ދުންޔާއަށް: ރައީސްއޮފީހުގައި އިންނަވަން ފިޓީ ހަމަ އިބޫ
ތިޔަ އުޅުއްވަނީ ގެއްލުނު ލައްޒަތުގެ މަސްތުގައި އަދިވެސް ކަންފުޅެއް ވޭތޯ!
އަންތަރީހެއް ނުވާނެ ހެއްޔެވެ. ރައީސް އޮފީހުގައި އިންނަވަން ފިޓް މީހަކީ ދުންޔާއެއް ޝުއައިބު ޝާހެއް ކާނަލް ނާޒިމެއް މައުމޫނެއް ނޫނެވެ. ރައީސް އޮފީހުގައި އިންނަވަން ފިޓް މީހަކީ ރައްޔިޔިތުންގެ ތަނަވަސް އަގުލަބިއްޔަތުން އެއްބުރުން 2018ގައި ރައްޔިތުން ވެރިކަމަށް އިސްކޮށްފައި ހުންނެވި ރައީސް ސޯލިހު ނޫން ދެވަނަ މީހެއް ނޫނެވެ.
ދުންނާ މައުމޫނެވެ. ކިތަންމެހާވެސް ގަދަރުކުރަން ބޭނުމެވެ. އެއްޗެއް ނުބުނެވޭތޯ ލައްކަ ބަލަމެވެ. އެކަމަކު ތިޔަ އުޅުއްވާ ގޮތުން ދުލެއް ނެތްމީހަކު ދުލެއް ގަނެގެންވެސް އެއްޗެއް ނުބުނެވޭ ވަރެއް ނޫނެވެ. ދަންނަވަން ތޯއެވެ. ބިޑަށް ނުލައި ފަޅުތައް ބެއްސެވީ ކަމަނާގެ ހަރިޖީ ވަޒީރުކަމުގައި ކަމަނާގެ ބޮޑު ބޭބޭފުޅެވެ. އޭގެކުރިން ކަމަނާގެ ބައްޕާފުޅާ ކުޑަބޭބޭފުޅެވެ.
ރައީސް ސޮއި ކުރައްވަން ޖެހިވަޑައި ގަންނަވާ އެއްޗެއްވެސް އެނގިވަޑައި ގަންނަވަނީ ކަމަނާމެނަށް ތޯއެވެ. މިހާރު ދިވެހި ރައްޔިތުން ގެ ރައީސްއަކީ ބައްޕާފުޅެއް ބޮޑުބޭބޭފުޅެއް ނޫނެވެ. އެދުވަސް ހިނގައްޖެއެވެ. އަދި ތިޔަ އުޅުއްވާ ގޮތަކުން ކަމަނާއަކަށްވެސް ހުވަފެނެއްގައިވެސް އެހިސާބަށް ވަޑައިގެންނެވޭނެ އެކޭ ހިތެއް ނުބުނެއެވެ.
ދައުލަތުގެ ރިސޯސްގެ ވާހަކަ ދައްކަވާއިރު ކަމަނާމެންގެ އާއިލާއިން ނެއްޓިގެން މުސްތަޤުބަލުގެ ރިސޯސްއެއް ގައުމުން އެހެން މީހަކާ ހަމަޔަށް އައިސްފައި އެބަ އޮތް ހެއްޔެވެ. ހަމަ އެކައްޗެއް ނެތެވެ. ވާނީ އެހެންތާއެވެ. ތިޔައިން ކޮންމެ ބޭފުޅަކުވެސް ތިއްބެވީކީ ފުރޭޒާތުގެ ގޮނެއް ހިޕަވައިގެނެއް ނޫން ވިއްޔާއެވެ. ބައްޕާފުޅު މައުމޫނާއި ބޮޑު ބޭބޭފުޅު އިލްޔާސްއައި ބޮޑު ބޭބޭފުޅު ޔާމީނާއި ފިރިކަލުން ޝުއައިބު ޝާހު ރާއްޖޭގައި ތިބި އެންމެ މުއްސަނދި 10 މީހުންގެ ތެރޭގައި ފޯރބްސް ގުނަނީ ހަމަ އެކައްޗެއްވެސް ފަރިއް ނުކުޅުވާ ތިއްބެވީތީއެވެ.
