އަންނިއަށް: މައިންމަގަށް ލައްގަޅޭ!
އަންނި އާއި މެދު އެމްޑީޕީ ބައެއްގެ އިހުސާސް
އާއެކެވެ. ހަމަ ނިމިއްޖެއެވެ!
ކުރީން ފެނުނީ ޔާމީނު ޕޯޑިއަމް އަކަށް އަރާ ހުރެގެން ކަރުތެރޭން ފާޑެއްގެ އަޑެއް ނެރެގެން އަންނިޔަށް މަލާމާތް ކުރާ ތަނެވެ. މިކަމުގެ ސަބަބުން ވަރަށްގިނަ ބައެއްގެ ނުރުހުން އެއިރު ޔާމީނަށް ކުރިމަތިވިއެވެ. އެމްޑީޕީގެ އެތެރެއާއި ބޭރުންވެސް އެކަމާ ރުޅިގަދަވެ ރުޅިވެރި ބަސްތައް ޔާމީނަށް ރައްދުކުރިއެވެ. އެ ދުވަސް ހިނގައްޖެއެވެ. ކުއްލިޔަކަށް މިއަދު މި ފެންނަން ފެށީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނުކުމެ އެމްޑީޕީގެ އެންމެ އިސްލީޑަރ އިބޫސޯލިހަށް ފުރައްސާރަކުރާން ފެށިތަނެވެ. މިއަދު މީހުންނަށް އެކަން މާހުތުރު ވެގެން މިއުޅެނީ އެހެންވެގެންނެވެ. ޕާޓީގެ މުގުރުން ޕާޓީގައި ތަޅާތީއެވެ.
ބައެއް މީހުން ދެކޭ ގޮތުގައި މިއަދު އަންނި އެހެރީ ހަމަ ވެރިކަމަށް މުޅީން އެނދަ ކެނޑި މޮޔަވެފައެވެ. ވެރިކަން ލިބޭތޯ ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެއޭ ބުނާ މީހުން ގިނައެވެ. ވެރިކަމުގައި ހުރިއިރު ހުރީ އެންމެހާ ރައްޔިތުންނަށް ހަމަހަމަވެ އިހުލާސްތެރިވެ ބޮޑު ހުވައެއްގެ މަތީގައެވެ. " ނުލަފާކަން ދަށްކާލާނަމޭ، ތިމަންނާ ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެއޭ " ފަދަ ކިބުރުވެރި ބަސްތައް ވެރިކަމުގެ ހުވާމަތީގައި ހުރެވެސް ގޮވާނެގި އަޑަކީ އެންމެނަށް އިވުނު އަޑެކެވެ. އެކަންކަމާ އެއިރު އެމްޑީޕީގެ ތެރެއިންވެސް ގިނަ ބަޔަކު ނުރުހުންވެ ބަސް ބުންޏެވެ. އަންނިގެ ވެރިކަން ވެއްޓި ދިޔައީ މިފަދަ ކިބުރުވެރި ކަމާ ނުލަފާކަން އިސްކުރުމުގެ ސަބަބުންނެވެ.
މިއަދު ރައީސް ސޯލިހު އެ ކުރައްވާ ކޮންމެ ކަމެއް އެއީ ނުވާކަމަކަށް ހަދައިގެން " އަންނަނީ އަންނަނީ " އޭ ގޮވަމުން އަންނި އަރާހުރެ ހަޅޭއްލަވާއިރު ތިމާގެ ހާލަތަކަށް ނުވިސްނާ ކަމަށް ގިނަ މެންބަރުން ދެކެއެވެ. ޖަލުން ސަލާމަތްވީ ކޮންބައެއް އަދި ކާކުގެ ސަބަބުންކަމެއް ވިސްނައެއް ނުލައެވެ. ތިމާ ދުނިޔޭގެ ތަންތާ އަޗާކަނޑަން އޭރު އުޅުނުއިރު ދިވެހި ރައްޔިތުން ތިމާގެ ހައްގުގައި ތެޅުނު ގަނަޔާމެދު ކުޑަކޮށްވެސް ވިސްނައެއް ނުލައެވެ. އޭގެ ނަތީޖާ އަންނިއަށް މި އަންނަނީ ފެންނަމުންނެވެ.
