ކުޑަޕާޓީއަކަށްވުރެ ނުފޫޒުގަދަ ޖަމާއަތެއް

އެއްބުރުން އިބޫއަށް ކާމިޔާބު ކޮށްދޭނީ އިދިކޮޅުން

ކުޑަޕާޓީއަކަށްވުރެ ނުފޫޒުގަދަ ޖަމާއަތެއް

ސިޔާސީ ބައެއް ނޫނޭ ކިޔައިގެން އުޅޭ ބައެކެވެ. ކުޑަ ސިޔާސީ ޕާޓީ އަކަށްވުރެ ނުފޫޒު ގަދައެވެ. ފަނަރަ ވަރަކަށް ހާސް ވޯޓަށް ވުރެ ގިނަ ވޯޓު ކޮންޓްރޯލުކުރެއެވެ. ދީނި ޖަމާއަތެއްގެ ރާއްޖޭގައި ހަރަކާތްތެރިވާ ބައެކެވެ. އަފްގާނު ޒިލޭބީ ހެދިގެން އުޅޭ މި ޖަމާއަތުން ބާރުވެރިކަން ހޯދައިގެން ޕީޕީއެމްގައި މާލޭ މޭޔަރ މުއިއްޒުވެސް ސަކަރާތް ތަކެއް ޖަހައެވެ.

އެހެނަސް ޕީޕީއެމްގައި މީހަކީ ޔާމީނެވެ. ޕީޕީއެމްގައި ޔާމީނު ކިތަންމެ ގަދަޔަސް ލައްކައަކަށް ވުރެ ގިނަ މެންބަރުން ހިމެނޭ ބޮޑު ކޯލިޝަނަކާ ވާދަކޮށް ބަލިކުރުމުގެ ގާބިލުކަމެއް އިދިކޮޅުގައި ނުހުންނާނެއެވެ. އެހެނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމްގެ ޖުމްލަ މެންބަރުންގެ އަދަދު 40 ހާހަށް ނާރައެވެ. ޕީއެންސީގައި ތިބީ ތިންހާސް މީހުންނެވެ. އެހެންކަމަށް ވާނަމަ ޔާމީނުގެ ނިކުތަސް ބައިލައްކަ ވޯޓު ޔާމީނަކަށް ކަށަވަރެއް ނުކުރެވޭނެއެވެ. ވެރިކަމުގެ އާރާ ބަރުގައި ހުރެގެންވެސް ޔާމީނަށް 2018 ގައި ޖެހުނީ ހުތުރު ބައްޔަކުން ބަލިވާށެވެ. އެ ނަތީޖާ މިފަހަރު ރައީސް ސޯލިހު ތަޖުރިބާ ކުރައްވަން ޖެހިވަޑައި ގަތުމަކީ ވުމަށްވުރެ ދުރުކަމެކެވެ.

ރާއްޖޭގައި އުފެއްދި އެންމެ މެންބަރޝިޕް ބޮޑު ކޯލިޝަން އޮތީ ރައީސް ސޯލިހާ އެކުގައެވެ. އެ މަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ މިހާރުވެސް 77ހާސް މެންބަރުން ހިމެނޭ ބޮޑު ކޯލިޝަނެއްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައެވެ. ރިޔާސީ އިންތިހާބު ބޭއްވޭއިރު އެމްޑީޕީގައި 90000 މެންބަރުން ބޭއްތިއްބުމުގެ އަމާޒަށް އިންތިހާބުގެ ކުރިން ވާސިލުވެވޭތީއެވެ. އެމްޑީޕީގެ 90ހާސް މެންބަރުންނާއި އަދާލަތު ޕަޓީގެ 9500 މެންބަރުންނާއި އެމްޑީއޭގެ 10000 މެންބަރުންނާއެކު ކޯލިޝަންގެ ޖުމްލަ މެންބަރުންގެ އަދަދު އެއްލައްކަ ދިހާހަށް ބޮޑުވެގެން ދާނެއެވެ. 

