ގާސިމް ވެރިކަން ހިފައިގެން އެންދެރިމާގެއާ ދިމާއަށް!

ނަޝީދަށް ޔާމީނު އޯކޭ ވިޔަސް އެންދެރިމާގެއަށް ޔާމީނު އޯކޭ އެއް ނޫން!

ގާސިމް ވެރިކަން ހިފައިގެން އެންދެރިމާގެއާ ދިމާއަށް!

އެކިބޭނުން ތަކަށް މާލެފޭބި ރަށްފުށު މީހުން ކިޔެވި އެއްޗެއް ކިޔަވާ، ނުކިޔެވި މީހުން ކުރިކަމެެއް ކޮށް މުއްސަނދިކަމާއި ބާރުވެރިކަމާއި ނަންހުރި މަޝްހޫރު މީހުންނަށް ވެފައިތިބީ މަދެއްކޮށް ނޫނެވެ. 

ކޮންމެ ގޮތެއް ވިޔަސް އެ މީހަކު ކުޑައިރުއްސުރެ މާލެފައިބާ ހުރިގެއަކީ ލައްކަ ބޮޑު އެއްޗެއް އެގެއަކާމެދު ފަހުންވެސް ހިތުގައި އޮންނަ ގެއެކެވެ. 

ކުޑަދުވަހު އުޅުނީ ބާޒާރުކޮށް މަސްގަނެ ދަރުމާރު ކޮނޑުއަޅައިގެން އެ ގޭގެ ނޯކިރީ އަކަށް ކަމުގައިވިޔަސް ފަހުން ލިބުނު މޮޅެއް ލިބުމުގެ އަސްލު ގޮސް ގުޅެނީ މާލެފޭބި ގެއަށެވެ. 

މާލޭގައި ނަންހުރި ގިނަ ބަޔަކުގެ ނަމުގެ ފަހަތަށް އެމީހާގެ ރަށުގެ ނަންލައިގެން މަޝްހޫރުވެފައި އޮންނަނީ އެއީ އެންމެ ފުރަތަމަ ބީރައްޓެއްސެއް ކަމުގައި ޖެހި ތައްގަނޑާ ހުރެވެސް ތޯއްޗެކެވެ. ކަނޑޫދޫ  ދޮންހުސޭނާއި ވައިކަރަދޫ އަލިކަތީބާއި އިހަވަންދޫ ޝާކިރާއި ދިއްދޫ އިބްރާހީމް ކަލޭފާނެވެ. އޭގެ ކުރިއަށް ކިޔާނަމަ ރާއްޖޭގައި އުފެދުނު އެންމެ ބޮޑު މަހުޖަނު ގުޅީ އީސާ ކަލޭފާނެވެ. އެންޑީ އަކީ ނައިފަރު ދޮންކަލޭފާނުގެ ދަރިފަސް ކޮޅެވެ. ޑރ އެންޑީ އަބްދުﷲއާއި އެންޑީ ހަމީދާއި އަޒީއެވެ. 

ޒަމާނަށް ރާއްޖެ ހޭލައިގަތްއިރުގެ އިލްމާއި ހުނަރާއި ތަނަވަސްކަމާއި ވިޔަފާރިއާއި ފަންނުވެރިކަމުގެ އަހުލުވެރިންނެވެ. 

ޖުމްހޫރީޕާޓީގެ ލީޑަރ ގާސިމް އިބްރާހީމަކީ އެންދެރިމާގެއަށް ގުލާނުކޮށްދޭން އުޅުނު މާމިގިލީ ކުއްޖެކެވެ. 

ކާމިނީގެއިން ވަޑައިގެން އެންދެރިމާގޭގައި އާއިލާ ބިނާ ކުރެއްވި ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ބޮޑުބައިގާ ރާއްޖޭގެ އިގްތިސާދާއި ބާރާއި ވިޔަފާރީގެ މުގުލުގައި ހުންނެވީ މައުމޫންގެ ޅިޔަނު އިލްޔާސް އިބްރާހީމެވެ. އެއީ ގާސިމް އިބްރާހީމް ރާއްޖޭގެ ބޮޑު ސޭޓް ކަމަށް ނަންއުފުުލުނު މުއްދަތެވެ.

ސިޔާސީ ބާރުވެރިކަން ކާމިނީގެއަށް ބުރަވަނީ އަބްދުﷲ ހަމީދާއި އަބްދުﷲ ޔާމީންގެ ބާރުގަދަވި ވަގުތު ތަކުގައެވެ. ގާސިމްގެ ތަނަވަސްކަން ނިސްބަތް ވަނީ އެންދެރިމާގެއަށް ކަމުގައި ދެކި ކާމިނީގޭ ބޭފުޅުންގެ ހިތްހަލާލު ލިބުމަކީ ގާސިމަށް ވަރަށް ނާދިރު ކަމެކެވެ. 

