖާ އޮޅުވާލަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ހަސަން ލަތީފު ވިދާޅުވުމަކީ މިދެންނެވި ގޮތަށް ރައީސް ނަޝީދު ބަލި ގަބޫލު ކުރެއްވީ ކަމަށް ބެލެއެވެ.
2018 ގެ ރިޔާސީ އިންތިހާބްގެ ބަލި ރައީސް ޔާމީން ވެސް އިއުލާން ކުރެއްވީ ހަމަ މިކަހަަލަ ގޮތަށެވެ. ޖެހި ފާހަގަ ތިރިއަށް ވެއްޓުމުގެ އަޖައިބު ތަކުން ފުރިގެންވީ ބަހަނާ ތަކާ އެކު ސުޕްރީމް ކޯޓުގައި އެކުރެއްވިހާ އަނބުރާ ހޭރިޔާ ކުރުމަކީ މިދެންނެވި ގޮތަށް ބަލި ހަޖަމް ނުވުމުގެ އަލާމާތް ތަކެވެ.
ކެމްޕޭންގެ ފަހު ރެލީގައި ވެސް ދެ ގޮނޑިބަރި ދޭތެރޭ ހަނި ގޯޅިއެއްހާ ތަން ބާއްވައިގެން ބޭއްވި ޖަލްސާ ގައި ގިނައީ ޕީޕީއެމް މީހުން ކަން ރައީސް ނަޝީދަށް އެނގިވަޑައިގަތީ ސްޓޭޖަށް ހުއްޓި ވަޑައިގެން ކްރައުޑް ރަނގަޅަށް ބައްލަވާ ލެއްވީމައެވެ. އެހިސާބުން އެމަނިކުފާނުގެ މޫޑް ސްވިންގ ވެ، ސްޕީޗް އޮޔާ ގޮސް އޭތި މީތި ވިދާޅުވެ އަތްތިލަ ބަޑި ޖަހަމުން އެތެރެހައްޓަށް ބަޑި ފަޅައިގެން ގޮސް ކުއްލިއަކަށް ޖަލްސާ ދޫކުރައްވާ ވަޑައިގަތީ އެވެ.
އޭގެ ފަހުން ހުކުރު ދުވަހުގެ މެންދުރު ފަހު ހަސަން ލަތީފް މެދުވެރި ކުރައްވާ ނަތީޖާ އޮޅުވާލާނެ ކަމުގެ މައުލޫމާތު ލިބެއޭ ވިދާޅުވެ ހަގީގަތުގައި އެކުރެއްވި ކަމަކީ ބަލި ގަބޫލް ކުރެއްވުމެވެ.
އެންމެ ފުރަތަމަ ވެސް މި ޕްރައިމަރީ އިން ބަލިވާނެކަން ގަބޫލް ކުރައްވާ ކުރިމަތި ނުލައްވާނެ ކަމަށް ވިދާޅުވި ކަމަށް ވެއެވެ. އެހެން ނަމަވެސް އަރިހުގައި ތިއްބެވި ބައެއް ބޭފުޅުން ދޫނުކޮށް ކުރިމަތި ލައްވަން ދަންނަވާ ވަރުން ޕްރައިމަރީއަށް ނުކުމެވަޑައިގަތީ ކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް ނަޝީދަށް ބޭނުންވާ ރެސްޓާ، ސިކުނޑީގެ ހަމަ ޖެހުން ލިބުނަ ނުދީ އެ މަނިކުފާނަށް ޕްރެޝަރު ކޮށްގެން ނެރެ ގަނަ ތަޅުވާ ބަޔަކު އަރިހުގައި ތިބެގެން އެ މަނިކުފާނު ރޭރު ކުރަން މަސައްކަތް ކުރާ އިރު އޭގެ ފަހަތުގައި ތިބީ ރައީސް ޔާމީނާ އިދިކޮޅު ޕީޕީއެމަށް ވަފާތެރި މީހުންނެވެ.