މިލަންދޫ ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައިފި

މިލަންދޫ ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުއްމަޑުލު އުތުރުބުރީ މިލަންދޫ ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިލަންދޫ ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވީ، މިހާރު އެއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނުއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ފެނަކަ އައު އޮފީސް ޢިމާރާތަކީ ޒަމާނީ އޮފީސް އިމާރާތެކެވެ. މި އޮފީސް އިމާރާތުގައި، 54 މުވައްޒަފުންނަށް ދަތިކަމެއް ނެތި މަސައްކަތް ކުރެވޭއިރު، މިއީ ތިންބުރީގެ އޮފީސް ޢިމާރާތެކެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ވަނީ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިންމާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙްކޮށްދެއްވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތަކީ ވަކިރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށްވެސް ތަރައްޤީ ކަށަވަރުކޮށްދިނުން ކަމަށެވެ.