ދީވަލްޕާ ޔާމީނު އަންނި ކޮނޑަށް ސަވާރުވެ ބަނދެލައިފި!
އެމްޑީޕީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކުރާތަން ދެކެން ޔާމީނަކަށް ކުޅަދާނައެއް ނުވާނެ!
އެމްޑީޕީގެ މެންބަރުން ވިސްނާ ހޭއަރާ ރައްކާތެރި ވާށެވެ. ޔާމީނުގެ ނުބައި ނުލަފާ ރޭވުމުގައި ބަދެވި ޕަޓީއަނެއްކާ ވެސް މަގުމަތިކޮށް ނުލާށެވެ. ރައީސް ނަޝީދަށް މާހެވެއް އެދިގެން މިހާރަކު ޕީއެމުން މިއުޅެނީކީ ސަހަލު ކަމެއްގައެއް ނޫނެވެ. ޒަމާންވީ ދެ މިތުރުން ވަކިކޮށް އެމްޑީޕީ ބައިބައިކޮށް ގަޑުބަޑު ކުރުމުގެ ފަހަތުގައި ހުރީ ޔާމިނު ނޫން ދެވަނަ މީހެއް ނޫނެވެ. ކިތަންމެ ރަނގަޅު މީހަކުވެސް އިބިލީހުގެ ވަސްވާހުގައި ޖެހި ހަލާކުވެގެން ހިގައިދާނެއެވެ.
ރައީސް ނަޝީދަކީ އެމްޑީޕީއަށްޓަކާ ފަހަތަށް ޖެހިވަޑައިގަންނަވަން ޖެހޭ ތަނެއްގައި މީގެކުރިން ފަހަތަށް ޖެހި ވަޑައިގެން ބޭފުޅެކެވެ. ޔާމީނުގެ މަކަރާ ހީލަތުން ދެމި ގުއިރޯނުގައި ޖެހި ވަޑައިގެން ރައީސް ނަޝީދު ވެރިކަން ދޫކޮށްލައްވާ އެ ފަހަރުވެސް މަގުމަތިވެ ވަޑައިގަތީއެވެ. ހަތް އަހަރުވަންދެން އެމްޑީޕީ މަގުމަތިކުރީ ޔާމީނު ދުރާލާ ރާވައިގެންނެވެ.
އެމްޑީޕީ އިސްވެ އޮވެ އުފެއްދި ސަރުކާރު ރައްޔިތުންނަށް ހެޔޮވެރިކަމެއް ކުރާތަން ދެކެން ޔާމީނަކަށް ކުޅަދާނައެއް ނުވާނެއެވެ. ދަނޑިވަޅު ބަލާ ޔާމީނު މަސައްކަތް ކުރީ ރައީސް ނަޝީދުގެ ވިސްނުންފުޅު ހަރާބު ކުރުމަށެވެ. ރައީސް ސާލިހާމެދު ރައީސް ނަޝީދުގެ ހިތްޕުޅުގައި ނަފްރަތުގެ އޮއް އިންދާ ބޮޑުކުރީ އެއް ދުވަހަކުން ދެދުވަހަކުން ނޫނެވެ. އެއްބުރުން ޔާމީނު ބަލިކުރައްވާ ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތުމުން ޔާމީނު ހިތުގައި އުފެދުނު ހަސަދައިގެ އަލިފާނަށް އަޅާން ބޭނުންކުރާ ޕެޓްރޯލަކީ ރައީސް ނަޝީދުކަމަށް ހެދިއެވެ.