އިނގިރޭސި ރަސްގެފާނު ޗާލްސް ރަސްކަމަށް ކޮލިލުމުގެ ރަސްމިއްޔާތަށް ރައީސް ސޯލިހުގެ ދެ ކަނބަލުން އިނގިރޭސި ވިލާތަށް ވަޑައިގެންނެވީތީ ދުންޔާ ތިޔަ ވެވަޑައިގަތީ މާ ދެރަފުޅެއް ވިއްޔާއެވެ. ވާނީ އެހެންތާއެވެ. ކުޑައިރުއްސުރެ ކަށީގެ މަދަށް ދާންދެން ދައުލަތުގެ މިލްކިއްޔާތުން ކަޅިވެފައިވާ ދުންޔާ ފަދަ ބޭފުޅުނަށް ކުރައްވާ އަސަރު ބޮޑުވާނެއެވެ. ދެރަފުޅު ވާނެއެވެ. ކަރުނަ އެޅުއްވޭނެއެވެ. އެެހެން ނޫންނަމަ ބައްޕާފުޅު ތަމްސީލު ކުރައްވަން މިއަދު އެތަނަށް ވަޑައިގެން ހުންނަވާނީ ދުންޔާ ވިއްޔާއެވެ.
ދަންނަވަންތޯއެވެ. ތިޔަ އުޅުއްވަނީ ރައްޔިތުންގެ ފައިސާ އިސްރާފު ވާތީއެއް ނޫނެވެ. ކަމަނާމެން ރައްޔިތުންނަށް ހައްގު މިންވަރު ދެއްވިނަމަ މިއަދަކު ތިޔައިން ކޮންމެ ބޭފުޅެއްގެ އެކައުންޓުގައި ބިލިއަން ފައިސާ ލަވަކިޔާލަ ކިޔާލާ ނުއޮތީހެވެ. ތިޔަ އުޅުއްވަނީ ގެއްލުނު ލައްޒަތުގެ މަސްތުގައި އަދިވެސް ކަންފުޅެއް ވޭތޯއެވެ.
ދުންޔާ މައުމޫނެވެ. ނިކަން ވިދާޅުވެ ބައްލަވާށެވެ. ކަމަނާމެންގެ ކުޑައިރުއްސުރެ ހުއްޓާނުލާ ސަރުކާރުގެ ހަރަދުގައި އިގިރޭސި ވިލާތަށާއި އެތަން މިތަނަށް ބައްޕާފުޅުމެން ބޮޑެތި ފައުޖު ގޮވައިގެން ވަޑައިގަތީ ދައުލަތުން ލޯލާރިއެއްވެސް ހަރަދު ނުކުރައްވާތޯއެވެ. ކަމަނާއާއި އާއިލީ ބޭފުޅުން އިގިރޭސިވިލާތާއި އެތަން މިތަނުގައި ތިއްބެވީ ދައުލަތުގެ މިލްކިއްޔާތަކީ ވާރުތަ މުދަލަށް ވެގެންތޯއެވެ. ހާރިޖީ ވަޒީރު ކަމުގައި ހުންނެވި އިރު ޒޫމް ކޯލަކުން ކަންކަމުގައި ބައިވެރިވެ ވަޑައި ނުގެން ދުނިޔޭގެ އެތަން މިތަނަށް އުދުހި ވަޑައިގަތީ ދައުލަތުގެ މާލިއްޔާއަކީ އަމިއްލަފުޅު މިލްކަކަށް ވާތީތޯއެވެ.