ނުނިމެޔޭ ނުކިޔާ ނިންމަން ޖާގަދީ!
ވަޒީފާ އުފައްދާ ގޮތެއް ނެތިފާތިބި އެތައް ބަޔަކަށް ވަޒީފާ ލިއްބައިދީފި
ރައްޔިތުން ނިކުމެ ވޯޓުލައިގެން ވެރިކަމަށް މީހަކު ގެންނަނީ ކީއްކުރަން ހެއްޔެވެ. ވަކި މީހަކަށް ބޮޑު މުސާރަޔާ އިނާޔަތާ ރައްކާތެރިކަން ހޯދަދޭން ހެއްޔެވެ. ރައްޔިތުންގެ މައްޗަށް އާރާބާރު ހިންގާނެ މީހަކު ނެތިގެން ހެއްޔެވެ. ފަސްއަހަރުން ފަސްއަހަރުން ވެރިކަން ކުރާ މީހާ ބަދަލުކުރަން ފުރުސަތު ގާނޫނުގައި އޮންނާތީ ހެއްޔެވެ. ނޫނެކެވެ.
ރައްޔިތުން ވެރިކަމަށް މީހަކު ގެންނަނީ މުޅި ރައްޔިތުންގެ ލާބަޔާ މަންފާއަށެވެ. އިހުނަށްވުރެ ހާލަތު ހެޔޮ ކުރުމަށެވެ. އުފާވެރިކަމާއި އަމާންކަން ކަށަވަރު ކުރުމަށެވެ. ލޯތްބާއި ކުލުނުން ފުރިގެންވާ މުޖުތަމައެއް ބިނާކޮށް ދެމެހެއްޓުމަށެވެ. އެހެން ނޫންނަމަ ވަކި މީހަކަށް މޮޅާ ރަނގަޅު ހޯދާދޭން ރައްޔިތުން ގުރުބާން ވާންޖެހޭ ސަބަބެއްނެތެވެ.
ވެރިކަމަށް އައުމައްޓަކާ ވައުދާއި އަހުދުތައް ވަނީ އެހެން ވެގެނެވެ. ވައުދުވާ ހުރިހާ ކަމެއް ވެރިކަމުގެ މުއްދަތުގައި އެކަކަށްވެސް ފުރިހަމަ އެއްނުކުރެވެއެވެ. އަމްދުން ރާއްޖެ ފަދަ ވަސީލަތް މަދު ވަކިވަކި ޖަޒީރާ ތަކެއް އެކުލެވޭ ގައުމެއްގައި ކަންކަން ހަމަހަމަ ކަމާއެކު އެއް ނިސްބަތެއްގައި ފުރިހަމަ ކުރެވުމަކީ މުސްތަހީލު ކަމެކެވެ.
ކޮންމެ ރަށެއްގައި ހޮސްޕިޓަލެއް ނުބެހެއްޓޭނެއެވެ. އެއަރޕޯޓެއް ނޭޅޭނެއެވެ. ޔުނިވަރސިޓީއެއް ނުއުފެއްދޭނެއެވެ. ދެމެހެއްޓެނިވި ގޮތެއްގައި އެކަންކަން ކުރުމަކީ މުސްތަހީލު ކަމެކެވެ. އެކަމަކު އިންސާނުން ދިރިއުޅޭ ކޮންމެ ތަނެއްގައިވެސް ހުންނަން ޖެހޭ އަސާސީ ކަންކަން ކިތަންމެ ބައިމަދަސް ޖެހޭނީ ކޮށްދޭށެވެ.
ރައްކާތެރި ސާފުފެނާއި ނަރުދަމާއާއި ކަރަންޓް ލިބެން ހުރުމަކީ ލާޒިމު ކަމެކެވެ. ލަފާފުރޭނެ ފަސޭހަ އިންތިޒާމް ހަމަޖެހިފައި އޮންނަން ޖެހެއެވެ. ހިޔާވަހި ކަމާއި އުނު އަންނައުނާ ލިބުމަކީ ދިރި ހުރުމުގެ ހައްގަށް ފަހު އެންމެ އިސްކަމެއް ދެވޭ ކަންކަމުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމެވެ. ކާޑާއި އަސާސީ ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަ ޖެހެން ޖެހެއެވެ. މިސްކިތާއި މަދަރުސާ ނެތިއެއް ނުވާނެއެވެ. އެރަށެއްގެ ފެންވަރުން ކުޅިވަރުކުޅެ މުނިފޫހި ފިލުވާނެ ގޮތްތަކެއް ވާންޖެހެއެވެ. ދިރިއުޅޭ ރަށުން އާމްދަނީ ހޯދޭނެ ގޮތްތަކެއްވެސް ވާންޖެހެއެވެ.
