އެއްވެސް ރައްޔިތަކީ ސަރުކާރުގެ ދުޝްމަނެއް ނޫން!

ދައުލަތް ހިންގުމުގެ އަރާބާރުގައި ދައުލަތުގެ މުސާރަ ކައިގެން ތިބޭ މީހުން ކުރަންވާ ވަރުގެ ކަންކަމާ ނުކުރަންވާ ކަންކަން ހުންނާނެއެވެ. ދައުލަތް ހިންގަން ހަވާލުވެ ތިބޭ މީހުން ރައްޔިތުންގެ ތެރެއިން ބަޔަކާ ފާޅުގައި ޖައްސާލައިގެން އުޅުމަކީ ކުރާ ބޮޑުކުށެކެވެ. ދައުލަތުގެ ކަންކަމާ މަތިކޮށްފައި މީހުން ތިބެނީ އާއްމު ރައްޔިތުންނަށް ބިރުދައްކާ އިންޒާރުދީ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފާކަށްނޫނެވެ.
ގައުމުގެ އެއްވެސް ރައްޔިތަކީ އެއިރަކު އޮންނަ ސަރުކާރެއްގެ ދުޝްމަނެއް ނޫނެވެ. ރައްޔިތުންގެ ކަންކަމާ ހަވާލުވެގެން އުޅޭ މީހުންނަށް ރައްޔިތުން ފާޑު ކިޔާނެއެވެ. ފާރަވެރިވާނެއެވެ. ތުހުމަތު ކުރާނެއެވެ. ޝަކުވާވެސް ކުރާނެއެވެ. ހީވާ ގޮތްގޮތަށް ވާހަކަވެސް ދައްކާނެއެވެ.
އެހެނެކޭ ކިޔާ މުޅި ސަރުކާރު ނިކުމެ އެއްވާނަކަށް ރައްޔިތުންގެ ތެރެއިން ވަކިވަކި މީހުންނާއި ޖަމާއަތް ޖަމާއަތާ ދިމާކޮށްގެން ނުވާނެއެވެ. ތިމާމެންގެ އަމާނަތުގެ ގޮތުގައި ހުރި މީހުންގެ ޒާތީ މައުލޫމަތާއި ސިއްރުތައް ފާޅުކޮށްގެން ނުވާނެއެވެ. ސިޔާސީ ބޭނުމުގައިވެސް ފިތުނަ ފަސާދައަށް ސަރުކާރުން ޖާގަދީ މީހުންގެ އަބުރު ކަތިލައިގެން ނުވާނެވެ. ކަލަގޮވާ އާޑަ ފުރައްސާރަކޮށްގެން ނުވާނެއެވެ.
ސިޔާސީ ވާދަވެރިކަމުގައި ތާއީދު ހޯދުމަށްވެސް ދެކޮޅުވެރިކަމާއި ނަފުރަތަށް ޖާގަލިބޭ އެއްވެސް ކަމެއް ސަރުކާރުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި އެކަކަށްވެސް ކުރުމުގެ ހައްގެއް ނުއޮންނާނެއެވެ. އެއް ބައެއްގެ ކުރިން ވެރިކަމާއި ހަވާލުވެގެން އުޅުނު އަނެއް ބަޔަކީވެސް ހަމަ ގައުމުގެ ރައްޔިތުންނެވެ. ވެރިކަމުން ބޭރުވުމުން އެމީހުންނަކީވެސް އާއްމު ރައްޔިތުންނެވެ. ކޮންމެ އާއްމު ރައްޔިތަކީ އެއްކޮޅަސް ދެކޮޅަސް ސަރުކާރުގެ ކުރިމަތީަގއި ހަމަހަމަ ބައެކެވެ. ސަރުކާރަކީ ވަކިބައެއްގެ ސަރުކާރެއް ނޫނެވެ. ރައްޔިތުންގެ ސަރުކާރެވެ. ރުހޭ މީހުންނާއިނުރުހޭމީހުންގެވެސް ސަރުކާރެވެ. ސަރުކާރުގެ ކޮންމެ ފެންވަރެއްގެ ކޮންމެ މުއައްޒަފަކީވެސް ރައްޔިތުންގެ ހާދިމުންނެވެ.
ވެރިކަމުގައި ތިބެގެންވެސް ނުވަތަ ވެރިކަމުން ބޭރުގައި ތިބެގެންވެސް ގާނޫނާ ހިލާފަށް ކުރާކަންކަން ގާނޫނީ ހަމަތަކުގެ މަތީން ބަލާ ފިޔަވަޅު އެޅުމަކީ ސަރުކާރެއްގެ ޒިންމާއެވެ. އެއްވެސް މީހަކު ނުވަތަ ބަޔަކު ކޮށްފައިވާ ގާނޫނީ ކުށެއް ބަލާ ފިޔަވަޅު އެޅުމަށް ދައުލަތުގެ ތެރޭގައި ހަމަޖެހިފައިވާ އިންތިޒާމް ތަކުގެތެރެއިން ބަލާ ފިޔަވަޅުއެޅުމަކަށް ސަރުކާރަށް ހުރަހެއް ނުއޮންނާނެއެވެ. ގާނޫނީ އިންތިޒާމްތަކުގެ ތެރެއިން ކުރަންވާ ކަންކަން ނުކޮށްތިބެ މުޖުތަމައުގައި ނަފްރަތު އުފައްދާ ޖަދަލުކޮށް މަހާނަމައްޗަށް މަޑިއަށް ޖެހުމަކަށް ދައުލަތުގެ ކަންކަމާ ހަވާލުވެ ތިބޭ މީހުންނަކަށް ލައިސަންސެއް ނުއޮންނާނެއެވެ.
ސަރުކާރު ދިފާއުކުރާނީ ރައްޔިތުންނާ ޖަދަލުކޮށް ގެރި ޒުވާބުކޮށްގެނެއް ނޫނެވެ. ރައްޔިތުންނަށް ހިދުމަތް ދީގެންނެވެ. ލުއިފަސޭހަ ކޮށްދީގެންނެވެ. ކުރިއަށްވުރެ ރަނގަޅަށް ކަންކަން ތަރުތީބު ކުރެވި ރައްޔިތުންގެ ހިތު ލޯބި ހޯދައިގެންނެވެ. ދައުލަތުން މުސާރަދީފައި ކަންކަމާ މަތިކޮށްފައި މީހުން ތިބެނިއްޔަކީ އާއްމު ރައްޔިތުނާ ޖަދަލުކޮށް ވާދަވެރިންނާ ބަނޑު މުސާރައަށް ބައްދާކަށް ނޫނެވެ.