ހިނދުކޮޅަކަށްވެސް މާލޭން ބޭރުގައި އުޅެފި މީހަކަށް ފްލެޓްނުލިބޭ

މަޖުބޫރީ ސަބަބުތަކަށްޓަކައި މާލެއިން ބޭރަށް ދާންޖެހުނު މީހުންނަށް ފްލެޓު ނުލިބޭނެ ކަމަށް ސަރުކާރުން އަންގަމުންދާ ކަން ފަހިޔުނިއަނުން ކަށަވަރުކޮށްދެއެވެ. ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ މީހުންގެ ތެރޭގައި ހިމެނުނު ބައެއް މީހުންނަށް ފްލެޓު ނުލިބޭނެ ކަމަށް ބުނާ ސަބަބަކީ ކިތަންމެ ކިތަންމެ ބޮޑު މަޖުބޫރީ ހާލަެއް ދިމާވެގެންވެސް ކުޑަދުވަސް ކޮޅަކުވިޔަސް މާލޭން ބޭރުގައި އުޅުޅުމެވެ.
ރައީސް ސޯލިހު ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ މީހުންގެ ތެރޭގައި ހިމެނުނު ބައެއް މީހުންނަށް ފްލެޓު ނުލިބޭނެ ކަމަށް ބުނާ ސަބަބުތަކުގެ ތެރޭގައި މަޖުބޫރީ އެތައް ހާލަތެއް ހިމެނެއެވެ. އެގޮތުން ކުށް ސާބިތުވިޔަސް ނުވިޔަސް އެކި މައްސަލަތަކުގައި ޖަލަށް ލާފައި ތިބި މީހުންނަށް ވެސް މިހާރު ފްލެޓެއް ނުލިބެއެވެ. ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް މަޖުބޫރުވެގެން ރާއްޖޭން ބޭރުގައި އުޅެން ޖެހުނު މީހުނަށްވެސް މިހާރު ފްލެޓެއް ނުލިބެއެވެ. ތައުލީމު ހާސިލު ކުރުމަށް ރާއްޖެއިން ބޭރުގައި އުޅެން ޖެހުނު ފަރާތްތަށްވެސް ފްލެޓު ލިބުމުގެ ހައްގުން ވަނީ މަހުރޫމް ކޮށްފައެވެ. ކޮވިޑުގެ ދުވަސްވަރު މާލޭގައި އުޅެވޭނެ ގޮތެއް ނެތިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަގުތީގޮތުން ދިރިއުޅުން ބަދަލުކުރި މީހުންނަށް ވެސް ފްލެޓެއް ނުލިބެއެވެ.
ރައީސް ސޯލިހު ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ މީހުންގެ ތެރޭގައި ހިމެނުނު އެތައް ބަޔަކު ފްލެޓް ލިބުމުގެ ހައްގުން މާލޭ މަހުރޫމް ކުރަނީ މަޖުބޫރުވެގެން މާލޭން ބޭރުގައި އުޅުނުއުޅުން ހުއްޖަތަކަށް ހަދައިގެންނެވެ. މަޖުބޫރުވެގެން މާލޭން ބޭރުގައި އުޅުނު އެތައް ބަޔަކަށް ފްލެޓް ނުލިބޭނެކަމުގެ ލިޔުން ސަރުކާރުން ފޮނުވަމުން ދާކަމަށް ފަހި ޔުނިއަނުން ބުނެއެވެ.
މާލޭ މީހުންނާއި ގިނަ ދުވަހު މާލޭގައި ދިރިއުޅެމުންދާ މީހުންގެ ބޯހިޔާވަހި ކަމުގެ ހައްގުގައި މަސައްކަތްކުރާ އެންޖީއޯ ފަހި ޔުނިއަން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާނެއް ނެރެފައެވެ. ނޫސްބަޔާން ނެރެންޖެހުނީ ބުނެވިދިޔަ ގޮތަށް އެކަން ހިނގަމުންދާތީ އެކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެންނަ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އަދި އެކަން އެގޮތަށް ކުރުން ވަގުތުން ހުއްޓައިލުމަށް ފަހި ޔޫނިއަނުން ސަރުކާރަށް ގޮވާލައިފައިވެއެވެ.
ފަހި ޔުނިއަންގެ ބަޔާން ބުނާގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކާއި މާލެ ސަރަހައްދުން މީގެ ކުރިން ދޫކޮށްފައި ހުރި ފްލެޓުތަކަށް ދައްކަންޖެހޭ ކުލި މުއިއްޒު ސަރުކާރުން ކުޑަކޮށްދިން ނަމަވެސް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތަކުގެ ކުލި ކުޑަ ކޮށެއް ނުދެއެވެ. ކުރިން ދޫކޮށްފައި ހުރި ފްލެޓުތަކުގެ ކުލި ކުޑަކުރުމުގެ ސަބަބަކަށް ދެއްކީ ޑޮލަރުގެ އަގު ބޮޑުވުމާއި ތަކެތީގެ ދިރިއުޅުމުގެ ހަރަދު އިންތިހާއަށް ބޮޑުވުން ކަމަށް ފަހި ޔޫނިއަންގެ ބަޔާނުގައި ބުނެއެވެ. ކަޅު ބާޒާރުގައި 16.50ރ އަށް ޑޮލަރު ލިބުނުއިރު ޑޮލަރުގެ އަގު ބޮޑުވުމާއި ތަކެތީގެ ދިރިއުޅުމުގެ ހަރަދު އިންތިހާއަށް ބޮޑުވެގެން ކުރީގެ ފްލެޓްތަކުގެ ކުލި ކުޑަކުރިއެވެ. ނަމަވެސް 20ރ އާއި 21ރ ދެމެދުގައި މިހާރު ޑޮލަރުގެ އަގުހުއްޓަސް 4000 ފްލެޓު ހަވާލު ކުރުމުގައި ކުޑަކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭތީ ފަހި ޔުނިއަނުން ކަންބޮޑުވެއެވެ. ފަހި ޔުނިއަނުން ސަރުކާރަށް ގޮވާލަނީ 4000 ފްލެޓުގެ ކުލި ކުޑަކޮށްދީ ޑައުންޕޭމަންޓުގެ ގޮތުގައި ފައިސާ ނުނެގުމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ދެ ކޮޓަރީގެ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި 7000 ރުފިޔާ ދައްކަން ޖެހޭއިރު މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 1000ރ ދައްކަންޖެހެއެވެ. ގެދޮރުވެރިޔާގެ ދެ ކޮޓަރީގެ ފްލެޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15000ރ. ދައްކަންޖެއެވެ.
ތިން ކޮޓަރީގެ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 9000ރ އެވެ. މެއިންޓެނެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 1500ރ އެވެ. ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހެނީ 25000ރ އެވެ. ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންނަށް ފްލެޓް ރަޖިސްޓްރީ ކޮށްދެނީ ފްލެޓްގެ އަގުދައްކާ މިލްކު ކުރުމުންނެވެ. އަގުދައްކާ ހަމަކުރަން 25 އަހަރުގެ މުއްދަތު ލިބުނަސް ގަވައިދުން މަހުން މަހަށް އަގުނުދައްކަންޏާ ފްލެޓް އަތުލުމުގެ ބާރު ފަހި ދިރިއުޅުން ކޯޕަރޭޝަނަށް އޮވެއެވެ.