ނުދިޔަސް ނުދާވަރެއް ނޫން!

ފަތުރުވެރިން އެންމެ ނުދާ ގައުމުތައް

ނުދިޔަސް ނުދާވަރެއް ނޫން!

ދުނިޔޭގެ ފަތުރުވެރިކަން އިންތިހާއަށް ފުޅާވެފައި އޮތަސް ވަރަށް މަދުންނޫނީ މީހުން ގޮސް ނޫޅޭ ގައުމުތައް އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ. ދުނިޔޭގައި އެންމެ މަދުން މީހުން ގޮސްއުޅޭ ގައުމު ތުވާލޫގެ ވާހަކަ މީގެކުރިން ވާނީ ގެނެސް ދީފައެވެ. ތުވާލޫ ނޫނަސް އެހެން ކިތަންމެ ގައުމެއް އެލިސްޓްގައި ހިމަނާ ލެވިދާނެއެވެ.  ކިތަންމެ މަދުން މީހުން ޒިޔާރަތް ކުރި ނަމަވެސް، އެ ގައުމުތަކަކީ ތަފާތު ތަޖުރިބާތައް ކުރުމަށާއި ގުދުރަތީ މަންޒަރުތަކުގައި އެހެން ގައުމުތަކަށް ދޫކުރާ ވަރުގެ ތަންތަނެއް ނޫނެވެ.

މާޝަލް އައިލެންޑްސް

މާޝަލް އައިލެންޑްސްއަކީ ޕެސިފިކް ކަނޑުގައި އޮންނަ އަގުހުރި މުތެއް ފަދަ ގައުމެކެވެ. މި ގައުމަށް ކޮންމެ އަހަރަކު ގާތްގަނޑަކަށް 6100 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. މާޝަލް އައިލެންޑްސްގެ ހިތްގައިމު ފަރުތަކާއި މުއްސަނދި ކަނޑުގެ ދިރުންތަކުން މި ގައުމަކީ ފީނާ މީހުންނާއި ސްނޯކަލް ކުރާ މީހުންނަށް ސުވަރުގެއެކެވެ. އެތަނުން ފެންނަން ހުރި ދެވަނަ ބޮޑު ހަނގުރާމައިގެ އާސާރުތައް ކަމުގައިވާ ފެނުއަޑީގައި މަށި ޖަހާފައިވާ ކަނޑުގެ އުޅަނދު ފަހަރާއި މަތިންދާބޯޓު ފަހަރު ފަދަ ތަކެތި ހުރުމުން ކަނޑުއަޑީގެ ތަޖުރިބާތައް އިތުރަށް ފުރިހަމަވެއެވެ. ގުދުރަތީ ރީތިކަން ހުރި ނަމަވެސް މާޝަލް އައިލެންޑްސް އޮންނަލެއް ދުރުކަމާއި ވަސީލަތްތައް މަދުކަމުން ދަތުރުކުރާ ފަތުރުވެރިންގެ އަދަދު ގިނަ ނުވަނީއެވެ.

ނިއުއޭ

ނިއުއޭ އަކީ ދެކުނު ޕެސިފިކްގައި އޮންނަ ކުޑަކުޑަ ޖަޒީރާ ގައުމެކެވެ. ނިއުއޭ އަށް އަހަރަކު ގާތްގަނޑަކަށް 10،200 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ނިއުޒިލޭންޑުގެ އަމިއްލަ ވެރިކަމެއް އޮންނަ ގައުމެކެވެ. ހިލަތޮށިތަކާއި، ފުޅާކޮށް ފެތުރިފައިވާ ހޮހޮޅަތަކުގެ ވިއުގަތަކާއި، ސްނޯކަލިންގ އާއި ޑައިވިންގއަށް އެންމެ އެކަށީގެންވާ ސާފު މޫދުތައް އެތާނގައިވެއެވެ. ނިއުއޭގެ މަޑުމައިތިރި މާހައުލާއި، މަދު އާބާދީއާއި، ވިޔަފާރީގެ ގޮތުން ވަރަށް ކުޑަކޮށް ތަރައްގީވެފައިވާ އޮތުމުން ތަނަކީ ވަރަށް ހަމަ ހިމޭން ތަނެކެވެ. މީހުން ގިނަ ފަތުރުވެރި މަންޒިލުތަކުން ދުރުވެލާ ހިތްހަމަޖެހުން ހޯދާލުމަށް ރަނގަޅު ތަނެކެވެ. ތިމާވެށްޓާ ރައްޓެހި ފަތުރުވެރިކަމަށްދޭ އިސްކަމުގެ ސަބަބުން ތަނުގެ އަސްލު ތަބައީ ރީތިކަން އެތާނގައި ދަމަހައްޓައެވެ.

