މިދަނީ ވެރިކަމެއް ހިންގާ މަލަރުކޮށްލަން:ފައްޔާޒު
ނަޝީދުގެ ތާއީދާ ނުލާ ވެސް ރިޔާސީ އިންތިހާބު ރައީސް ސާލިހަށް ކާމިޔާބު ކުރެއްވޭނެ!
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވަނީ ތެދުފުޅެކެވެ. ދެ މީހުންނަށް އެއް ފަހަރާ ވެރިކަމެއް ނުކުރެއްވޭނެއެވެ. ވެރިކަން ކުރެވޭނީ ކޮންމެވެސް އެކަކަށެވެ. އަނެއްކޮޅުން އެންމެން ބޭނުންވާ ހުރިހާ ކަމެއް ހާސިލް ނުވެދާނެއެވެ. ތިމާއަށް ނެތް ވެރިކަމެއް އެމްޑީޕީން އެހެން މީހަކު ކުރަން ރައީސް ނަޝީދު އެދިވަޑައިނުގަތުމަކީ ޕާޓީގެ މައްސަލައެއް ނޫނެވެ. ދިމާވި ހާލަތެއް ދިމާވެގެން 2018ގައި އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ރާއްޖޭގެ ވެރިކަން އެ ކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ.
2008ގައި ރައީސް ނަޝީދު ކުރެއްވި ވެރިކަން އެމްޑީޕީ މެންބަރުންނާއި ދިވެހި ރައްޔިތުން ތަޖުރިބާ ކޮށްފިއެވެ. ޖެހެލުން ކުޑަކަމަށް މަޝްހޫރު އަންނިއަށް ވެރިކަން ލިބިވަޑައިގެން ވެރިކަން ކުރައްވަން އެނގިވަޑައިނުގެން ވެރިކަމުގައި ހިފަހައްޓަވާ ނުލެއްވި އިސްތިއުފާ ދެއްވިކަން އެމްޑީޕީ މެންބަރުން ހަނދާނުން ފިލާނުދެއެވެ. ބަސްނޭޙުމެއް ބަގާވާތަކަށް ފޫޅުކަނޑާ ބިޔަ ބޮޑު އެމްޑީޕީ މަގުމަތިކޮށް ހަތް އަހަރު ބިކާރީ ކުރުވި ވޭނާއި ލިބުނު އަނިޔާ ތަހައްމަލު ކުރީ އާއްމު މެންބަރުންނެވެ.
އެހެނެއް ކަމަކު 2013ގައި އެމްޑީޕީން ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ދިނެވެ. ބަގާވާތުގެ ހަމްދަރުދީއާއި މުޅި ޕާޓީގެ ވޯޓާއެކު ވެސް ރައީސް ނަޝީދަކަށް ވެރިކަމަށް ވަޑައެއް ނުގަނެވުނެވެ. 2013ގެ ރިޔާސީ އިންތިހާބު ފޭލިވުމުން ވެސް އެމްޑީޕީ 2018ގެ ރިޔާސީ ޓިކެޓް ވެސް ދިނީއެވެ. ރައީސްކަމަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމަނުވާ ހާލުކޮޅެއްގައި ހުންނަވަނިކޮށެވެ. ފަނޑިޔާރަކު ރަހީނު ކުރުމުގެ ކުށުގައި 13 އަހަރުގެ ޖަލުހުކުމެއް ގައި ހުންނަވަނިކޮށެވެ.
2018ގެ ރިޔާސީ އިންތިހާބަށް ދެމަހަށްވުރެ ކުޑަވެ ރައީސް ނަޝީދު ހުކުމެއްގައި ހުންނެވުމުން އެމްޑީޕީން ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ވަރަށް ވަގުތު ކުޑަތަން ވުމުން އެމްޑީޕީއަށް މަޖުބޫރުވީ އެހެން މީހަކަށް ރިޔާސީ ޓިކެޓް ދިނުމަށެވެ. އުކުޅަހު ކޮންގްރެސް އިން އިބްރާހީމް މުހައްމަދު ސާލިހަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ އެމްޑީޕީގައި އޭރު ހުރި އެންމެ ތަޖުރިބާކާރު އެއް ޕޮލިޓިޝަނަކީ ރައީސް ސާލިހަށް ވީތީއެވެ.
އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ރައީސް ސާލިހު ދައުލަތް ހިންގަވަމުން ގެންދަވަނީ ހަމަހަމަކަމާއި ތަފާތު ކުރެއްވުމެއް ނެތިއެވެ. ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށް ދެއްވަމުން ކޮވިޑްގެ އާލަމީ ވަބާއާއި ޔުކްރައިން ހަނގުރާމާގައި މުޅިދުނިޔެ ދުށް ކްރައިސިސް މެނޭޖް ކުރައްވަމުން ކެތްތެރި ކަމާ އޯގާތެރިކަމާ އެކުގައެވެ. ގައުމަށް އަމާންކަން ގެނުވާ ސިޔާސީ ބަދަލު ހިއްޕެވުމެއް ނެތިއެވެ. ކާމިޔާބު ރިޔާސީ ދައުރެއްގެ ފޮނި މީރުކަމުގެ މޭވާ ހޯދުމަށް ރިޔާސީ ދެވަނަ ދައުރަކަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސާލިހަށް މެންބަރު އެރުވީ އުންމީދާއި ޔަގީންކަމާ އިތުބާރާ އެކުގައެވެ.
ބަޔަކު ހީކުރާ ގޮތާއި ހިލާފަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާ ނުލާ ވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެމްޑީޕީއަށް އެ ބައޮތެވެ. އެހެނަސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އެމްޑީޕީ ބޭނުން ވަނީ ނަޝީދުގެ ތާއީދާ ވެސް އެކުގައެވެ.
ރައީސް ނަޝީދަށް ވެސް އޮތް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއެކު ހުންނެވުމެވެ. ރައީސް ނަޝީދުގެ ސިޔާސީ ހައިބަތާއި މަގްބޫލުކަން ދެމެހެއްޓުމަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯއްދަވާ ދެއްވުމެވެ. ޖަޒްބާތުގައި ޖެހި ވަޑައިގެން ގަދަ ހިފުމަކަށް ވަޑައިގެން އެމްޑީޕީ ނޫން ބަޔަކަށް ވެރިކަން ހޯއްދަވާ ދެއްވިޔަސް ރައީސް ނަޝީދަށް ކުޑައިމީސް ނުކުރާނެ ސިޔާސީ ލީޑަރެއް ދިވެހި އުޑުދަށުގައި ނެތެވެ. ރައީސް ނަޝީދަށް ހައްގު މަގާމާއި އިހުތިރާމް ހޯއްދަވާ ދެއްވާނެ ލީޑަރަކީ ހަމަ ރައީސް ސޯލިހެވެ.
އެމްޑީޕީ އެ ދަނީ އަނެއްކާ ވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމާ ދިމާލަށެވެ. ކުރިއަށް އޮތް ފަސް އަހަރު ވެސް އެމްޑީޕީން ކުރާނީ ހެޔޮ ވެރިކަމެކެވެ. އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވަނީ "އަޅުގަނޑުމެން މި ދަނީ މިނިވަން ދައުލަތެއް އަދި ރައްޔިތުންނަށް ހިދުމަތް ކުރާ ސަރުކާރެއް އަދި ސުލްހަމަސްލަސްކަމާ އެއްކޮށް ވެރިކަމެއް ހިންގާ އެ މަލަރުކޮށްލުމުގެ މަރުހަލާއަށް. އެހެންވީމަ ގާނޫނުއަސާސީން ލިބުނު މިނިވަން ކަން ހޯދަން ދިވެހި ރައްޔިތުން ކުރި ކަންތައްތަކާއި އެކަންތައްތައް ރަނގަޅަށް ހިފަހައްޓައި މިއީ ރާއްޖޭގެ އާންމު ގޮތް ކަމަށް ހެދުމަށްޓަކައި ކުރިއަށް އޮތް ފަސް އަހަރު ރައީސް ސޯލިހާ އެކީގައި ކާމިޔާބު ކުރަން " ކަމަށެވެ. ރައީސް ސޯލިހާ އެކުގައި މި މަސައްކަތުގައި ބައިވެރިވުމަށް ހުރިހާ އެންމެންނަށް އެމްޑީޕީން ގޮވާލައެވެ. އެއްވެސް މީހަކު ބާކީ ނުވުމަށް އެމްޑީޕީ އެދެއެވެ.