އެމްޑީޕީގެ އެއްވެސް މެމްބަރެއްގެ ދުލުން މީގެކުރީން އަންނިޔާ ދިމާލަށް ބަހެއް ބުނެނުލާ ތިބީކީ އަޅުދާސް ވެގެންނެއް ނޫނެވެ. ޕާޓީގެ މަސްލަހަތުގައެވެ. އެކަމަކު މިއަދު އީވާއަކާ ވައްޑޭ އަކާ ގޮވައިގެން ނުކުމެ ނަރުނެއް ގިޓައެއްގައި ކޮށްޓާފައި އެމްޑީޕީގެ މެމްބަރުންނަށް މަލާމާތްކޮށް ދުވާއިރު އަންނިގެ ހަމަ ލަދުހަޔާތް ނެތީއޭ މީހުން ނުބުނާނެ ހެއްޔެވެ؟ ނޫނެކެވެ. މިއަދު އެމްޑީޕީގެ އެތައް ހާސް މެމްބަރުންނެއް އެ ދަނީ އަންނިޔާ ދިމާލަށް ހަމަގޮވާނެ އެއްޗެއް ގޮވަމުންނެވެ. ދާދިފަހުން އޭނާގެ އެންމެ އަރިސް އަދި އާއިލާގެ ގާތް މެމްބަރު އީވާ ރަށަކަށް އަރައި އަންހެން ކަނބަލުން ތަކެއްގެ ފަހަތުން އެ މީހުންގެ ސަމާލުކަން ލިބޭތޯ ދިޔުމުން ވެސް އެއިން ކަނބަލަކު އަޅާވެސް ނުލައި ބަލާވެސް ނުލައި ދިޔަ މަންޒަރަކީ ވެސް އަންނި ސައިޒު ވެއްޖެކަން އަންގާދޭ ހެއްކެކެވެ. އެކަމަކު އަދިވެސް ކޮންމެ ވެސް ތާކުން ފައިސާގަނޑެއް ހޯދައިގެން ހަމަ މަތިހަށި ނަގާފައި އެހެރަގެން އުޚޭގޮތް ދެކިބަލާށެވެ.
މިއަދު ރާއްޖޭގެ ހަމަ ހުރިހައި ރަށަކުންހެން އެދަނީ އަންނިއަށް ނޫނެކޭ ބުނެ އެ މަންޒަރު ސާފުކޮށް ދަށްކަމުންނެވެ. ބޮޑުތަނުން ތާއީދު ވަނީ ގެއްލިފައެވެ. އެމްޑީޕީގެ މެމްބަރުން އެންމެ ރުޅި އަންނަނީ މިހާރު ދެން ޔާމީނާއި ގުޅޭނެ ކަމަށް ފާޅުގައި ބުނެ އެ އިއްވާ ބަސްތަކުންނެވެ. ކިތަންމެ ނުލަފާ ކަމެއް ދަށްކާލާނަމޭ ހީކޮށް ނުކުމެ ޔާމީނާ ގުޅުނަކަސް އެމްޑީޕީ ގިނަ މީހުންގެ ހިތަށް މިއަދަކު ހަމަ އިސްތަށްޓެކޭ ވެސް ނާރާނެއެވެ. އެ މީހުންގެ ހިތްތަކުން ދިން ލޯތްބާއި ކުރި އިހުތިރާމުގައި އަންނި ޖެހީ ކޮޅުފައިންނެވެ. އެމްޑީޕީގެ ވެރިކަން ވަށްޓާލަން ގޮވައިފިއެވެ. ގާތުގައި ތިބި މީހުން ލައްވައި އެމްޑީޕީ މެމްބަރުންނަށް ނުގޮވާކަށް އެއްޗެސް ނެތެވެ. އޭގެ ސަބަބުން އެމްޑީޕީގެ ތެރޭގައި މިހާރު އަންނިގެ އަގުވެއްޓި ނިމިއްޖެއެވެ. ދެން ދުވަހަކުވެސް އަނބުރާ އިއާދަ ނުކުރެވޭ މިންވަރަށް އަންނިއާ އޮތް ގުޅުން ކެނޑިއްޖެއެވެ. ހަމަ އަންނިގެ ސަބަބުންނެވެ. އޭނާގެ ގާތުގައި އެތިބަ ގޮތްކުޑަ ބައެއްގެ ސަބަބުންނެވެ. އަމިއްލަޔަށް ހަދައިގެން އެއުޅޭ ހަސަންކުރުސީ އެކައުންޓުގެ ސަބަބުން ވެސް މެއެވެ.
މިއަދު އަންނިއަކަށް އެމްޑީޕީއެއް މުހިންމެއް ނުވިއެވެ. އޭނާގެ ހައްގުގައި ތެޅިމަރުވި މީހުންގެ މަތީން ހަނދާން ވެސް ނެތެވެ. އަމިއްލަ އަތުން ބުދު ހަދައިގެން އަޅުކަން ކޮށް ދުއާކޮށް އެއިން ރަހުމަތައް އެދޭ ބީދައިން މިއަދު އަންނި އެ އުޅެނީ އަމިއްލަޔަށް ހަސަން ކުރުސީއެއް ހަދައިގެން އެޔަށް އަޅުކަން ކުރާށެވެ. ނަތީޖާ ވަރަށް ސާފެވެ. ހަމަ ފުލުފުލުން ބޭޒާރުވެ އިތުބާރު ގެއްލިއްޖެއެވެ. އަންނިއަކަށް އޭނާގެ ކައިރީގައި މިއަދު އެތިބަ ރަގާލި ފައްޗަކަށް ދެން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަމަ އެއްވެސް ފުރުސަތެއް ނޯންނަ މިންވަރަށް އަގުވެއްޓި ނިމިއްޖެއެވެ. އުޅެވުނު ގޮތަކުން މިއަދު ތިޔަ ޖެހެނީ އަމިއްލަ ޕާޓީގެ ތެރޭގައި ތިމާގެ ބާރުކެނޑި މައިން މަގަށް ލައްގަޅޭ ކިޔާކިޔާލަ ކިޔާލާ ހުންނާށެވެ.