ހެޔޮވެރިކަން: މި ސަރުކާރުގެ ތަފާތު ފުޅަދޫން ފެނޭ
ފުޅަދޫ ފެނުގެނިޒާމް ފަށަން ފެނަކަ ތައްޔާރު ވަނީ
އާބާދީގެ ގޮތުން މަދުން މީހުން ދިރިއުޅޭ ރަށްރަށަކީ އިހު ޒަމާނުއްސުރެ އަސާސީ ހިދުމަތްތަކުން މަހުރޫމުކޮށްފައި އޮންނަ ރަށް ތަކެކެވެ. ރައީސް ސާލިހު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގަންނަވަން ދެން އެކަން އޮތީ އެ ގޮތަށެވެ. އެހެން ހުރިހާ ވެރިންނާ ރައީސް ސޯލިހުގެ ތަފާތަކީ ތަފާތު ނުކުރުމެވެ. އެއްވެސް ތަފާތެއް ނެތި ކޮންމެ ދިވެހި ރައްޔިތަކަށް އެ މީހަކު ދިރިއުޅޭ ރަށަކުން އަސާސީ ހިދުމަތްތައް ލިބެންވާނެ ކަމަށް ރައީސް ސާލިހު ދެކިވަޑައި ގަންނަވައެވެ.
އަބާދީ ކުޑަބޮޑު މިނެއް ރަށުގެ ސައިޒެއް އެ މަނިކުފާނަކަށް މުހިންމެއް ނޫނެވެ. އެ މަނިކުފާނަށް މުހިންމީ ދިވެހިރައްޔިތު މީހާއެވެ. އެ މީހާއަށް އަސާސީ ހިދުމަތް ލިއްބައި ދިނުމެވެ. ފަސޭހަ ކަމާއެކު ކޮންމެ ރަށަކަށް ލަފާ ފުރޭނެ ގޮތްވުމެވެ. ރައްކާތެރި ގޮތުގައި ބޭނުންވާ މިންވަރަށް ކަރަންޓުގެ ހިދުމަތް ކަށަވަރުކޮށް ދިނުމެވެ. ސާފުތާހިރު ރައްކާތެރި ފެނާއި ނަރުދަމާ ޔަގީންކޮށް ދިނުމެވެ. ކުދިކުދި އާބާދީތައް ބާކީ ނުކުރުމެވެ.
ބ. އަތޮޅު ފުޅަދޫއަކީ ކުޑަކުޑަ އާބާދީ އަކަށް ވިޔަސް މުރާލި މަސައްކަތެރި ރައްޔިތެއް އުޅޭ ރަށެކެވެ. ދުނިޔެ ހެއްދެވީއްސުރެ އެ ރަށަށް ލަފާ ފުރޭނެ ގޮތެއް ނޯވެއެވެ. ހުޅަނގު މޫސުމުގައި އެ ރަށު މީހުންނާ އެ ރަށަށް ދާ އެހެން މީހުން ވެސް ދާން ޖެހެނީ އެއްފަޅުގައި އޮންނަ ގޮއިދޫ ނެރަށެވެ. އިރުވާ މޫސުމުގައި އެ ފުޅަދުއަށް ދާން ވަންނަން ޖެހެނީ ދޮރުކަނޑުންނެވެ. ދޮރުކަނޑުން ވަންނަ "ދެސިލިންޑަރ" ގެ ދޯންޏަކަށް އެ އެރަށާ ކައިރި ކުރެވޭނީ ބައިގަޑިއެއްހާ އިރުންނެވެ. ގޮއިދޫ ނެރުން ވަނަސް އެ ރަށަށް ފޯރަނީ ވިއްސަކަށް މިނިޓުންނެވެ. ބޮޑު ދިޔައިގައި ނޫނީ ގޮއިދޫ ނެރުން ވަދެގެން އާދައިގެ މަސް ދޯންޏަކަށް ވެސް ފުޅަދުއަށް ދިޔު މަކީ މުސްތަހީލު ކަމެކެވެ. އިރުވާ މޫސުމުގައި ގޮއިދޫ ނެރުން ވަނުމަކީ ކުޅަދާނަ ކަމެއް ނޫނެވެ.
ރައީސް ސާލިހުގެ ސަރުކާރު ފެށުނު ފަހުން ފުޅަދޫގެ ލަފާފުރުމުގެ ހިތްދަތި ވޭންދެނިވި މައްސަލަ ހައްލުކޮށް ދެއްވައިފިއެވެ. އެ ރަށު ރައްޔިތުން ހުވަފެނުން ވެސް ނުދެކޭ ފަދަ ޒަމާނީ ބަދަރެއް އެ ރަށުގައި ހައްދަވާ ދެއްވައިފިއެވެ. އެ ރަށަށް ވަދެ ނިކުމެ އުޅުމުގައި އެއްވެސް ދައްޗެއް މިހާރަކު ނެތެވެ. ގޮއިދޫ ނެރާ ދޮރުކަނޑު މަތިން އެ ރަށު މީހުން ހަނދާން ނެތިއްޖެއެވެ.