ކިރިބަތީ

ކިރިބަތީއަކީ ޕެސިފިކް މެދުގައި އޮންނަ 33 އަތޮޅާއި ފަރުތަކުގެ ރަށްތަކަކުން އެކުލެވިގެންވާ ގައުމެކެވެ. މި ގައުމަށް އަހަރަކު ގާތްގަނޑަކަށް 12،000 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ކިރިބަތީ މަޝްހޫރުވެފައިވަނީ އެތަނުގެ ހާއްސަ ސަގާފީ ތަޖުރިބާތަކާއި ހިތްގައިމު ކަނޑުގެ މަންޒަރުތަކުންނެވެ. ކިރިބަތީގައި ގިލްބަރޓް އައިލެންޑްސް އާއި ފީނިކްސް އައިލެންޑްސް އާއި ލައިން އައިލެންޑްސް ފަދަ ހާއްސަ ތަންތަން ހިމެނެއެވެ. މީގެ ތެރޭގައި އާދަކާދައިގެ މަތީގައި ދިރިއުޅޭ ރަށްފުށުގެ ދިރިއުޅުމާއި، ދުނިޔޭގެ ފެންވަރުގެ މަސްވެރިކަމާއި، ދޫނި ބެލުން ހިމެނެއެވެ. ކިރިބަތީއަކީ ދުރުގައި އޮންނަ މަދުން ވައިގެ ދަތުރުފަތުރުގެ ގުޅުންތަކެއް އޮތް ތަނެކެވެ. ގުދުރަތީ މާހައުލަށް ލޯބިކުރާ ދަތުރުވެރިންނަށް އަސްލު ގޮތުގައި ފައިދާހުރި ތަޖުރިބާއެއް ކިރިބަތީ ހޯދައިދެއެވެ.

މައިކްރޮނީޝިއާ

މައިކްރޮނީޝިއާގެ ފެޑެރޭޓެޑް ސްޓޭޓްސްއަކީ އަހަރަކު ގާތްގަނޑަކަށް 18،000 ފަތުރުވެރިން ޒިޔާރަތްކުރާ، ހުޅަނގު ޕެސިފިކް ކަނޑުގައި 600 އަށްވުރެ ގިނަ ރަށް އެކުލެވޭ ޖަޒީރާ ގައުމެކެވެ. މަޝްހޫރު ބްލޫ ހޯލް އާއި ޗުކް ލެގޫންގައިވާ ޖަޕާނުގެ ނަގިލި އޮޑިފަހަރު ފަދަ އާދަޔާ ހިލާފު ފީނުމަށް މަޝްހޫރު މި ގައުމަކީ ކަނޑުއަޑީގެ ތަޖުރިބާ ހޯދަން ބޭނުންވާ މީހުންނަށް ސުވަރުގެއެކެވެ. ޖަޒީރާތަކުގެ ތަފާތު ސަގާފަތްތަކާއި، ފެހިކަން ގަދަ ގުދުރަތީ މަންޒަރުތަކާއި، ތާރީހީ ތަންތަން ހުރުމުން ދަތުރުވެރިންނަށް މުއްސަނދި އަދި އެހާމެ ތަފާތު ތަޖުރިބާތަކެއް ލިބެއެވެ. ނަމަވެސް، ޖޯގްރަފީގެ ގޮތުން އެކަހެރިވެފައިވާ ސަރަޙައްދެއްގައި އޮތުމުން މައިކްރޮނީޝިއާއަކީ އަދިވެސް ގިނަ ބަޔަކު ދަތުރުކުރާ ތަނަކަށް ނުވެއެވެ.