އެމްޑީޕީ ބަލިކުރެވޭނެ އެހެން ގޮތެއްނެތި ކޯޓާ ހަމައިން 2013 ގައި ޔާމީނު ވެރިކަމަށް ގެނައުމަށް ހުރިހާ ހަސަދަ އެއް ފަރާތްކޮށް ކޯލިޝަނެއް ހަދައިގެން ޔާމީނަށް 2013ގެ ވެރިކަން ހޯދައިދިނެވެ. ތުއްތޮންބެ އަތުން ޕާޓީ ދަމައިގަނެ، ގާސިމާއި މައުމޫނުގެ ނަގުލުގައި ފަތްގަނޑެއްލާ ހޫރާލަން ޔާމީނަށް ވީލަހެއްވީ ވަތުގައި ފައިހަރުލާން ވީ ލަހެކެވެ.

ޖަލުތަކުންނާއި އައިސީޔޫއާއި ހަމައިން ޖާނައިގެން ބެޗުނީ ކިރިޔާއެވެ. ރައީސް އިބްރާހީމް މުހަންމަދު ސާލިހާ ބައިއަތު ހިފާ 2018ގައި ޔާމީނުގެ ވެރިކަން ނިންމިއެވެ.

ކުރިން ނުދެކޭ ހަމަޖެހުމާއި ކެތްތެރިކަމާއި ދޫދިނުމާއި މަޝްވަރާގެ ތެރޭން ރިޔާސީ ދައުރެއް މި ނިމެނީ އަދިކިރިޔާއެވެ. 

ކޮވިޑްގެ ބަލިމަޑުމަޑުކަމާ އެކު ރައީސް އިބޫގެ އިސްތަށިފުޅަށް ގައުމު ޖަހާފައި ހުރިހާ ގޮލަގޮލާ އަރާ އެއްފަރާތްވެ ގެއްލުނީއެވެ. އެ ދައްޗާ އެކު ގޮސް ސަލާމަތުގެ އައްސޭރި ފެންނަން ފަށައިފިއެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ދުވަހަކު ނުކުރާ އިންވެސްޓް ސަރުކާރުން ކޮށްފިއެވެ. 

މިހިސާބަށް އާދެވުނު އިރު ރިޔާސީ އިންތިހާބް ނަގާބޯމަތިވާން ފެށުމާއެކު ޖުމްހޫރީޕާޓީއާއި މައުމޫންގެ އެމްއާރުއެމާއި އިލްޔާސް އިބްރާހީމްގެ ވާހަކަތައް  ފުއްކުދިވެ، ބައްދަލުވުންތައް ސިއްރުވެ ވައިއަޑުން އަޑުތައް މިކިޔަނީ އަނެއްކާ އެންދެރިމާގޭ ވެރިކަމެއް ހޯދަން ގާސިމް ނުކުންނަ ކަމަށެވެ. 

އުމުރުގެ ގޮތުން މިފަހަރު މީ ގާސިމް ވެރިކަމަށް ނުކުމެވޭނެ ފަހު އަހަރު ކަމަށް ބެލެވޭތީ ގާސިމް ވަކިން ނުނުކުންނާނެ ކަމަށް ބެލުން ހެޔޮ ނުވާނެއެވެ. މައުމޫންގެ ބޭފުޅަކަށް ނައިބު ކިޔާފައިވެސް ރައީސް ކަމުގެ ކެންޑިޑޭޓަކަށް އެންމެ ހިތް ރުހެވޭނެ މީހަކީ ގާސިމެވެ. ރައީސް އިބްރާހީމް މުހައްމަދު  ސާލިހާ  އޮތް ދެކޮޅުވެރިކަމުގައި ހުޅުން ނެއްޓެންދެން އެންދެރިމާގެއަށް ވެރިކަން ހޯދައިދޭން ރައީސް ނަޝީދު ކޮނޑުވިއްދިއްޔާ މި ފަހަރު ވިއްދާނީ އެތަނުގައެވެ. ގަބޫލު ކުރާ ހަމައާއި  އުސޫލާއި ޕާޓީގެ އަސާސް ތަކަކީ މިހާރު ރައީސް ނަޝީދަށް އޮތް އެއްޗެއް ނޫނެވެ. ރައީސް ނަޝީދަށް ޔާމީނު އޯކޭ ވިޔަސް އެންދެރިމާގެ އަކަށް ޔާމީނު އޯކޭ އެއް ނޫނެވެ.  

އެންމެ ކުޑަވެގެން ނައިބު ރައީސްކަން ނޫން އެއްޗެއް ކާނަލް ނާޒިމް ބޭނުމެއް ނުވެއެވެ. ޖުމްހޫރީ ޕާޓީ ފެލާލަން އުޅުނު ހިސާބުން ގާސިމާ ނާޒިމް އެއްގަލަކަށް  އެރޭކަށް ނެތެވެ.

ކަމުވޮށި ކަމަށް ދެކިއުޅޭ މާލޭގެ މަދު ނަމަވެސް ބަޔަކަށް ހިންނަވަރު މީހަކު ވެރިކަމުގައި ހުރުން ހިތަކަށް ކެތެއް ނުވެއެވެ.