ހެޔޮވެރިކަން: ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން

ހޮޅުދޫގެ މަގުތައް ތަރައްގީ ކުރުމަށް 71 މިލިއަން ރުފިޔާ ހަރަދުކުރާނެ!

ހެޔޮވެރިކަން: ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން

ނ. ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ ވެސް ރައީސް ސާލިހުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ޖަޒީރާވަންތަ ދިރިއުޅުމެއް އުފާވެރި އަމާން ވެއްޓެއްގައި، އެންމެނަށް އުޅެވޭނެ ގޮތް ހައްދަވާ ދެއްވުމަކީ ރައީސް ސާލިހުގެ ހެޔޮވެރި ކަމުގެ އެއް ބައެވެ. 

އެގޮތުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްގެން ނ. ހޮޅުދޫ މަގުތައް ތަރައްގީ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުގެ ނިންމުމާއި އެއް ގޮތަށް މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން މިހާރުވަނީ ސޮއި ކޮށްފައެވެ. ހޮޅުދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އަމަޅީ މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ.

ފެން ބޮޑުވެފައިވާ މަގެއް: ނ . ހޮޅުދޫ 

ނ. ހޮޅުދޫގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތަކީ ރަށުގެ ކައުންސިލުން ވެސް ސަރުކާރުގައި އެދެމުން އަންނަ ކަމެކެވެ. އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހޮޅުދުއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ރަށުގެ ކައުންސިލުން ވަނީ އެ ރަށުގެ މަގުތައް ތަރައްގީ ކޮށްދެއްވުމަށް ރައީސަށް ދަންނަވާފައެވެ.

އަޑިގުޑަން ވުމާއި ވިއްސާރަ ދުވަސްވަރު ފެން ބޮޑުވުމުގެ މައްސަލަ ބޮޑު ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން ރަށުގެ 4.3 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައިގެން މަގުތައް ތަރައްގީ ކުރާނެއެވެ. މަގުތައް ތަރައްގީ ކުރަން ހިންގާ މި މަޝްރޫއުގައި ހިމަނާފައިވަނީ ރަށުގެ މުހިންމު މުއައްސަސާތައް ހުރި މަގުތަކާއި، އާއްމުން ގިނައިން ހިދުމަތްތައް ހޯދުމަށް ބޭނުން ކުރާ މަގުތަކެވެ.

މަގު ހެދުމުގެ މަސައްކަތުގެ ދަށުން ފެން ހިންދާ ނިޒާމު ގާއިމު ކުރުމާއި، މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރެވޭނެއެވެ. މަސައްކަތް ނިންމުމަށް 1 އަހަރާ 3 މަސް ދުވަސް ނަގާނެއެވެ. ހޮޅުދޫގެ މަގުތައް ތަރައްގީ ކުރުމަށް  71 މިލިއަނަށް ވުރެ ގިނަ ފައިސާ ސަރުކާރުން ހަރަދު ކުރާނެއެވެ.