މޮންސެރާޓް

މޮންސެރާޓަކީ ކެރިބިއަން ކަނޑުގައި އޮންނަ ކުޑަ ޖަޒީރާއެކެވެ. މި ރަށަށް އަހަރަކު ގާތްގަނޑަކަށް 19،300 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ބްރިޓިޝް އޯވަރސީސް ޓެރިޓަރީއެއް ކަމުގައިވާ މި ރަށް މަޝްހޫރުވެފައިވަނީ އޭގެ ހަރަކާތްތެރި ބޮޑު އަލިފާން ފަރުބަދަ ކަމުގައިވާ ސޫފްރިއޭ ހިލްސް އިންނެވެ. މި އަލިފާން ފަރުބަދައިގެ ސަބަބުން 1990 ގެ އަހަރުތަކުގައި ރަށުގެ ސިފަ ވަރަށް ބޮޑަށް ބަދަލުވެގެން ދިޔައެވެ. އަލިފާން ފަރުބަދައިގެ ހަރަކާތްތަކުގެ ސަބަބުން ރަށުގެ ފެހިކަން ގިނަ ސަރަހައްދުތަކާއި އަޅާކިޔާއިރު ރަށުގެ ދެކުނު ސަރަހައްދުގައި ހުންނަ އަޅިން ނިވާވެފައިވާ ބިންތަކާ ވަރަށް ބޮޑު ތަފާތެއް ފެންނަން ހުރެއެވެ. މޮންސެރާޓްގައި ފަރުބަދައަށް އެރުމާއި ފީނުން ހާއްސައެވެ. 'ކެރިބިއަންގެ ޕޮމްޕެއީ' ކަމަށް ބުނެވޭ ވަޅުލެވިފައިވާ ސިޓީ ބަލައި ދަތުރުކުރުމުގެ ފުރުސަތު ލިބެއެވެ. މި ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވެފައިވަނީ އަލިފާން ފަރުބަދައިގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާތީ އާއި ރަށަށް ދަތުރުކުރުމުގެ ފުރުސަތުތައް މަދުވުމުގެ ސަބަބުންނެވެ.                  

ސޮލޮމަން އައިލެންޑްސް

ސޮލޮމަން އައިލެންޑްސްއަކީ އަހަރަކު ގާތްގަނޑަކަށް 29،000 ފަތުރުވެރިން ޒިޔާރަތްކުރާ ތަނެކެވެ. ދެކުނު ޕެސިފިކްގައި އޮންނަ ހިތްގައިމު ފަޅުތަކެއް އެކުލެވޭ ގައުމެކެވެ. ގާތްގަނޑަކަށް 1،000 ރަށް ހިމެނޭ މި ގައުމުގައި ރީތި މުރަކަތަކާއި، ދެވަނަ ބޮޑު ހަނގުރާމައިގެ އާސާރުތަކާއި، ދިރުންހުރި އަސްލު ރަށްވެހި ސަގާފަތްތައް ފެންނަން ހުރެއެވެ. މި ޖަޒީރާތައް އޮތީ ވަރަށް ދުރުގައި ކަމަށްވުމުންނާއި ފަތުރުވެރިކަމުގެ ވަސީލަތްތައް އެހާ ތަރައްގީވެފައި ނެތުމުން މިތަނަށް ޒިޔާރަތްކުރާ މީހުންގެ އަދަދު މަދެވެ. ނަމަވެސް މިތަނަށް ދަތުރުކުރާ މީހުންނަށް ލިބެނީ އިންސާނުންގެ ބީހިފައިވުވާ ގުދުރަތީ ރީތިކަމާއި މުއްސަނދި ސަގާފީ ތަޖުރިބާތަކެވެ. ސޮލޮމަން އައިލެންޑްސްއަކީ ތިމާވެއްޓަށް ލޯބިކުރާ ފަތުރުވެރިންނަށާއި ތާރީހަށް ޝައުގުވެރިވާ މީހުންނަށް ވަރަށް އެކަށީގެންވާ ތަނެކެވެ.