ރާއްޖޭގައި ތަރުތީބު ވެގެން ވެރިކަން ހިނގާތާ އެތައް ސަތޭކަ އަހަރެއް ވެއްޖެއެވެ. ރާއްޖޭގެ ރައީސްކަމަށް އިބްރާހީމް މުހައްމަދު ސާލިހު އައުމާ ހަމައަށް ރާއްޖޭގެ އެތައް ރަށެއް އަސާސީ ހިދުމަތުން އޮތީ މަހުރޫމް ވެފައެވެ. ރައީސް ސޯލިހުގެ އެންމެ މުހިންމު ވައުދަކަށްވީ ރަށްރަށުގައި އަސާސީ ހިދުމަތް ގާއިމުކޮށް ދިނުމެވެ.
ރައީސް ސޯލިހު ވައުދުވެ ވަޑައިގެން ގޮތަށް ވައުދުފުއްދެވުމަށް ބޮޑު އިސްކަމެއް ދެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ލަފާފުރޭނެ ގޮތްނެތިފައި އޮތް އެއްވެސް ރަށެއް މިއަދު ރާއްޖެއަކު ނެތެވެ. ފެނާ ނަރުދަމާގެ މަސައްކަތް ހުރިހާ ރަށެއްގައި އެހެރަދަނީ ނިމެމުންނެވެ. ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލު ހޯއްދަވާ ދެއްވައިފިއެވެ. މަދަރުސާތަކާއި މަލްޓިޕާޕަސް ހޯލުތަކާ ހެދި ރަށްރަށުގެ ތައުލީމު އެހެން ހަރުފަތަކަށް ބަދަލުކޮށް ލައިފިއެވެ. ދަނޑުތަކާއި ޕާކުތަކާ މަގުތައް އެހެރަދަނީ ނިމެމުން ނިމެމުންނެވެ. މުޅި ރާއްޖެ އަގުހެޔޮ އަވަސް ދަތުރު ފަތުރުގެ ނިޒާމަކުން ގުޅި ލާމެހެނީއެވެ. ރަށުގައިތިބެ އަދާކުރާނެ ވަޒީފާ އުފައްދާ ގޮތެއް ނެތިފާތިބި އެތައް ބަޔަކަށް ވަޒީފާ ލިއްބައިދީފިއެވެ.
ބޮޑެތި ބިޔަ ޕްރޮޖެކްޓްތައް ކަންކޮޅުތަކުގައި ބާރަށް ދަނީ ކުރިއަށެވެ. މަސައްކަތް ކުރާ މީހުނަށް އޮބިނޯންނަ ވަރަށް މުޅި ރާއްޖޭގައި މަސައްކަތް އެބަ ހިނގައެވެ. މިހާރު ކިޔަން ޖެހެނީ ކުރަން ނުފަށާ ވާހަކައެއް، ނުކޮށް ހުރި ވާހަކައެއް ނޫނެވެ. ނުނިމޭ ވާހަކައެވެ.
ދިވެހި ރައްޔިތުންނަށް މިއަދު އޮތްކަމަކީ ފަށައިގެން ކުރިއަށްދާ ކަންކަން ލަސްވެ ފަސްވެ ހުއްޓުމަށް ފުރުސަތުނުދީ އެ ކަންކަން ކުރިއަށް ގެން ދިޔުމަށް ފުރުސަތު ދިނުމެވެ. ވާދަވެރިންގެ ފިތުނަވެރި ވާހަކަ ތަކަށް ނުހެއްލި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދީގެން އުފާވެރި އަމާން ރާއްޖެ ހޯދުމެވެ.