މިހާރު އޮތް އިދިކޮޅަށް ރައީސް ސޯލިހު ބަލިކޮށްލެވެން އޮތްހާވެސް ގޮތަކީ އެއްކެންޑިޑޭޓަކު ނެރުމެވެ. އެހެން އެންމެން ވާދަނުކޮށް ފަހަތަށް ޖެހުމެވެ. އެގޮތުން އެއްކެންޑީޑޭޓަކު ނެރެގެން ވިނިންގ ޗާންސް އެންމެ ބޮޑީ ޔާމީނަށެވެ. އެވެސް ޔާމީނަށް ކޯޓުތަކުން ފުރޭނިގެން ނިކުމެވުނިއްޔާއެވެ. ކޯޓުތަކުން ޔާމީން ދޫވެ ވާދަ ކުރެވޭ ހާލަތެއްގައި ވާދަވެރި އެންމެން ޔާމީނަށް ދޫދީ ރައީސް ކަމަށް ޔާމީނު ގެންނަން އެއްބަސް ވުމަކީ މުސްތަހީލު ކަމެކެވެ. 

ހަމަގައިމުވެސް ގާސިމާ ކާނަލް ނާޒިމު އިބޫ ދޫކޮށް ޔާމީނާ ބައިއަތެއް ނުހިފާނެއެވެ. ނުވެސް ހިފޭނެއެވެ. މިވަގުތު ސިޔާސީ ބަސްމަގު ރައީސް ސޯލިހާ ދެކޮޅަށް އެ މީހުންގެ ހުއްޓަސް ޔާމީނަށް އިތުބާރުކޮށް ކެންޑިޑެންސީ ކޮމްޕްރަމައިޒެއް ނުކުރާނެއެވެ. ނުވެސް ކުރެވޭނެއެވެ. ރައީސް ސޯލިހުގެ އަރިހުގައި މި ދެންނެވި ހަގީގަތް ފެންނަން އެތިބީއެވެ. 

ރެޓުންނަކީ އެ ނޫން ބަޔަކުނެތް ބައެކެވެ. އެންމެ ފަހު ވަގުތު ފުންމާލާނީ ކޮންތާކަށް ކިހިނެއް ކަމެއްވެސް ނޭނގެއެވެ. އެނގޭކަމަކީ ވެރިކަން ނޫން ކަމެއް ރެޓުން ބޭނުން ނުވާނެކަމެވެ. އެމްއާރުއެމް އޮތިީ އެ މަދު މީސްކޮޅު ދެފަޅިވެ އެއްބައި ރައީސް ސޯލިހަށް ވެދުމަށް އެރުވިގެންނެވެ. އަނެއްބައި އެ އުޅެނީ އެތޯހެވީ މިތޯ ހެވީގައެވެ. ބޮޑަށް ޖުމްހޫރީ ހަދާ އެއްޗަކަށް ބެލުމުގައެވެ. ޖުމްހޫރީ އުޅެނީ ސަމަންތަރު ހެޔޮ ޑީލަކަށް ފާރަލާށެވެ.

އުމަރު ނަސީރު ގެންގުޅޭ ޕްރިންސިޕަލް ބަލައިގަންނަ ބަޔަކު ތިއްބަސް އެއީއްޔަކީ މާކަ ގިނަ ބައެއް ނޫނެވެ. އިންޓަރލެކްޗުއަލް ކޮމިއުނިޓީއަށް ބަލަހައްޓައިގެން ޑޮކްޓަރ މުނައްވަރު ހުންނަވަނިކޮށް ހަރުތާކު ނުޖެހި އިންތިހާބު ނިމިދިއުން ގާތެވެ.

ބުނެވިދިޔަހާ މީހުންނަކީ ވެރިކަމަށް ތިމާއަށްވުރެ ގާބިލު އަނެކަކު ނެތްކަމަށް ދެކިގެން އުޅޭ ފިސާރި މަވެތި ބައެކެވެ. މީގެން އެކަކަށްވެސް ފަހަތަށް ޖެހި އަނެކަކަށް ވެރިކަން ހޯދާދޭން އުޅުމުގެ ހިތްވަރެއް ކެރުމެއް ނުހުންނާނެއެވެ. ޔާމީނަށް ވެރިކަން ހޯދާދީ އެރިސްކު ނަގާން އަމްދުން ނުކެރޭނެއެވެ.

ނަތީޖާއަކަށް ވަނީ ޔާމީނު ނިކުތަސް ނުނިކުތަސް އެންމެން ވާދަކުރުމެވެ. ގުޅިގެން އެކަކު ނެރުމެއް ނޫނެވެ. އެހެންކަމުން ފަސޭހަ ކަމާއެކު ރައީސް ސޯލިހު އެއްބުރުން އިންތިހާބު ކާމިޔާބު ކުރާތަން އެބަފެނެއެވެ.