ސްޓެލްކޯއިން ހަންޏާމީދޫގައި ފެނުގެ ހިދުމަތް ދޭންފެށުން

މިވަގުތު ހަންޏާމީދުއަށް ފެން ލިބެނީ 170 ކަނެކްޝަނުން

ސްޓެލްކޯއިން ހަންޏާމީދޫގައި ފެނުގެ ހިދުމަތް ދޭންފެށުން

ރައީސް ސާލިހުގެ ހެޔޮވެރި ކަމުގައި އަސާސީ ހިދުމަތް ގާއިމުކުރުމުގައި ވަކިރަށެއް ތަފާތު ނުކުރުމުގެ ހަމަހަމަ ޕްރޮގްރާމްގެ ދަށުން އދ. ހަންޏާމީދޫއަށް ފެނުގެ ހިދުމަތް ރަސްމީކޮށް އިއްޔެ ދޭން ފަށައިފިއެވެ. މި މަސައްކަތަކީ ސަރުކާރުން ސްޓެލްކޯއާއި 2021 ވަނަ އަހަރުގެ މާޗް މަހު ހަވާލުކުރި މަސައްކަތެކެވެ.

ހަންޏާމީދޫގެ ފެނުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަތީފާއި ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމެވެ.  އެކަމަށްޓަކާ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 

ފެނުގެ ހިދުމަތަށް އެދިފައިވާ ހަންޏާމީދޫގެ ހުރިހާ ގޭބީސީއަކާއި ވިޔަފާރިއަކަށް ފެނުގެ ހިދުމަތް ބަރާބަރަށް މިހާރު ލިބެން ވަނީ ފަށާފައެވެ. ހަންޏާމީދޫގައި މިވަގުތު ހިދުމަތްދެނީ ޖުމުލަ 170 ކަނެކްޝަނަކަށެވެ. ހަންޏާމީދުއަށް ފެނުގެ ހިދުމަތް ދެނީ ސްޓެލްކޯއިންނެވެ. މިހާރު ފެނުގެ ހިދުމަތަށް އެދިފައިވާ ފަރާތްތަކަށާއި މި މަހުގެ ނިޔަލަށް ފެނުގެ ހިދުމަތަށް އެދޭ ފަރާތްތަކަށް ސްޓެލްކޯއިން އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ވަނީ ނިންމާފައެވެ.