ރައްޔިތުންގެ ވޯޓަކުން ވެރިކަމަށް ދެން ނާދެވޭނެ ކަމަށް ޔާމީނު ގަބޫލުކުރެއެވެ. އެ ވިސްނުން ރައީސް ނަޝީދުގެ ހިތްޕުޅުގައި ޔާމީނު އަށަގެންނެވީ ޔާމީނު އިތުބާރު ކުރާ ރައީސް ނަޝީދުގެ ރަހުމަތްތެރިން މެދުވެރިކޮށެވެ. އެ މީހުން މެދުވެރިކޮށް ރައީސް ނަޝީދަށް ރައީސް ސާލިހު ކުޑައިމީސްކޮށް ކަންކަން ކުރައްވާ ކަމުގެ އިހުސާސް ކުރުވަން ފެށިއެވެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލާ ރައީސް ނަޝީދަށް ސަރުކާރު ހިންގުމުގެ ބާރުތައް ފޮރޮޅާލުމަށް އެއްބާރުލުން ދިނުމަށް ޔާމީނު މަކަރުވެރި ގޮތެއްގައި އެއްބަސް ވިއެވެ. ޔާމީނުގެ ބޭނުމަކީ އެމްޑީޕީގެ ލީޑަރޝިޕް ބައިބައިކޮށްލާ ވެރިކަން ފިރުކާލުމެވެ. ބަރުލަމާނީ ނިޒާމަކުން ވެރިކަން ހޯދުމެވެ.
ޔާމީނުގެ މައިގަޑު އަމާޒަކީ އެމްޑީޕީގެ ވެރިކަމެއްގައި އެއްކަމެއް ވެސް ވިޔަނުދިނުމެވެ. ރައީސް ސާލިހަށް ނިކަން ރަނގަޅަށް ޔާމީނު މި ގަންނަގަނޑު ވިސްނިވަޑައިގަންނަވައެވެ. ޔާމީނު ދޮންކޮށްފާ ދޫކޮށްލާ އުންޑަ ރައީސް ސާލިހު ގެންދެވީ ކެތްތެރިކަމާއެކު ފިނިކޮށް މައިތިރި ކުރުވަމުންނެވެ. ރައީސް ނަޝީދާ ޖަދަލު ނުކުރައްވާ ޕާޓީގެ މަސްލަހަތު އިސްކުރައްވައިގެން ކަމެއް ގޯސްވިޔަ ނުދެއްވާ ގެންދެވީ ހިފަހައްޓަވަމުންނެވެ. ޖަދަލުކުރެއްވުމާ ބަދަލު ހިއްޕެވުމުގެ ޒައްރެއްގެ މިންވަރު ވެސް ކުރިއަށް ނުނެރުއްވައެވެ. ބަސްގިނަ ކުރައްވާ އަޑުލާ ނުހައްދަވައެވެ. ސިޔާސީ މަގާމު ތަކުގައިި ތިއްބަވައިގެން ރައީސަށް ފުރައްސާރަކޮށް ފަސްކޮށް ލަސްކުރިޔަސް އެމްޑީޕީ މީހަކަށް ނިކަމެތިވާނެ ގޮތެއް ރައީސް ސާލިހު ނުހައްދަވައެވެ. މަސައްކަތްޕުޅު ކުރެއްވީ ރައީސް ނަޝީދަށް ކަމޭ ހިއްތަވާ ހައްގު މަގާމު ދެއްވައިގެން ޕާޓީގެ ހައްގުގައި މަސައްކަތް ކުރެއްވުމަށެވެ.
ރައީސް ސާލިހު ކިތަންމެ ކެތްތެރިކަމާއެކު އެމްޑީޕީ ނަގަހައްޓާ ދަމަހައްޓަވަން މަސައްކަތް ކުރެއްވިޔަސް ރައީސް ނަޝީދު ހުންނެވީ އެމްޑީޕީއަށް ވުރެ އަމިއްލަފުޅު ފިކުރެއް ދިރުވުމަށް ފައިންޕުޅު ވިއްދަވައިގެންނެވެ. ރައީސް ނަޝީދުގެ ކޮނޑުފުޅަށް ޔާމީނު ވަނީ ދީވަލްޕާ އެއްހެން ސަވާރުވެފައެވެ.