ފުޅަދޫ ބަނދަރު: މަސައްކަތް ހިނގަމުން ދިޔައިރު
ރަށު ރައްޔިތުންގެ ލެޔާއި ދާ އޮހުރުވައިގެން އަމިއްލަ ފަރާތެއްގެ އެހީތެރިކަމުގައި ފަށައިގެން، ފެން ގޮތެއްގައި ދެމުން އައި ކަރަންޓްގެ ހިދުމަތަކީ ގެސްޓު ހައުސް ވިޔަފާރި ތައާރަފު ވުމާއެކު ބަލިމީހަކަށް އައިވީ ދޭ އުސޫލުން ލިބޭ އެއްޗަކަށް ބަދަލުވެ ބޮޑެތި ގެއްލުންތަކާ ކުރިމަތިވީ ވުން ވެސް މި ވެރިކަމުގައި ހައްލުކޮށް ދެއްވައިފިއެވެ. ފެނަކައިން އެންމެ މި ޒަމާނުގެ އިންޖީނުގެއެއް ބިނާކޮށްދީ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީފިއެވެ.
ފުޅަދޫ އިންޖީނުގެ
އަނެއް ކޮޅުން ފުޅަދޫގެ އަޑީ ފެން ލޮނު ކަމުން ބޯން ކަމުދާ ވަރެއް ނޫނެވެ. ހަނިހަނި ރަށެއް ކަމުން ފަހާނާ ޖަންގްސަން ތަކުގެ ފެން ބިމަށް ހިނދި އެ ލޮނުފެން ފަށަލަ ވެސް މިހާރު އޮތީ ނަޖިހުން ތަގައްޔަރު ވެފައެވެ. ސަރުކާރު ތަކުން އިހުމާލު ކޮށްލާފައި އޮތް ފުޅަދޫ ކަހަލަ ކިތަންމެ ރަށެއް ރާއްޖޭގައި އޮތެވެ.
ބ. ފުޅަދުއަކީ މުޅި ދުނިޔެއަށް މަޝްހޫރު ޓޫރިސްޓް ޑެސްޓީނޭޝަނެކެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ގެސްޓް ހައުސް ވިޔަފާރިއަށް ފުޅަދޫ ވަރު ރަށެއް މަދު ވާނެއެވެ. އެ ރަށަށް ލަފާ ފުރުން ފަސޭހަވެ ކަރަންޓް ޔަގީންވެ ސާފުފެން ލިބުމަކީ އަސާސީ ހިދުމަތްތައް ޔަގީން ކޮށްދިނުމާ އެއްވަރަށް ރާއްޖޭގެ އިގްތިސާދީ މަންފާއަށްޓަކާ ވެސް ކުރުން ލާޒިމު ކަމެކެވެ.
މަދުން މީހުން ދިރިއުޅޭ މި ފަދަ ކުދި އާބާދީތަކަށް ހަމަހަމަ ސިޔާސަތެއް އެކުލަވާލާ، ރާއްޖޭގައި އޮތް މީގެ ބައެއް ރަށްރަށުގައި ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް ހިދުމަތްދޭން ވަނީ މި ވެރިކަމުގައި ފަށާފައެވެ. މި އާއެކު ބ. ފުޅަދޫ ރައްޔިތުންގެ އުންމީދުވެސް އައުވެގެން ދިޔައެވެ.
ފެން ތަގައްޔަރު ވެފައިވާ ފުޅަދޫއަކީ ހިތްގައިމު ދޮންވެލި ފިނޮޅުތަކާއި ކަނޑުގެ ދިރުމުގެ މުއްސަނދި ކަމެއް ލިބިފައިވާ ފަރެއް އޮންނަ ރަށަކަށް ވުމުން އެ ރަށަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު ވެސް ގިނައެވެ.
ފުޅަދޫ: ގެސްޓް ހައުސްއެއް
މަސްވެރިކަމާއި ފަތުރު ވެރިކަމަށް ބިނާ ވެފައިވާ ފުޅަދޫ ރައްޔިތުންނާއި، އެ ރަށަށް ޒިޔާރަތްކުރާ މީހުންގެ ވެސް އޮތް އެންމެ ބޮޑު އެއް ކަންބޮޑު ވުމަކީ ފެން ތަގައްޔަރުވެ ފެނުން ނުބައިވަސް ދުވުމެވެ. ރައްކާތެރި ފެނުގެ ނިޒާމެއް ނެތުމެވެ. ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމެއްނެތި ރާއްޖޭގެ ރަށްތައް ތަރައްގީ ވެގެން ނުދާނެކަމާއި، ދުޅަހެޔޮ ވެއްޓެއް ބިނާ ނުކުރެވޭނެކަން ރައީސް އަބަދުވެސް ގަބޫލު ކުރައްވައެވެ.
އާބާދީގެ ގޮތުން މަދުބަޔަކު ދިރިއުޅުނު ނަމަވެސް ސަރުކާރުގެ ސިޔާސަތުގެ ދަށުން ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމް ފުޅަދޫގައި ގާއިމް ކުރުމުގެ މަސައްކަތް ފެށުމަށް ފެނަކަ ކޯޕަރޭޝަނުން އަންނީ ތައްޔާރުވަމުންނެވެ. އެ ގޮތުން ފެންޕްލާންޓް އަޅާނެ ބިންސާފު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް ނިމުމުން އަމަލީ މަސައްކަތް ލަހެއްނުވެ ފެށޭނެ ކަމަށް ފެނަކައިން ބުނެއެވެ. މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް ސާމާނު މިހާރު ވަނީ އެ ރަށަށް ގެންގޮސްފައެވެ. އަދި އެ މަސައްކަތައް ބޭނުންވާ މުވައްޒަފުން ވެސް އެ ރަށުން މިހާރު ވަނީ ނަގާފައެވެ.