ސްކޭމެއް ނުހިގާ: ހައްޖު ކޯޕަރޭޝަންގެ އެމްޑީ ފެތުރީ ދޮގެއް!؟
ސިޔާސީ ފިކުރު ދިމާނުވާތީ ހިންގާލި އަބުރު ކަތިލުމެއް؟
ސަރުކާރުގެ އިސް މަގާމުތަކުގައި ތިބެގެން އެއްވެސް އަސާސެއްނެތި އާދައިގެ ރައްޔިތުންގެ އަބުރު ކަތިލުމަކީ ޒިންމާދާރުކަން ކުޑައަމަލެކެވެ. މީހެއްގެ ބޮލުގައި ދޮގު ތުހުމަތެއް އަޅުވާ އޭނާގެ ޒިންދަގީ ދުއްވާލުމަކީ ފިސާރި ގޮތް ކުޑަކަމެކެވެ. އާއިލާއަކަށް ދެވޭ އިޔާދަ ނުކުރެވޭ ވަރުގެ ބޮޑުގެއްލުމެކެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްްމަދު ޝަކީލްގެ ނަމުގައި ފައިސާ ހޯދަން ސްކޭމް ކޯލްތަކެއް ވަކި މީހަކު ކުރަމުން ދާކަމަށް ބުނެ އެކްސްގައި މީހުންގެ ސަމާލުކަމަށް ގެނައުމުގެ ނަމުގައި ފެތުރީ ބުހުތާން ދޮގެކެވެ. ޝަކީލް ސިފަކުރާވަރު ބޮޑު ސްކޭމެއް ހިންގަނީ ކާކުކަން އެނގިހުރެ ފުލުހުގައި މައްސަލަ ޖެއްސިކަމަށްބުނެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރުމުން ސުވާލު އުފެދި އޭގެ ހަގީގަތް މިނޫހުން ހޯދާލީމެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްްމަދު ޝަކީލްގެ ނަމުގައި ފައިސާ ހޯދަން ސްކޭމް ކޯލްތަކެއް ކުރާކަމަށް ޝަކީލް ބުނާ މީހަކީ ޝަކީލްގެ އާއިލާއާ އެއްދުވަސް ވަރެއްގައި ކައިވެނީގެ ގޮތުން ގުޅުމެއް އޮތް މީހެކެވެ. ވަރަށް ކުރިއްސުރެ ޝަކީލާ ގާތްގުޅުމެއް އޮތް ރައްޓެއްސެކެވެ.
އިރެއްގައި ގާތް ގުޅުމެއް އޮތްނަމަވެސް އޭނާއާއި ޝަކީލާ ދެމެދު ފައިސާގެ އެއްވެސް ގުޅުމެއް ހިންގާފައެއް ނުވެއެވެ. ޝަކީލު ބުނެގެންވެސް އަދި އެނޫން ގޮތަކަށް ވެސް ޝަކީލާ ގުޅޭ އެއްވެސް ފައިސާގެ މުއާމަލާތެއް އޭނާ ހިންގާ ދީފައިނުވެއެވެ. ޝަކީލަށް އެނގިގެންވިޔަސް ނޭގިވިޔަސް ޝަކީލުގެ ނަން ބޭނުން ކޮށްގެން އެއްވެސް މުއާމަލާތެއް އެކާކަވެސް އޭނާކޮށްފައެއް ނެތެވެ.
އޭނާއާއި ޝަކީލަކީ ރައީސް ޔާމީނު އަރިހުގައި ޕީޕީއެމްގައި ވަރަށް ގާތުން މަސައްކަތް ކޮށްފައިވާ ދެމީހުންނެވެ. ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން ސިޔާސީ ގޮތުން ހިޔާލު ތަފާތުވެ ދެމީހުން މަސައްކަތް ކުރަނީ ދެ ޕްލެޓްފޯމްގައެވެ. ޝަކީލް މުއިއްޒު އަރިހުގައެވެ. އޭނާ މަޑުކޮށްގެން ހުރީ ރައީސް ޔާމީނާ އެކުގައެވެ. އެނޫން އެއްވެސް ހިޔާލު ތަފާތުވުމެއްވެސް އަދި ތަފާތު ގާތްކަމެއް ވެސް ނޯވެއެވެ. އެހެން ކަމުން މިކަމަކީ ސިޔާސީ ބަދަލު ހިފާލުމެއްކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.
އޭނާ ހުރީ އަހާލުމެއް ކަހާލުމެއްނެތި އެފަދަ ވާހަކައެއް ސޯޝަލް މީޑިއާގައި ޝަކީލް ހާމަކުރީތީ ހައިރާންވެ ސުވާލު އުފެދިފައެވެ. އޭނާ ބުނާގޮތުން އެވަރުގެ މަގާމެއްގައި ހުރި މީހަކަށް އެހާ ފާޅުކަން ބޮޑުކޮށް ސްކޭމް ހިންގާ މީހާ އެނގޭއިރު ސޯޝަލް މީޑިއާގައި އެ ވާހަކަ ޕޯސްޓްކުރަން ޖެހޭ ސަބަބެއް ނެތެވެ. ބަޔަކު ދެއްކި ވާހަކައެއް ގަބޫލުކޮށްގެ ޝަކީލު ކުރި ކަމެއް ނަމަވެސް ހަގީގަތް ނުބަލާ އެވަރުކަމެއް ކުރީތީ އޭނާއަށް ވަނީ ވަރަށް އަސަރު ކޮށްފައެވެ. ޝަކީލް ސޯޝަލް މީޑިގައި ކުރި ޕޯސްޓްގައި ފުލުހަށް ރިޕޯޓް ކުރިކަމަށް ބުނެފައިވީ ނަމަވެސް ކަމަކީ ޝަކީލު އުފައްދައިގެން އުޅޭ މައްސަލައެއް ކަމަށް ބެލެވެއެވެ.
ޝަކީލު ތުހުމަތު ކުރާ މައްސަލައާއި ގުޅޭގޮތުން ފުލުހުންގެ އިދާރާއިން އެއްވެސް ހަބަރެއް ތުހުމަތު ކުރެވޭ މީހާއަށް އަދި ވެފައިވާ ކަމަކަށް ނުވެއެވެ. އެކަމާއި ގުޅިގެން ހީރަސް ނިއުސް އިން މިއަދުގެ 2.23 ގައި ކުރި ސުވާލަށް ވެސް ފުލުހުން ޖަވާބު ދާރީވެފައި އަދި ނެތެވެ. ބޮޑަށް ވައްތަރީ އެ މައްސަލަ ފުލުހުގައި އޮތުމަށް ވުރެ ނެތުމެވެ.
ހޭބުއްދި ވާމީހަކު އެހާ ފާޅުކަން ބޮޑުކޮށް ކާކުކަން އެނގިގެން ސްކޭމެއް ހިންގަފާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ވަކިމީހެއްގެ ނަމާއި އެޑްރެހާއި ފޯނު ނަންބަރ ހާމަކޮށް ސްކޭމެއް ހިންގާކަމުގެ ތުހުމަތު މީހެއްގެ މައްޗަށް ހައްޖު ކޯޕަރޭޝަންގެ އެމްޑީ ކުރާއިރު ޝަކީލާގުޅޭ ހިޔާނާތުގެ ތުހުމަތުތަކެއް ފެންމަތިވާން ވަނީ ފަށާފައެވެ. އަނެއްކާ މިއީ އެކަމުގެ އަޑު ކަނޑުވާލަން މިސްކިތް ހުޅުޖެހި މީހާ ހެދެނީކީ ނޫންބާވައެވެ.