ޗާގޯސް ރާއްޖެތަނަކަށް ވެއްޖެނަމަ ފައްޅިއަޅަން ހުއްދަދޭން މަޖުބޫރުވާނެ: ނިހާދު

ނުބައި މަގްސަދުގައި ރާއްޖޭން ބައެއް ގެއްލިއްޖެއޭ ކިޔާ ދައްކާ ވާހަކަ ހުއްޓުވަންޖެހޭ

ޗާގޯސް ރާއްޖެތަނަކަށް ވެއްޖެނަމަ ފައްޅިއަޅަން ހުއްދަދޭން މަޖުބޫރުވާނެ: ނިހާދު

ޗާގޯސް ވާހަކަ އަކީ ރާއްޖޭގައި ބޭނުން ދީނަކަށް އުޅުމުގެ ދީނީ މިނިވަންކަން ގެންނަން ހިންގާ ޖަރީމާއެއް ކަމަށް އައްޑޫ ފޭދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ މުހައްމަދު ނިހާދު ވިދާޅު ވެއްޖެއެވެ. އިއްޒަތްތެރި މެންބަރ ނިހާދު ވިދާޅުވަނީ ޗާގޯސް ރާއްޖެ ތަނަކަށް ވާހިސާބުން ފައްޅިއަޅަން ހުއްދަ ދިނުން މަޖުބޫރު ވާނެކަމަށެވެ.

މެންބަރ ނިހާދު އިތުރަށް ތަފްސީލްކޮށް ދެއްވަމުން ވިދާޅުވީ " އެ ނުބައި މަގްސަދުގައި ރާއްޖޭން ބައެއް ގެއްލިއްޖެއޭ ކިޔާ ދައްކާ ވާހަކަ ހުއްޓުވަންޖެހޭ" ކަމަށެވެ. އިސްލާމް ދީން ނޫން ދީނަކަށް ރާއްޖޭގައި ފުރުސަތުނެތް ކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.

ޗާގޯސްގެ ރައްވެހިން ކަމުގައިވާ " ޗާގޯސިއަންސް" އަކީ ކްރިސްޓިއަނުންނެވެ. ރާއްޖޭގެ ބަޔަކަށް ޗާގޯސް ވެއްޖެނަމަ އެތާނގެ ރަށްވެހިން ވެގެންދާނީ ރާއްޖޭގެ ރައްޔިތުންނަށެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ދައުލަތެކެވެ.