ބަޅުރުއް ބަޅީ ބަޅުވީމަ!
މަގާމު ހުސްވެގެން ހަވާލުވުމާ ވަގުތީ ގޮތުން ހަވާލުވުމަކީ މުޅިން ތަފާތު ދެކަމެއް!
ބަޔަކު ދުނިޔެ ރަންވެގެން އުޅުނަސް އެންމެނަކު އުޅެނީ ދުނިޔެ ރަންވެގެނެއް ނޫނެވެ. ސިޔާސީ ގޮތުން މަޝްހޫރުކަން ހޯދަން ބައެއް މީހުންކުރާ ބައެއްކަންކަމުން އެބައެއްގެ ގަމާރުކަންނޫން ކަމެއް ހާމައެއް ނުވެއެވެ. ތިމާމެންގެ ތަންދޮރު ނުދަންނަކަން ނޫން ކަމެއް ފާޅެއް ނުވެއެވެ.
ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ޅ. ހިންނަވަރު ނޫރާނީއާގެ އިބްރާހީމް މުހައްމަދު ސާލިހު ނޫން މީހެއް ނޫނެވެ. އެކަމަށް ޝައްކު އުފައްދާނެ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތެވެ. ގާނޫނު އަސާސީ ބަޔާންކުރާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި ޒިންމާތައް ވަގުތީ ގޮތުން މީހަކާ ހަވާލު ކުރުމަކީ މަގާމުން ދާއިމީ ވަކިވުމަކުން ވަކިވީ ކަމަށް ވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. މަގާމުގެ ވާޖިބުތަކާއި ޒިންމާތަކާ އަނބުރާ ހަވާލު ނުވެވޭނެ އެއްވެސް ހަމައެއް ވެސް ނޯންނާނެއެވެ.
ރައީސް ސާލިހު އެހުންނެވީ 17 ނޮވެންބަރ 2018 ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރިފުޅުމަތީގައި އުއްތަމަފަނޑިޔާރު ލައިދެއްވި ގާނޫނީ ހުވާކުރައްވައިގެންނެވެ. އެ ހުވާގެ މުއްދަތު ހަމަވާނީ 2023 ގެ ނޮވެންބަރ މަހުގެ 11 އަށެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދައުރުގެ ތެރޭގައި ރައީސް ކަމުގެ މަގާމު ގެއްލޭނެ ގޮތްތައް ގާނޫނު އަސާސީގައި ބުނެފައި އެބައޮތެވެ. މަރުވުމާއި އިސްތިއުފާ ދިނުމާއި އަޒުލް (އިންޕީޗް) ކުރުމެވެ.
ރައީސް ސާލިހު އަދި މަރެއްނުވެއެވެ. މަގާމުން އިސްތިއުފާއެއް ވެސް ނުދެއްވައެވެ. އެއްވެސް ސަބަބަކާހުރެ އަދި އަޒަލެއް ވެސް ނުކުރެއެވެ. އެހެން ކަމުން ރައީސް ސާލިހު 5 އަހަރުގެ ދައުރު ނިމެންދެން މަގާމުގައި ދެމިހުންނެވުމުގެ ގާނޫނީ ސައްހަ ކަމާމެދު ސުވާލެއް ނުއުފެދެއެވެ. އުފައްދާނެ ޖާގައެއްވެސް ނެތެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބުތައް އަދާކުރުމަށް ވަގުތީ ގޮތުން އުޒުރުވާ ހާލަތުގައި ކަންކުރާނެ ގޮތް ގާނޫނު އަސާސީގެ 123 ވަނަ މާއްދާގައި އެއޮތީއެވެ. އެފަދަ ހާލަތެއް 25 ފެބްރުއަރީ 2022ގައި ރައީސް ސާލިހަށް ކުރިމަތިވެ ވަޑައިގަތުމުން ކަންކުރެއްވީ އެ މާއްދާގައި ބުނާ ގޮތަށެވެ. ކުރިމަތިވެ ވަޑައިގެން ހާލަތުން އަރައިގަތުމުން އަނބުރާ މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގަތީ ވެސް އެމާއްދާ ބުނާ ގޮތަށެވެ.
ގާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ) ބުނަނީ :-
" ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޛުރުވެރި ވެއްޖެކަމަށް ޤަބޫލު ކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރާންވާނެއެވެ. އަދި ، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ޙަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުގައެވެ."
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީ ގޮތުން އުޒުރުވެރި ވެއްޖެ ކަމަށް ގަބޫލު ކުރެއްވުނު ހިނދު ސަބަބު ބަޔާން ކުރައްވާ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގެވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލު ކުރެއްވިއެވެ. އެހާލަތުން އަރައިގަނެވުމުން ރައީސް ސާލިހު މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް އަލުން ހަވާލުވެ ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގެވުމަށް ފަހުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ރައީސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ހަވާލުވެ ވަޑައިގަތީވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތް ގޮތަށެވެ. ވަގުތީގޮތުން ރައީސްގެ ޒިންމަތަކާއި ވާޖިބުތަކާ ހަވާލުވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވީ ވެސް ގާނޫނު އަސާސީގެ 126 ވަނަ މާއްދާ ބުނާގޮތަށެވެ. ގާނޫނު އަސާސީގެ 126 ބުނަނީ "ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެމަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރާ ކޮންމެ މީހަކުމެ، މަޤާމާ ޙަވާލުވުމުގެކުރީން އުއްތަމަފަނޑިޔާރުގެ ނުވަތަ އުއްތަމަފަނޑިޔާރު އެކަމަށް ކަނޑައަޅާ ފަނޑިޔާރެއްގެ ކުރި މަތީގައި މި ޤާނޫނުއަސާސީ ގެޖަދުވަލު 1ގައި ވާ އެމީހެއްގެ މަޤާމުގެ ހުވައި ކޮށް އެ ހުވައި ގެ އިޤްރާރުގައި ސޮއި ކުރާންވާނެއެވެ."
ރައީސް ސާލިހަށް ކުރިމަތިވެ ވަޑައިގެން ވަގުތީ ހާލަތާއި ގުޅިގެން ނައިބު ފައިސަލް ނަސީމް، ރައީސް ކަމުގެ މަގާމާ ވަގުތީގޮތުން ހަވާލުވެ ވަޑައިގަތީވެސް ގާނޫނާއި އެއްގޮތަށެވެ. ވަގުތީ ގޮތުން ރައީސް ކަމުގެ ގާނޫނީ ހުވާ އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލިސްގެ ރައީސް ކުރިފުޅުމަތީގައި ކުރައްވައިގެނެވެ. ވަގުތީގޮތުން ހަވާލުވެ ވަޑައިގެން މަގާމްގެ ހުވާ ކުރެއްވީ ވެސް ގާނޫނާއި އެއްގޮތަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވެގެން ނައިބު ރައީސް، ރައީސްކަމާ ހަވާލުވުމާ ވަގުތީ ގޮތުން ރައީސްގެ ވާޖިބުތަކާ ޒިންމާތަކާ ނައިބު ހަވާލުވުމަކީ މުޅިން ތަފާތު ދެކަމެވެ.
ބަޅުރުކު ކުދިންނަށް ޔާމީނު ނޫނީ ލެޖިޓިމޭޓް ރައީސަކު ނުހުންނާނެއެވެ. ޔާމީނާ ދެކޮޅަށް ކޯޓަކުން ކުރާ ހުކުން ވެސް ހަރާންވާނެއެވެ. ހަމަތެދެކެވެ. ބަޅުރުއް ބަޅީ ބަޅުވީމައެވެ.