ހިލޭއެހީއާއި ނުލައި ދައުލަތް ހިންގަން އިބޫ ވަރެއްނެތް

އެހީ ނުލިބި މާލިއްޔާ މެނޭޖްކޮށް ކަންކަން ކުރެވެނީ ވަރަށް މޮޅު ވީމަ!

ހިލޭއެހީއާއި ނުލައި ދައުލަތް ހިންގަން އިބޫ ވަރެއްނެތް

މިދިޔަ އަހަރުން ފެށިގެން ފާހަގަވާ ކަމެއް އެބައޮތެވެ. އެއީ ދައުލަތުގެ ބަޖެޓްގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި އޮންނަ ވަރަށް ހިލޭ އެހީ ނުލިބޭ ކަމަށް ބުނެ،  އިދިކޮޅަށް ވަފާތެރި ފަރާތްތަކުން ކުރާ އުފަލެވެ. 

ހަފްތާއެއް، މަހެއް ފާއިތުވާ އިރަށް ދަނޑިމަހަކަށް ހަދައިގެން އެ ވާހަކަ ދައްކަން ފަށައެވެ. ހިލޭ އެހީގެ ގޮތުގައި އެވެނި މިވެނި ވަރު ދައުލަތަށް ލިބޭނެ ކަމަށް ބަޖެޓްގައި ލަފާ ކޮށްފައި އޮވެމެ، މުކޮސް ނުލިބުނޭ ކިޔާ ފާޅުކުރާ އުފަލެވެ.

މި އަހަރު ވެސް އެ ލަވަ ފަށައިފިއެވެ. އަހަރުގެ ފުރަތަމަ ދުވަސް ނިމުނު އިރު ލަފާކުރި ވަރަށް ހިލޭ އެހީ ނުލިބިގެން އެ މީހުން ވަނީ އަމަށަކު އުފަލެއް ނޫނެވެ. ގައުމު ބަނޑަށް ޖެހުމާއި، ރިޒާވް ހުސްވެ ރައްޔިތުން ހައިހޫނު ކަމުގައި އުޅޭތަން ބަލާހިތުން އަބަދާ އަބަދު ތިބެނީ ސިމި ސިމި ލައްވަން ކުޅު ދިޔާކޮށްގެން ފޫޓަކަށް ދޫނެރެގެން ދެ ކަންފަތްގަނޑު ވައްޓާލައިގެންނެވެ.

އޯކޭއެވެ! ހިލޭ އެހީއެއް ނުލިބެއެވެ. އެ ނުލިބި ދައުލަތުގެ މާލިއްޔާ މެނޭޖްކޮށް ކަންކަން ކުރަނީ ރައީސް ސާލިހު ވަރަށް މޮޅު ވީމައެވެ.

ކޮވިޑަށް ދުނިޔެ ހުއްޓުނު އިރު ރާއްޖެ ދުއްވައިގަތީ އިހުނަށް ވުރެ ބާރަށެވެ. ރެސޯރޓްތައް އޯވަރ ބުކްވެގެން އޮޔާދާ ގެސްޓުން ހޮވަން ކޯސްޓްގާޑް ނުކުންނަން  ނުޖެހޭތީ ނަސީބެކެވެ. ކުޑަ ރަށެއް ބޮޑު ރަށެއް ފަޅު ރަށެއް ނުބަލާ ހުރިހާ ރަށެއްގައި ހިންގާ އެންމެ މަޝްރޫޢަކަށް ހުއްޓުމެއް ނައެވެ. ރިޒާވް ހުހެއް ނުވިއެވެ. ރައްޔިތުން ބަނޑަކަށް ނުޖެހެއެވެ. ﷲގެ ރަހުމަތްފުޅު ކިތަންމެހާވެސް ބޮޑީއެވެ. 

އެއްބަހެވެ. ހިލޭ އެހީއެއް ނުލިބެއެވެ. ސީރިއާ އާއި ތުރުކީއަށް ވެސް އެންމެ ފަހުން އެހީ ދިނީ ރާއްޖޭންނެވެ. އަޅެ ރައީސް އިބޫ ސާލިހަށް ވުރެ މޮޅު، އެ އަށްވުރެ ގަދަ ލީޑަރަކު އެބަހުރި ހެއްޔެވެ؟ ނެތެވެ.