އިބޫ މުޅި ރާއްޖެއަށް ކަރަންޓް ޔަގީންކޮށް ދެއްވި
ސްޓެލްކޯ އާއި ފެނަކައަށް ރައްޔިތުންގެ އިތުބާރު
ސުދާނާއި އިތޯޕިޔާ ފަދަ ގައުމުތަކުގައި ވެސް ގިނަ ރައްޔިތުން ތިބެނީ ނުކައެއް ނޫނެވެ. ދުވާލު ހަތަރުދަމުން އެއްފަހަރު ނަމަވެސް ކޮންމެސް އެއްޗެއް ކައިގެނެވެ. ޑަސްބިން ހާވައިގެން ކެޔަސްވާނީ ކައިގެން ތިބޭ ކަމަށްތާއެވެ. އެ ގޮތަށް ރާއްޖޭގެ ވެރިކަމަށް ރައީސް ސާލިހު ވަޑައިގެން އިރުވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ކަރަންޓް ވެސް ލިބއެވެ. އެ އުސޫލުން ރާއްޖޭގެ ހުރިހާ ރަށަކަށް ކަރަންޓް ނުލިބޭ ކަމަކަށް އެއް އިރަކުވެސް ރައީސް ވިދާޅެއް ނުވެއެވެ.
ހދ. ކުމުންދޫގައި ރައީސް ސާލިހު ވިދާޅުވީ ކީކޭކަން ޔާމީނުގެ މައުތުޕީހުން އޮޅުވާލުމަކީ އަޖައިބެއް ނޫނެވެ. ވާހަކަ އޮޅުވާލާ ފިތުނަވެރި ގޮތް ގޮތަށް ވާހަކަ ބަދަލު ކުރުމުގައި އެ ބައިގަޑު ތިބީ ކައްޒާބަށް ވުރެ ކުރީގައިކަން ނޭގޭ މީހަކު ނެތެވެ. އެކަމަކު ބުނަން ހެއްޔެވެ. ހަމަ ހަގީގަތުގައި ވެސް ރާއްޖޭގެ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓު ޔަގީންކޮށް ދެއްވީ ރައީސް ސާލިހު ސަރުކާރުންނެވެ.
ބުނަން ހެއްޔެވެ. ކަރަންޓް ދިނުމާ ކަރަންޓް ޔަގީންކޮށް ދިނުމަކީ ދެކަމެކެވެ. ތެދެކެވެ. ރައީސް ސާލިހު ވެރިކަމަށް ވަޑައިގެން އިރު ހުރިހާ ރަށެއްގައި ވެސް ކަރަންޓް ލިބެއެވެ. ގިނަ ރަށްރަށުގައި ނޯންނަނީ ބޮޑުގެރި ބޭރަށް ހިންގާހެން ކަރަންޓް ނުދާނެ ކަމުގެ ޔަގީންކަމެވެ. ކަރަންޓް ނުކެނޑުނަސް ރައްޔިތުންނަށް ނެތީ ލިބޭ ކަރަންޓް ބަލި މީހަކަށް އައިވީ ދޭހެން ނޫން ގޮތަކަށް ލިބޭނެ ކަމުގެ ޔަގީންކަމެވެ.
ގިނަ ރަށްރަށުގެ ރައްޔިތުން އަމިއްލައަށް ގައިވީދައިގެން ވިހި ތިރީސް އަހަރު ވަންދެން އެގޮތް މިގޮތުން ހިންގި ގެނދަބުޅިން ބަރާވެ ބާވެ ހަސްނެތިފައި ހުރި އިންޖީނުގެތައް ތަޅުލާ ޒަމާނީ ފެންވަރުގައި ކަރަންޓް ހިދުމަތް ގިނަ ރަށް ރަށުގައި ގާއިމު ކުރީ މި ސަރުކާރުން ނޫން ކަމަކަށް ނުހެދޭނެއެވެ. އިންޖީނުގެއިން އިވޭ ގަދަ އަޑުފައްގަޑުން ކަންފަތްތައް ބީރުވަމުން އައި ރައްޔިތުން ސަލާމަތްކުރީ މި ސަރުކާރުންނެވެ. ރަށުގެ ފެނާއި ވައި އިންޖީނުގެ ތަކުގެ ސަބަބުން ތަގައްޔަރު ވީވުން ނިމުމަކަށް ގެނައީ މި ސަރުކާރުންނެވެ.
ބޮޑުގެރި ބޭރަށް ހިންގާހެން ކަރަންޓް އައިސްގޮސް ވުމުގެ ސަބަބުން ގެދޮރުގައި ބޭނުން ކުރާ ކަރަންޓްގެ އާލާތްތައް ހަލާކުވެ އެ ތަކެތި ހޯދުމަށާއި މަރާމާތަށް ރައްޔިތުން އިރުއިރުކޮޅުން ކުރަން ޖެހުނު ހޭދަ ނިމުމަކަށް ގެނައީ މި ސަރުކާރުންނެވެ. ވައިނުޖެހޭ ދުވަހެއްގައި ބުރަފައްޗެއް އަނބުރަން އުޅޭހެން ގޭގައި އެނބުރުނު ފަންކާތައް ހަމަޔަށް އަނބުރާލަދިނީ މި ސަރުކާރުންނެވެ. ފެނަކައާއި ސްޓެލްކޯ ދިވެރާއްޖެއަށް ކަރަންޓް ޔަގީން ކޮށްދީ އެދިން ޔަގީންކަން އެދަނީ ދަމަހައްޓަމުންނެވެ. ރާއްޖޭގެ ކޮންމެ ދިމާލަކުންވެސް އެ ހަގީގަތް އެ އޮތީ ދިމާލަށް ފެންނާށެވެ. ކުރީގެ ސަރުކާރު ތަކާއި ޔާމީނަކަށް އެކަމެއް ނުވިއެވެ.
އެތައް ޒަމާނެއް ވަންދެން ސަރުކާރާ ހަވާލުނުކޮށް ރައްޔިތުން އަމިއްލައަށް ހިންގަމުން ދިޔަ އެތައް އިންޖީނުގެއެއް ރަށްރަށުގެ ރައްޔިތުން ލޮލުން ބޮލުން އެދިގެން މި ސަރުކަރާ ހަވާލުކުރީ ސަރުކާރުން ކަރަންޓް ޔަގީންކޮށް ދޭކަން ކަށަވަރު ވެގެންނެވެ. ތިރީހަކަށް އަހަރު ރަށު ރައްޔިތުން އަމިއްލައަށް ހިންގަމުންއައި ރ. އުގޫފާރުގެ އިންޖީނުގެ އެ ރައްޔިތުން ލޮލުން ބޮލުން އެދިގެން ހުސްވި އަހަރު ފެނަކައާއި ވަނީ ހަވާލުކޮށްފައެވެ. ޕީޕީއެމް މެޖޯރިޓީ ކައުންސިލެއް އޮންނަ އުގޫފާރު ކަހަލަ ރަށެއްގެ ރައްޔިތުންގެ އިންޖީނުގެ ފަދަ އިންޖީނުގެތައް އެ މީހުން ހިތުލޯބިން މި ސަރުކާރާ ހަވާލު ކުރުމުން ދައްކާދެނީ ހުރިހާ ރަށަކަށް މި ސަރުކާރުން ކަރަންޓް ޔަގީންކޮށްދީފައި ވާކަމެވެ.