އެމްޑީޕީ އަކަށް ވެސް އެކަންޏަކު ނުވާނެ!

މަޖިލިސް 65 ގޮނޑި ނެގި އިންތިހާބުގައި ވެސް %74 ވޯޓުދިނީ އެމްޑީޕީއާއި ދެކޮޅަށް

އެމްޑީޕީ އަކަށް ވެސް އެކަންޏަކު ނުވާނެ!

ރައްޔިތުންގެ މަޖިލިސްގެ އިންތިހާބާއި ރިޔާސީ އިންތިހާބު ވަރަށް ތަފާތެވެ. ރައްޔިތުންގެ މަޖިލީހަކީ އެތައް ދައިރާއަކަށް އެތައް ބަޔަކު ނިކުމެ ވާދަކޮށް އެންމެ ގިނަ ވޯޓު ލިބޭ މީހަކަށް ގޮނޑިލިބޭ އިންތިހާބެކެވެ. ރިޔާސީ އިންތިހާބަކީ އެންމެ ގޮނޑިއަކަށް މުޅި ރާއްޖޭގެ އެންމެން ވޯޓުދޭ މަދުބަޔަކު ވާދަކުރާ އިންތިހާބެކެވެ. ރިޔާސީ އިންތިހާބުގެ އެންމެ އުދަގޫ ކަމަކީ މުޅިރާއްޖޭން އިންތިހާބުގައި ވޯޓުދޭ މީހުންގެ ފަންސާސް އިންސަތައަށް ވުރެ އިތުރަށް އެކަކަށް ވޯޓު ހޯދުމެވެ. 

މަޖިލިސްގެ ގޮނޑިތަކަށް މެންބަރުން އިންތިހާބު ވަނީ ވާދަކުރާ އެންމެންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯދާ މީހެކެވެ. ގިނަ ދާއިރާތަކުގައި އިންތިހާބު ވެފައިތިބި މެންބަރުންނަށް ބަލާއިރު ދާއިރައިން ވޯޓު ދިން މީހުންގެ ފަންސާސް އިންސައްތަ ލިބުނު މެންބަރުން ވަރަށް މަދެވެ. އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދާއިރާއިން ތަފާތު ބޮޑު ނަތީޖާއަކުން ގޮނޑިކާމިޔާބު ކޮށްފައިވަނީ ސަންޓްރެވަލް ޝިޔާމާއި ގާސިމް އިބްރާހީމް ފަދަ މަދު މީހެކެވެ. 

2019 ގައި އޮތް މަޖިލިސް އިންތިހާބުގެ 65 ގޮނޑި އެމްޑީޕީއަށް ލިބިފައި އޮތް އޮތުމަކީ ވެސް ހަގީގަތެކެވެ. އެ އިންތިހާބުގައި އެމްޑީޕީން 65 ގޮނޑި ނެގިއިރު ހޮވުނު ކެންޑިޑޭޓާއި އެންމެ ގާތުން ވާދަކުރި ކެންޑިޑޭޓާއި ދެމެދުގެ ފަރަގު ސަތޭކަ ވަރަކަށް ވޯޓަށް ވެސް ބޮޑުކޮށް ލެވިފައި އޮތީ މަދު މީހަކަށެވެ. ހިތްތަކުގެ ރައީސަށް ވެސް ވެވަޑައިގެން ވަރަކީ މުޅިން އަލަށް އިންތިހާބެއްގައި ވާދަކުރަން ނުކުތް ޒުވާނަކާ މައްޗަށް ގޮޅީ މެދު ދާއިރާގައި ވާދަ ކުރައްވައިގެން ސަތޭކަ ފަންސާހެއްހާ ވޯޓުން ކުރި ހޯއްދެވޭ ވަރުވުމެވެ. 

މަޖިލިސްގެ 65 ފަސްގޮނޑި އެމްޑީޕީއަށް 2019 ލިބުނު ނަމަވެސް ގަބޫލު ކުރަން ޖެހޭ އެހެން ހަގީގަތެއް ވެސް އެބައޮތެވެ. 2019 ގައި އޮތް މަޖިލިސް އިންތިހާބުގައި މުޅި ރާއްޖޭން އެމްޑީޕީއަށް ލިބުނު މިންވަރަކީ އެމްޑީޕީގެ މަގުބޫލުކަން މުޅި ރާއްޖޭގައި އޭރު އޮތް މިންވަރު ވަޒަން ކޮށްލުމެކެވެ. ފ. އަތޮޅު ނިލަންދޫ ދައިރާ ނޫން އަނެއް 84 ދާއިރާއަށް ކެންޑިޑޭޓުން ނެރެ އެމްޑީފީން ވާދަކޮށްގެން ( ބަލިވި ކެންޑިޑޭޓުންނަށް ލިބުނު ވޯޓާ ވެސް އެކު) އެމްޑީޕީ ހުރިހާ ކެންޑިޑޭޓުންނަށް ލިބުނީ އެ އިންތިހާބުގައި ވޯޓުލީ މީހުންގެ %36 އެވެ. އަނެއް %74 ޕަސެންޓް ވޯޓުދިނީ އެމްޑީޕީއާއި ދެކޮޅަށެވެ. އެހެން ކަމުން އެމްޑީޕީގެ މަގުބޫލުކަން އޮންނަނީ އާބާދީގެ ސަޅީހަކަށް ޕަސެންޓްގައިކަން ކިތަންމެހާ ވެސް ރަނގަޅަށް ސާފުވެއެވެ. ރިޔާސީ އިންތިހާބުގައި 33 އިންސައްތަ ލިބޭ މީހަކަށް ރައީސްކަން ލިބޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެންނަވަން ދާދި ފަހުން ރައީސް ނަޝީދު އުޅުއްވީ އެހަގީގަތް އެ މަނިކުފާނަށް ގަބޫލުފުޅު ކުރެއް ވޭތީއެވެ. 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ލިބިގެން ރައީސްކަން ލިބޭ ގޮތަށް ގާނޫނު އަސާސީގައި އޮންނަ އެ މިންވަރަކީ އިތުރު ބައެއްގެ ތާއީދާ ނުލާ ރިޔާސީ އިންތީހާބު އެއްވެސް ޕާޓީއަކުން އެކަންޏަށް ކާމިޔާބު ކުރެވެން އަދިވެސް ނެތް ކަމަށް ގަބޫލު ކުރަން މަޖުބޫރު ސަބަބެކެވެ.

ހަގީގަތް އެހެން އޮތުމާއެކު އެމްޑީޕީގެ ވެރިކަން ދެމެހެއްޓުމަށް އެހެން މީހުނާއެކުގައި މަސައްކަތް ކުރެއްވޭނެ އެހެން މީހުން ވެސް އިތުބާރުކުރާ އެހެން މީހުނަށް ކުޑައިމީސް ނުކުރާ ކެންޑިޑޭޓަކަށް ރިޔާސީ ޓިކެޓް އެމްޑީޕީން ދޭންޖެހެއެވެ. އެ މީހަކީ ރައީސް ސޯލިހު ނޫން ދެވަނަ މީހެއް ނޫނެވެ. މި ވަގުތު ރައީސް ނަޝީދަކީ އެމްޑީޕީއަށް ޗޮއިސްއެއް ނޫނެވެ.